ENGLISH
10 އޭޕްރީލު 2025
ހުރިހާ ދީނެއްގެ ޙައްޤުތައް ހިމާޔަތްކޮށްދޭނެކަމުގެ ޔަޤީންކަން ސޫރިޔާގެ އާ ބޮޑުވަޒީރު ދެއްވައިފި
12 ޑިސެމްބަރު 2024
|
ސޫރިޔާގެ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ހަވާލުކޮށްފައިވާ މުޙައްމަދު އަލް ބަޝީރް. --
ސޫރިޔާގެ ދީނީ ހުރިހާ ޖަމާޢަތްތަކެއްގެ ހައްޤުތައް ހިމާޔަތްކޮށްދޭނެ ކަމުގެ ޔަޤީންކަން، އެ ޤައުމުގެ އާ ބޮޑުވަޒީރު މުޙައްމަދު އަލް ބަޝީރު ދެއްވައިފިއެވެ.
ސޫރިޔާގެ ރައީސް ބައްޝާރް އަލް އަސަދުގެ ދިގުވެރިކަން ކުއްލި ގޮތަކަށް ވެއްޓުނީ، ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަޔިއަތު ތަޙްރީރް އަލް ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކަށްފަހު، ބޮޑެތި ސަހަރުތައް ހިފުމާ ގުޅިގެންނެވެ.
ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަދެގަތުމާއެކު، ބައްޝާރު ވަނީ ރަޝިޔާއިން ހިމާޔަތް ހޯއްދަވައިގެން، ޤައުމު ދޫކޮށް ވަޑައިގެންފައެވެ.
އެއާ އެކު، އެޗްޓީއެސް އިން ވަނީ، އިންތިޤާލީ ސަރުކާރެއް ޤާއިމުކޮށް، އެ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ބަޝީރުއާ ޙަވާލުކޮށްފައެވެ.
"އަޅުގަނޑުމެންނަކީ އިސްލާމުންނަށް ވީތީ، އެހެން ދީންތަކުގެ މީހުންނަށް އިޙްތިރާމްކޮށް، ހުރިހާ ދީނެއްގެ ޖަމާޢަތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދޭންނަން،" ބަޝީރު ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ މަޤާމާ ހަވާލުވުމަށްފަހު ބަޝީރު ދެއްވި އިންޓަވިއުއެއްގައި ވަނީ، އަސަދުގެ އަނިޔާވެރިކަމުގެ ސަބަބުން ޤައުމު ދޫކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހަ މިލިއަނެއްހާ ސޫރިޔާގެ ރައްޔިތުން އެނބުރި ޤައުމަށް އައިސް، ސޫރިޔާ އަލުން އާރާސްތުކުރުމުގައި ބައިވެރިވުމަށް ގޮވާލައްވައިފައެވެ.
"ސޫރިޔާ އަކީ މިހާރު ޤައުމީ ފަޚުރާއި ކަރާމާތް އަލުން ހޯދާފައިވާ މިނިވަން ޤައުމެއް. އަވަހަށް އެނބުރި އާދޭ،" އޭނާ ވިދާޅުވިއެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން އަރައިގަތުމާ އެކު، ބަންދުކޮށްފައިވާ ސޫރިޔާގެ ދިމިޝްޤުގައި ހުންނަ އެ ޤައުމުގެ މައި އެއާޕޯޓު ކުރިއަށް އޮތް ދުވަސްތަކުގައި އަލުން ހުޅުވާނެ ކަމަށް އެ އެއާޕޯޓުގެ ޑިރެކްޓަރު ވަނީ ވިދާޅުވެފައެވެ.
ބަޝީރު ވިދާޅުވީ، އަސަދުގެ ދިފާޢުގައި ނުނިކުންނަ ކޮންމެ މީހަކާ އެކީ މަސައްކަތް ކުރަން އިންތިޤާލީ ސަރުކާރު ތައްޔާރަށް އޮތް ކަމަށެވެ.
ސޫރިޔާގެ މުސްތަޤުބަލާ މެދު ސުވާލު އުފެދައި އޮތަސް، އެކި ހިސާބުތަކުގައި އާންމުންގެ ގިނަ ބަޔަކު ދަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކުރަމުންނެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާޚިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން ސޫރިޔާގައި ވަނީ މަރުވެފައެވެ.