ENGLISH
10 އޭޕްރީލު 2025
އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން ލުބްނާނުން ފައިބަން ފަށައިފި
12 ޑިސެމްބަރު 2024
|
ދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ ވެހިކަލްތަކެއް ލުބްނާންގެ ދެކުނުގައި ހަރަކާތްތެރިވަނީ. --
ޙަމަލާތައް ހުއްޓާލައި، ސުލްޙަ ޤާއުމުކުރުމުގެ އެއްބަސްވުމުގެ ދަށުން، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުން އިޒްރޭލު ސިފައިން ފައިބަން ފަށާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފިއެވެ.
އެ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ލުބްނާންގެ ދެކުނުގައި އޮންނަ އަލް ޚިޔާމްއިން، އިޒްރޭލު ސިފައިން ފައިބާ، ލުބްނާންގެ ސިފައިންނާ ޙަވާލުކޮށްފައިވާ ކަމަށެވެ.
"މިއީ ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ހުއްޓުވުމަށް އެޅުނު މުޙިއްމު ފިޔަވަޅެއް. އަދި އެ ކަމައިގެން ކުރިއަށްދާން އެޅުނު ބިންގަލެއް،" އެ ކޮމާންޑުގެ ވެރިޔާ އެރިކް ކުރިއްލާ އާ ހަވާލާދީ ބަޔާނުގައި ބުންޏެވެ.
ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މިކާޓީ ވިދާޅުވީ، އަލް ޚިޔާމް އަދި މަރްޖާޔޫން ސަރަޙައްދާ ލުބްނާން ސިފައިން ޙަވާލުވުމަކީ، ޙަމަލާތައް ހުއްޓައިލުމުގެ ނިންމުން ތަންފީޒުކޮށް، ދެކުނުގައި ލުބްނާންގެ ސިފައިން ޙަރަކާތްތެރިވުން ހަރުދަނާ ކުރުމަށް އެޅޭ މުޙިއްމު ފިޔަވަޅެއް ކަމަށެވެ.
"ދެކުނުގައި ހަމަޖެހުން އަލުން ޤާއިމުކުރަން ސިފައިން ދައްކަމުންދާ ހިތްވަރަށް އަޅުގަނޑު ސެލިޔުޓް ކުރަން،" މިކާޓީ ވިދާޅުވިއެވެ.
އަލް ޚިޔާމްގައި ސިފައިން ކުރިއަށް ގެންދިޔަ "މިޝަން" ނިންމައި، އެ ސަރަޙައްދުން ފައިބާފައިވާ ކަމަށް އިޒްރޭލުން ވެސް ވަނީ ބުނެފަ އެވެ.
އޭގެފަހުން ޕެންޓަގަން އިން ބުނީ، ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވަނީ އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އާ ގުޅުއްވައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި އެމެރިކާގެ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އޮސްޓިން ވަނީ، ހަނގުރާމަ ހުއްޓާލައި، ދެމެހެއްޓެނެވި ގޮތެއްގައި ހަމަޖެހުން ޤާއިމުކޮށް، އިޒްރޭލާއި ލުބްނާން ގުޅޭ ބޯޑަރު ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް، ރައްކާތެރިކަމާއެކު އެ މީހުންގެ ގެދޮރަށް އެނބުރި އައުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވާފައި ކަމަށް ޕެންޓަގަން އިން ބުންޏެވެ.
އިޒްރޭލުން ލުބްނާންގެ ދެކުނުގައި އަސްކަރީ ކެމްޕޭން ވަރުގަދަކުރީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހިޒްބުالله އިން އެ ޖަމާޢަތުގެ އެކުވެރި ހަމާސްއަށް ތާޢީދުކޮށް ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ޙަމަލާތައް ދޭން ފެށުމާ ގުޅިގެންނެވެ.
ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށިޔަސް، ދެ ފަރާތުން ވެސް އެ އެއްބަސްވުމާ ޚިލާފަށް ޙަމަލާތައް ދީފައިވާ ކަމުގެ ތުހުމަތު ދޭތެރެއަކުން ވަނީ ފެންމަތިވެފައެވެ.
މި އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ ތެރޭގައި އިޒްރޭލު ސިފައިން ލުބްނާން ދެކުނުން ފައިބައި، ލުބްނާން ސިފައިންނާއި އދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖުން އެ ސަރަޙައްދުތަކާ ހަވާލުވާންޖެހެއެވެ.