ENGLISH
22 މާރިޗު 2026
ފަތުރުވެރީންނަށް އިތުރު ދެ ވިސާއެއް، އިތުރު ފުރުސަތުތައް ހުޅުވާލަނީ
22 މާރިޗު 2026
|
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް --
އެންމެ މަޤްބޫލު
ރާއްޖެ އަންނަ ފަތުރުވެރީންނަށް އިތުރު ދެ ވިސާއެއް ތަޢާރަފުކޮށް ފަތުރުވެރީންނަށް އިތުރު ފުރުސަތުތައް ހުޅުވާލަން ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމެރިކާއާ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދިނުމާއި ގުޅިގެން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ސަަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރީންގެ ތެރެއިން މެދުއިރުމަތީގެ އެއަރލައިންތަކުން އަންނަ ފަތުރުވެރީންގެ ނިސްބަތް 30 އިންސައްތަ ހިއްސާކުރާއިރު އެ ދަތުރުތައް ކެންސަލްވުމަކީ އިޤްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ އެ ގެއްލުން ކުޑަކުރަން ވަރަށް ގިނަ މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ދެ މަހަކީ އެންމެ ގިނައިން ފަތުރުވެރީން އަައި ދެ މަސްކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މި މަހު ރާއްޖެ އައީ 97,000 ފަތުރުވެރީން ކަމަށެވެ. އެއީ ކުރީ ދެ މަހާއި ބަލާއިރު 21 އިންސައްތައިގެ ދަށްވުމެއް ކަމަށެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އައީ 562956 ފަތުރުވެރީން ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން އެނބުރި ޤައުމަށް ދާން ބޭނުންނުވާ ފަތުރުވެރީން އެ މީހުންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭން އެދެމުންދާ ކަަމަށެވެ. މިހާރު އޮތްގޮތުން ވިސާގެ މުއްދަތު އިތުރުކުރުމަށް އޮތީ އުނދަގޫ މަރުހަލާއެއް ކަމަށާ އެހެން ކަމުން އިތުރު ބައެއް ވިސާ ތަޢާރަފުކޮށް ވިސާގެ މުއްދަތު އިތުރުކުރަން ފަސޭހަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެގޮތުން ރިމޯޓް ވޯކިން ވިސާ އާއި ކޮންޓެންޓްކްރޭޓިވް ވިސާއެއް ތަޢާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އަދި ބައެއް ފުރުސަތުތައް ފަހިކޮށްދީ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ސްޕިއާ ފިޝިންއަށް ހުޅުވާލުމާއި ޓެކްނިކަލް އެންޑް ރިކްރިއޭޝަނަލް ޑައިވިންއަށް ހުޅުވާލަން ވެސް މިހާރު ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ސުޕަ ޔޮޓާއި ލިވަބޯޑް ޗާޓަ ޓްއަރިޒަމް ވެސް އިތުރަށް ހަރުދަނާކޮށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި ހަލާލު ޓޫރިޒަމް ފުޅާކުރުމަށް އިތުރު މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.