ENGLISH

12 މާރިޗު 2026

Advertisement

ޖާބިރު އެމްޑީޕީއަށް: ދެ އިންތިހާބު އެއް ދުވަހެއް ބޭއްވުމުން ގެއްލުންވާ ސަބަބުތައް ކިޔައިދީ

11 މާރިޗު 2026

|

އައިމިނަތު ޝަފާ

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއިދު ކުރައްވާކަން ވަނީ ހާމަކުރައްވާފައި. ފޮޓޯ؛ ސަން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ވިދާޅުވަމުން އަންނައިރު، ރައްޔިތުންނަށް މިކަމުން ވާނެ ގެއްލުމުގެ ތަފްސީލުތައް ވިދާޅުވެދެއްވުމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު، އިދިކޮޅު އެމްޑީޕީގެ އިސްވެރިންނަށް ގޮވާލައްވައިފި އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތް "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން ޖާބިރު ވަނީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވައި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ މަންފާތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. 

 ޖާބިރު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ދެކޮޅުހަދައި މިހާރު އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަކީ މާ ބޮޑު ހަގީގަތެއް އޮތް ވާހަކަތަކެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ. ޖާބިރުވަނީ ދެ އިންތިހާބު އެއް ދުވަހެއް ނުބާއްވަން ބުނާއިރު އެކަން ނުކުރަންޖެހޭ ސަބަބުތައް ނުވަތަ ހެކިތައް އެމްޑީޕީއަށް ދެއްކިފައި ނުވާތީ އެ ޕާޓީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

"މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ. މިކަން ކޮށްފިއްޔާ ގައުމުގެ ހާލަތު ގޯސްވެދާނެއޭ. މިކަން ނުކުރަންވީ ސަބަބުތަކެއް ސާފުކޮށް ކިޔައި ނުދެވުނު. އަޅުގަނޑުމެން މި ކިޔާދެނީ ކުރީމަ ވާ ފައިދާ. ނުކުރީމަ ވާނީ ގެއްލުން. ގެއްލުންވާނީ މި ދެންނެވިހެން އެންމެ ހަ މަސްދުވަސް މި އޮތީ ދެ އިންތިހާބު ދެމެދުގައި. އެހެނެއް ނޫން ވަރަށް ދިގު މުއްދަތެއް އޮތް ނަމަ ދެން އެންމެ ރަނގަޅު. އެކަމަކު ގާނޫނު އަސާސީ އޮތް ގޮތުން ދެ އިންތިހާބު ދޭތެރޭ ކުޑަކުޑަ ވަގުތުކޮޅެއް މި އޮތީ. އެ ވަގުތުކޮޅު އެއް ދުވަހަކަށް ހެދީމަ ގެއްލުމެއް ނެތޭ . ފައިދާއޭ ހުސްވެސް ލިބެނީ.  " - ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު

ރާއްޖޭގައި މިހާރު ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށް ވިދާޅުވެ، ޖާބިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ހަރުދަނާކަމުން އިދިކޮޅަށް ނިސްބަތްވާ ގިނަ ރައްޔިތުން ވެސް މިއަދު ތިބީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށެވެ. 

ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވި ޖާބިރު ވިދާޅުވީ ހާއްސަ މަޖިލީހުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމުގެ ބަހުސްތައް ކުރެވިގެން ދިޔައީ ރައްޔިތުންނަށް ފައިދާވާނެތީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. 

ހިޔާލުތަފާތުވުމަކީ އޮތްކަމެއް ކަމަށާއި އެހެން ނަމަވެސް އޭގެ މާނައަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގޯސްކަމެކޭ ކިޔައި އެގޮތަށް ރައްޔިތުންނަށް ވިސްނާދިނުން ނޫންކަމަށް ޖާބިރު ވިދާޅުވި އެވެ.  

ކިޔުންތެރިންގެ ހިޔާލު