ENGLISH
20 މާރިޗު 2026
ތިމަންނާމެން ނޫން ބަޔަކު ރަނގަޅު ކަމެއް ކުރިޔަސް ބަލައިނުގަތުމަކީ އެމްޑީޕީގެ ސިޔާސަތު: ޒަމީރު
20 މާރިޗު 2026
|
މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޒަމީރު
އެންމެ މަޤްބޫލު
ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ ނޫން ބަޔަކު ތިބެގެން ކުރާ ރަނގަޅު އެއްވެސް ކަމެއް ބަލައި ނުގަތުމަކީ އެމްޑީޕީގެ ސިޔާސަތުކަަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.
މެދު ހެންވޭރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެ ސަރަހައްދުގައި ހުންނަވަައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މެމްބަރު ވިދާޅުވީ އެމްޑީޕީއާ ހިޔާލު ތަފާތުވެ އެ ޕާޓީ ދޫކޮށްލަންޖެހުނު ސަބަބަކީ އެމްޑީޕީގެ ސިޔާސަތުތައް އޭނާ ގަބޫލުކުރައްވާ ހަމައިން އެއްކިބާވެގެންދިއުން ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ ގަބޫލުކުރަން އުނދަގޫވި އެއް ސިޔާސަތަކީ އެ ޕާޓީ ނޫން ބަޔަކު ވެރިކަމުގައި އޮތް ނަމަ އެ ބަޔަކު ގައުމަށްޓަކައި އަދި ރަައްޔިތުންނަށްޓަކައި ކުރާ ރަނގަޅު ކަންކަން ބަލައި ނުގެން އެކަމާ ދެކޮޅަށް ތެދުވުމުގައި ގެންގުޅޭ ސިޔާސަތުކަމަށް މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފިކުރު ބަދަލުވާންޖެހުނު އެއް ސަބަބު ތިއީ. ތިމަންނާމެން ނޫން ބަޔަކު ކިތަންމެ ރަނގަޅުކަމެއް ކުރިޔަސް އެކަމެއް ތިމަންނާމެން ބަލައެއް ނުގަންނާނަމޭ. ތިމަންނާމެން ނޫން ބަޔަކު ކިތަންމެ ރަނގަޅުކަމެއް ކުރިޔަސް އެކަމާ އިދިކޮޅަށޭ ތިމަންނާމެން ތެދުވާނީ. އިދިކޮޅުގައި ތިބޭހާ ދުވަހަކު މިގޮތަށޭ އަމަލުކުރާނީ. " - މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
އައު ގާނޫނު އަސާސީ 2008 ވަނަ އަހަރު އެކުލަވާލުމުގައި ވެެސް އެމްޑީޕީން އަމަލުކުރީ މިގޮތަށްކަމަށާއި އޭރު ޕާޓީގެ އިސްބޭފުޅުން ވެސް ފާޅުގައި މިމޭރުމުން ވާހަކަފުޅު ދެއްކެވިކަމަށް މެމްބަރު ޒަމީރު ވިދާޅުވި އެވެ.
"ރައީސް މަައުމޫނު ރިޔާސީ ނިޒާމަކަށް ތާއީދުކުރެއްވުމާއެކު ތިމަންނާމެންވެސް އެގޮތަށް ރުހި ތިބެ ބަރުލަމާނީ ނިޒާމު ގެންނަން ވަކާލާތުކުރީ އެމަނިކުފާނާ ދެކޮޅަށް އެކަން ކުރަންވެގެންނޭ. ރައްޔިތުންނަށް ވަރަށް ސާފު އެމްޑީޕީގެ ނިޔަތް. " - މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
އިންތިހާބާ ދިމާކޮށް އެމްޑީޕީން މިހާރު ވެސް ދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަމަށާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އެމްޑީޕީއަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނޯންނާނެކަމަށް ޒަމީރު ވިދާޅުވި އެވެ.
އެމްޑީޕީން ދައްކާ ވާހަކަ ރައްޔިތުން ގަބޫލުނުކުރާކަމަށާއި ރައްޔިތުން މިއަދު ތިބީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް އެކަމަށް "އާނއެކޭ" ބުނަން ތައްޔާރުވެގެންކަމަށް މެމްބަރު ޒަމީރު ވަނީ ވިދާޅުވެފަ އެވެ.
ތިމަންނާމެން ނޫން ބަޔަކު ރަނގަޅު ކަމެއް ކުރިޔަސް ބަލައިނުގަތުމަކީ އެމްޑީޕީގެ ސިޔާސަތު: ޒަމީރު