ENGLISH
18 މާރިޗު 2026
އެމްޑީޕީން ގައުމަށް ދިނީ 100 އިންސައްތައިގެ އަނިޔާ: މުހައްމަދު އިސްމާއީލް
18 މާރިޗު 2026
|
މެމްބަރު މުހައްމަދު އިސްމާއީލް ނެއްލައިދޫ ކޮންގްރެސް ޕާާޓީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގައުމަށް ދިނީ 100 އިންސައްތައިގެ އަނިޔާކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ހދ. ނެއްލައިދޫ ކޮންގްރެސް ޕާާޓީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް 2022 ވަނަ އަހަރު އެމްޑީޕީގެ ލީޑަރޝިޕުން ވާހަކަދެއްކި ނަމަވެސް މިއަދު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުވާނެކަމަށް ބުނެ ވާހަކަދައްކަނީ އަމިއްލަ މަންފާއެއް ހާސިލުކުރުމަށް ކަމަށް މެމްބަރު ވިދާޅުވި އެވެ. މެމްބަރު ވަނީ ހަގީގަތް ވަންހަނާވެފައި ތިބި މަދު އާއްމު ރައްޔިތުންތަކެއް އެމްޑީޕީގެ މި މަޅީގައި ޖެހެމުން އަންނާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެމްޑީޕީން ފަތުރަމުން އަންނަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން އެ ޕާޓީއަށް ކަންކަން ކުރަން ލިބުނު ފުރުސަތުގައި އެ ޕާޓީން ކަންކަން ކުރީ ކިހިނެތްތޯ ރައްޔިތުން އަޅާކިޔަންޖެހޭނެކަމަށް މެމްބަރު ވިދާޅުވި އެވެ.
"ފަަސް އަހަރުގެ ދެ ދައުރު ލިބިއްޖެ އެމްޑީޕީއަށް ވެރިކަން ކުރަން. ރައްޔިތުން ވިސްނަންވީ މި 10 އަހަރުގެ ތެރޭގައި ގައުމަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްތޯ؟. ކިހާވަރެއްގެ ކުރިއެރުމެއްތޯ ލިބުނީ؟. އަޅުގަނޑު ސަރުކާރުގައި އަދި މަޖިލީހުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން ދަންނަވާނީ 100 އިންސައްތައިގެ އަނިޔާއެކޭ އެބޭފުޅުން ގައުމަށް ވެފަހުރީ. ދެން މީހަކު ބުނެފާނެ އޭނާ ދައްކާނީ އެކަހަލަ ވާހަކައޭ. ނޫނެކޭ. ހަގީގަތް އޮތް ވާހަކައޭ މި ދައްކަނީ." - ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
އެމްޑީޕީގެ ނިމިދިޔަ ވެރިކަމަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ދަރަންޏަށް ފައިސާ ނެގި ވެރިކަން ކަން ފާހަގަކުރައްވަމުން މެމްބަރު ވަނީ އެ ފައިސާއިން ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއްތޯ އައްސަވައި ސުވާލު ކުރައްވާފަ އެވެ.
ފަސް އަހަރުގެ ދެ ޓާމު އެމްޑީޕީން ނިންމާލީ ދޯހަޅި ސިޔާސަތުތަކެއްގެ ތެރެއިންކަމަށް މެމްބަރު ވިދާޅުވި އެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މެމްބަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގައުމަށް ގެންނަވަމުންދާ ކޮންމެ ބަދަލަކީ ރައްޔިތުންގެ މަންފާއަށް ގެންނަމުންދާ ބަދަލުތަކެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަންކަމަށް ތާއީދުކޮށް ގައުމު ހިންގުމަށް ރައީސަށް ވާގިދިނުމުގެ ގޮތުން ކޮންގްރެސް ޕާޓީގެ ކައުންސިލަރުން އިންތިހާބުކޮށްދިނުމަށް އިލްތިމާސްކޮށްފަ އެވެ.