ENGLISH

25 މާރިޗު 2026

Advertisement

މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް، ބިލު ތަސްދީގުކުރެވުމުން ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ

23 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅުއްވައި އެ ބިލު ފާސްވެ ތަސްދީގުކުރެވުމުން މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރަައީސް ވިދާޅުވީ މަރުގެ ހުކުމް އިއްވައި، ތަންފީޒުކުރާ މަރުހަލާގައި ތިބި މީހުން އެބަތިބި ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމަކީ ކުރީގެ ސަރުކާރުތަކުން ތަންފީޒުކުރާނެ ކަމުގައި ބުނެ ތަންފީޒުނުކުރާ ކަމެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ހައިސިއްޔަތުން މަރުގެ ހުކުމް ތަންފީޒުނުކުރުމަކީ އޮތް ހިޔާރެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. 

"ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުރި މީހާއަށް އޮތް ޗޮއިސެއް ނޫން މަރުގެ އަދަބު އިއްވަންޖެހޭ ފަރާތަކަށް ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެ ހުކުމް ނުއިއްވައި ބެހެއްޓުމަކީ. މަރާލި ފަރާތެއްގެ އާއިލާއިން މައާފުނުކުރާ ފަރާތްތައް ހަމަ ތިބި ގޮތަށް އެބަތިބި. އަދި މިހާރު ޑްރަގު ޓެރެފިކިން ކަންތަކުގައި ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރެއިން ވަކި ވަރަކަށް އިތުރަށް ޑްރަގް ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ބަދަލުކުރެވިފައިވަނީ‌. އެހެންނަމަވެސް މި ޝަރުއީ ނިޒާމުގެ ތެރެއިން މަރުގެ އަދަބު އިއްވާފައިވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން މިއޮންނަނީ މިއަދާ ހަމައަށް އައިއިރު އެއްވެސް ގޮތަކަށް ތަންފީޒުނުކުރެވި،" ރައީސް ވިދާޅުވިއެވެ. 

މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑުގެ ތެރެއަށް މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދާ ހަމައަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލެވިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ގާނޫނެއް ހުށަހަޅުއްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރުމުގެ ހާއްސަ ގާނޫނުގެ ބިލު އެކުލަވައިލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރިއަށްގެންގޮސް މިހާރު ނިމުމަކާ ހަމަައަށް ގެނެވިފައިވާ ކަމަށެވެ. 

"އެ ބިލު މަޖިލީހުން ފާސްވެގެން އައުމާއެކު އެ ބިލު ތަސްދީގުކުރެވި ޝަރުއީ މަރަލާ ފުރިހަމަވެ މަރުގެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނަން،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ރާއްޖޭގައި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ތަންފީޒުނުކޮށް ހިފަހެއްޓޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުން ގާނޫނު ފާސްކުރެވުމާއެކު އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު