ENGLISH

22 މާރިޗު 2026

Advertisement

ރައީސް، ދޮރުން ދޮރަށް ސިލްސިލާ ހަރަކާތުގައި ހެންވޭރު ދެކުނަށް ވަޑައިގެންފި

22 މާރިޗު 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެންވޭރު ދެކުނު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންނެވުން.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެންވޭރު ދެކުނަށް ވަޑައިގެންފިއެވެ. 

މިއަދުގެ ދޮރުން ދޮރަށް ހަރަކާތަކީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ފެއްޓެވި ދޮރުން ދޮރަށް ހަރަކާތްތަކުގެ ތެރެއިން އެމަނިކުފާނު ބައިވެރިވަޑައިގެންނެވި 22 ވަނަ ދޮރުން ދޮރަށް ހަރަކާތެވެ. މީގެކުރިން އެމަނިކުފާނު ވަނީ މާލެ ސަރަޙައްދުގެ 17 ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފައެވެ. 

މިއަދުގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެން އިމްރާން ލަތީފް ބައިވެރިވަޑައިގެންނެވިއެވެ. އަދި، ދޮރުން ދޮރަށް ހަރަކާތުގައި އާއްމުކޮށް ބައިވެރިވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ މޭޔަރަލް ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވަޑައިގެންނެވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެންވޭރު ދެކުނު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންނެވުން. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހެންވޭރު ދެކުނުން ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ. 

މިއަދުގެ ހަރަކާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހެންވޭރު ދެކުނުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައިފައެވެ. އަދި، އާއްމު ރައްޔިތުންނާ މަގުމަތިން ވެސް ބައްދަލުކުރައްވައި ރައްޔިތުންގެ ހުށަހެޅުންތައް އަޑުއެއްސެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދަވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދުހޯއްދެވުމުގެ ގޮތުންނެވެ. އިންތިޚާބުތައް އޮންނާނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު