ENGLISH
22 މާރިޗު 2026
މޫސާ އަލީ ޖަލީލަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު
22 މާރިޗު 2026
|
މާލޭ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ ކުރީގެ ރައީސް ސަރަގު އާދަމް މަނިކް
އެންމެ މަޤްބޫލު
ކުރިއަތް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ މޭޔަރ ކެންޑިޑޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި އެމަނިކުފާނު އެންޑޯޒް ކުރައްވައި އެކަން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ހާމަކުރައްވައިފި އެވެ.
މިއަދު ހެނދުނު އާދަމް މަނިކުވަނީ މޫސާ އަލީ ޖަލީލާ ބައްދަލުކުރައްވާފަ އެވެ. ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މާލެއަށް ކަންކަން ކޮށްދެވޭނެ ގާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައިގައި ކަމަށެވެ.
މާލެއަށް އަޅާނުލެވި ޒަމާންތަކެއް ފާއިތުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އާދަމް މަނިކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވީ ވަރުގަދަ އެޖެންޑާއަކާ އެކުގައި ކަމަށެވެ. އަދި އެ އެޖެންޑާ މޫސާ އަލީ ޖަލީލު ތަންފީޒުކުރައްވާނެކަމަށާއި ވުމާއެކު މޫސާ އަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއްކަމަށް ވިދާޅުވި އެވެ. މާލެއަށް ކަންކަން ކޮށްދިނުމުގެ ގާބިލުކަން އަދުގެ ސަރުކާރުގެ ކިބައިގައި އެބަހުރިކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
ސަރަނގު އާދަމް މަނިކަކީ މާލޭ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ ކުރީގެ ރައީސްވެސްމެއެވެ.
މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވީ ސަރަނގު އާދަމް މަނިކެވެ. ނަމަވެސް މޭޔަރުގެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވިއެވެ. އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ދައުރު ފުރިހަމަ ކުރެއްވި އެވެ.
އެމްޑީޕީގެ ހަރަކާތްތަކުން ކުރިން ފެނުނު ސަރަނގު އާދަމް މަނިކު ވަނީ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައިވެސް ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ.