ENGLISH

21 މާރިޗު 2026

Advertisement

މެންބަރުން ގަނެވިއްކާ ބަޔަކަށް ހެދީ އެމްޑީޕީން: އައިފާން

21 މާރިޗު 2026

|

އައިމިނަތު ޝަފާ

އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގްރާމްއަށް އައިފާން އިންޓަވިއު ދެއްވަނީ. --ފޮޓޯ: އެމްއެމްޓީވީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ގަނެވިއްކާ ބަޔަކަށް ހެދީ އެމްޑީޕީންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތް "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ އިންތިހާބުގެ ދުވަސްވަރަކީ މުޅި ގައުމަށް ހަލަބޮލިކަން އަންނަ ދުވަސްވަރެއް ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައިވަނީ ވެރިކަންކުރާ ޕާޓީތަކަށް ނޫންކަމަށާއި ވުމާއެކު ސިޔާސީ މަންފާ ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެވިއްކާ ބަޔަކަށް ހަދައި އިތުބާރު ގެއްލުވާލުމުގެ މަސައްކަތް ފެށި ބަޔަކީ އެމްޑީޕީން ކަމަށް މެމްބަރު ވިދާޅުވި އެވެ. 

"2008 ގައި ވެރިކަމަށް އެމްޑީޕީ އައިއިރު އޮތީ ރައީސް މައުމޫނު އެކުލަވާލާފައި އޮތް މަޖިލީހެއް. އެފަހަރުގެ މަޖިލީހުގައި ޑީއާރްޕީއަށް މެޖޯރިޓީ ލިބުނީ. ދެން އޭގެ ފަހުން އައި މަޖިލިސްތަކުގައި. ހަގީގަތަކީ ރާއްޖޭގެ ތާރީހުގައި މަޖިލިސް މެމްބަރުންގެ އިތުބާރު ގެއްލުވާލީ ރައީސް ނަޝީދު އޭރުގެ އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި. އޭރުގައި ފެނުނީ ބައެއް މީހުން ތުހުމަތުކުރަމުން ވެސް އައީ މަޖިލިސް މެމްބަރުންނަކީ އެކިއެކި އަގުގައި ވިކޭ ބަޔެކޭ. އެގޮތުން ޑީއާރްޕީއަށް ހޮވިފައި ތިބި މެމްބަރުން އެމްޑީޕީއަށް ސޮއިކުރި މަންޒަރުވެސް ފެނުނު. ތާރީހަށް ބަލާލީމައި މި ހަަގީގަތް ފެންނާނެ. " - ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން

މެމްބަރު އައިފާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ފެނިގެންދިޔައީ އޭރު އޮތް އެމްޑީޕީގެ ސްޕަ މެޖޯރިޓީން ރައީސަށް ޖެއްސުންކުރަމުންދިޔަ މަންޒަރުކަމަށާއި އޭގެ ތެރެއިން ވަޒީރުންނަށް ރުހުން ނުދިނުމާއި ބަޖެޓު ފާސްކުރުމުގައި ރައީސަށް ފުރުސަތު ނުދިނުމާިއ ރައީސް އަޒަލުކުރަން ނިންމި ނިންމުން ހިމެނޭކަމަ ށެވެ. 

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށްވާއިރު އެމްޑީޕީއާއި ހަމަ އެޕާޓީގެ އެތެރޭގެ ބައިބައިވުމުގައި އުފެއްދި ޑިމޮކްރެޓްސް އިން ވަނީ އޭރު ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މިސަބަބާ ހުރެ ދައުލަތް ހިންގުން މުޅީންހެން ހުއްޓުމަކަށް ދިޔަކަމަށް އައިފާން ވިދާޅުވި އެވެ. 

ސިޔާސީ ހަމަނުޖެހުމުގެ ތެރޭގައި ސަރުކާރަކަށް ހަ މަސްދުވަސް ގެއްލެމުން އަންނަ އައުން ހުއްޓުވައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް ބޮޑު ބާރަކަށްވެގެންދާނެކަމަށް އައިފާން ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު