ENGLISH

21 މާރިޗު 2026

Advertisement

ފެންނަނީ ތާއީދު ނެތް ބަޔަކު ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތްތައް: އައިފާން

21 މާރިޗު 2026

|

އައިމިނަތު ޝަފާ

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން. ފޮޓޯ؛ މަޖިލިސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ދެކޮޅު ހަދައި އިދިކޮޅު އެމްޑީޕީން ކުރަމުން އަންނަ މަސައްކަތްތަކުން ފެންނަނީ ތާއީދު ނެތް ބަޔަކު ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތްތައްކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.

ކުރިއަސް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތް "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ މާޒީއަށް ބަލާއިރު ރިޔާސީ އިންތިހާބުތަކަކީ އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާން ނުކުންނަ އިންތިހާބު ކަމަށެވެ. ވުމާއެކު މަޖިލިސް އިންތިހާބު ހަމަ އެދުވަހު ބޭއްވުމުން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިގެންދާނޭކަމަށް އައިފާން ވިދާޅުވި އެވެ. 

މަލްޓި ޕާޓީ ނިޒާމާއި ޑިމޮކްރަސީގެ އެންމެ މައިގަނޑު އަސާސަކީ ވެސް ދައުލަތުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުންކަމަށްވީއިރު ދެ އިންތިހާބު އެެއް ދުވަހެއްގައި ބާއްވައިގެން ސަރުކާރުން އުޅެނީ ގައުމީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްކަމަށް އައިފާން ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް އޮޅުވާލައި ސަރުކާރަށް ޖެއްސުންކުރަން އެމްޑީޕީން އުޅެނީ ސަރުކާރުން މި ފުރުސަތު ރައްޔިތުންނަށް ދީފާނެތީކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. 

"ހަގީގަތަކީ ރައްޔިތުންނަށް ވަރަށް ސާފު މިވާގޮތް. ތާއީދު ނެތް ބަޔަކު ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތްތަކެއް ގޮތުގައި އަޅުގަނޑު ސިފަކުރަނީ. " - ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ ގައުމަށް ސިޔާސީ ހަމަޖެހުން އައިސް ސަރުކާރަށް ދައުލަތް ހިންގުމަށް ފަސޭހަވެގެންދާނެކަމަށް އައިފާން ވިދާޅުވި އެވެ. 

ދެ އިނތިހާބުގެ ރެފަރެންޑަމްއަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ތާއީދުކުރާއިރު އެ ޕާޓީން ދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިންތިޚާބުތަކަށް ހޭދަވާ ވަގުތު ސަލާމަތްކުރުމުގެ ގޮތުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް މުޅި ރާއްޖޭގައި ކުރިއަށް ގެންދަމުން ނެވެ. 

އަދި ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން ވެސް އެ ޕާޓީން ދަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު