ENGLISH

20 މާރިޗު 2026

Advertisement

ކުޑަ މަޖިލީހަކުން ނެެރެވޭ ނަތީޖާ މާ ރަނގަޅުވާނެ: މަހުލޫފް

20 މާރިޗު 2026

|

އައިމިނަތު ޝަފާ

ސަފީރު މަހުލޫފް ރައީސާއެކު. މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރަން އޭނާ ތާއީދުކުރައްވާ. ފޮޓޯ؛ ސަން

ކުޑަ މަޖިލީހަކުން ފައިދާ ހުރި ނަތީޖާތަކެއް ނެރެވޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން، ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ތާއީދުކުރައްވައިފި އެވެ. 

މެދު ހެންވޭރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެ ސަރަހައްދުގައި ހުންނަވަައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މަހުލޫފު ވިދާޅުވީ މަޖިލީހުގެ އަދަދު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. ރާއްޖެއަށްވުރެ އާބާދީ ބޮޑެތި ގައުމުތަކުގައި މާ މަދު މެމްބަރުން ތިއްބަވައިގެން މާ އޮއްޓަރު ހުރި މަސައްކަތް ކުރަމުން ދާކަމަށް މަހުލޫފު ވިދާޅުވި އެވެ. 

"އަޅުގަނޑު ޕާސަނަލީ ހިތްހަމަޖެހޭނީ އެންމެ ކުރީގައި އޮންނަ ގޮތަށް ކޮންމެ އަތޮޅެއް ތަމްސީލުކުރަން އެކެއް ނުވަތަ ދެ މެމްބަރުން ތިއްބަވަން. އެވަރުގެ ކުޑަ މަޖިލީހެއް އޮވެއްޖެނަމަ އެ މަޖިލީހުން ނެރެވޭ ނަތީޖާ މާ ރަނގަޅުވާނެ. އިންތިހާބުވެގެން އަންނަ މެމްބަރުންގެ ވެސް ބުރަދަނެއް ހުންނާނެ. މިހާރު މަޖިލީހެއްގެ މުހިންމުކަން ވެސް ގެއްލޭ ވަރަށް އިތުރުވަމުންދަނީ. މާލެ އަށް މިސާލަކަށް ހަތަރު މެމްބަރުން ބަލަމާ. އޭރަށް ރަނގަޅު އިންތިހާބެއްގެ ތެރެއިން ރަނގަޅު މެމްބަރުންތަކެއް އިންތިހާބުވެގެން އައިސް ރަނގަޅު ބަހުސްތަކެއް ކުރެވޭނެ. " - ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތިން އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވަނީ ހާމަކުރައްވާފަ އެވެ. އެ ބަދަލުތަކަކީ؛ 

1. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.

2. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.

3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.

އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮންނަ އޮތުމުގެ ސަބަބުން ބައެއް ސިޔާސީ ބޭފުޅުންނާއި އާއްމުންގެ ގިނަ ބަޔަކު މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. 

އައު ގާނޫނު އަސާސީއާއެކު 2009 އިންތިހާބުކުރި މަޖިލީހުގައި އިންތިހާބީ ދާއިރާތަކަށް މާލެ އާއި އަތޮޅުތައް ބަހާލައިގެން ޖުމުލަ 77 މެމްބަރުން ތިއްބެވި އެވެ. 2014 ގައި އެކުލަވާލި މަޖިލީހުގެ މެންބަރުންގެ އަދަދު 85 އަށް ބަދަލުވެ، އަދި  2019 ގައި ބޭއްވި އިންތިހާބަށް މެންބަރުންގެ އަދަދު 87 އަށް އިތުރުވި އެވެ. 20 ވަނަ ދައުރަށް  އިންތިހާބުކުރި މަޖިލީހުގައި މިހާރު ތިއްބަވަނީ 93 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ވިޔަ ނުދިނުމަށްޓަކައި ގާނޫނު އަސާސީއަށް އެންމެ ފަހުން އިސްލާހެއް ހުށަހެޅުއްވީ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އޭރު ހުށަހެޅުއްވީ 87 މެންބަރުންނަށް ވުރެ އިތުރު ނުކުރުމަށެވެ. އެ ހުށަހެޅުމަށް މަޖިލީހުގައި ބަހުސް ކުރި ނަމަވެސް އެ ބަދަލު ގެންނަން ފާހެއް ނުވެ އެވެ.

މަޖިލީހުގެ މެންބަރުން އިތުރުވުމުގެ މާލީ ބުރައަށް ބަލާއިރު، އިތުރުވާ ކޮންމެ މެންބަރެއްގެ މުސާރައާއި އިނާޔަތްތަކަށް އެކަނި އަހަރަކު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ބަޖެޓުން ހަރަދުވެ އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ މެމްބަރުން މަޖިލީހުގައި ތަމްސީލުކުރާ އެއް ގައުމުކަމަށްވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމުން މާލީ ބޮޑު ބުރައަކުން އަނެއްކާވެސް ލުޔެއް ލިބިގެންދާނެ އެެވެ. 

ކިޔުންތެރިންގެ ހިޔާލު