ENGLISH
10 އޭޕްރީލު 2025
މަދަނީ ބަސްނޭހުމަކަށް ދިޔުމަކީ ޤައުމިއްޔަތާ ދެކޮޅު އެންމެ ނުބައި ޢަމަލު: ޕާކިސްތާންގެ ބޮޑުވަޒީރު
11 ޑިސެމްބަރު 2024
|
ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ކޮޕް29 ސަމިޓުގައި ތަޤުރީރުކުރައްވަނީ. --
ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ދިޔުމަކީ ޤައުމެއްގެ ޤައުމިއްޔަތާ ދެކޮޅަށް ހިންގޭނެ އެންމެ ނުބައި ޢަމަލުގެ ގޮތުގައި، ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސިފަކުރައްވައިފިއެވެ.
ޝެހްބާޒް މިގޮތަށް ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީއަށް ތާޢީދުކުރާތީ ޖަލަށްލާފައިވާ ސިޔާސީ މީހުން މިނިވަންނުކޮށްފިނަމަ، އަންނަ ހޮނިހިރު ދުވަހު މަދަނީ ބަސްނޭހުމަކަށް ދާން ގޮވާލާފައިވަނިކޮށެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، ޝެހްބާޒް ވަނީ މަދަނީ ބަސްނޭހުމެއްގައި ބައިވެރިވާ މީހުންނަކީ ޤައުމުގެ "ދުޝްމަނުން" ކަމަށް ވެސް ވިދާޅުވެފައެވެ.
އަދި ޤައުމުގެ އަމަން ނަގާލައި، ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ އެއްވެސް މީހަކަށް ދޫނުދިނުމަށް ސަލާމަތީ ބާރުތަކަށް އަންގަވާފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި، އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) އާއި ފުލުހުންނާ ދެމެދު މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި 12 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިދިޔަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އަށް މީހަކު ވަނީ މަރުވެފައެވެ.
މިދިޔަ ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާން ވަނީ، މަރުވި މީހުންނަށް އިންސާފު ހޯދައިދޭން ޝަރުޢީ ތަހުޤީޤެއް ހިންގަން ގޮވާލައްވައިފައެވެ. އަދި ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ މަސައްކަތްތެރިން މިނިވަން ކުރަން ވެސް އޭނާ ވަނީ ޝަރުތުކުރައްވައިފައެވެ.
"މި ކަންތައްތައް މިގޮތަށް ކުރިއަށް ނުގެންދާނަމަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މަދަނީ ބަސްނޭހުމުގެ ޙަރަކާތެއް ފަށާނަން. އޭގެ ސަބަބުން ނުކުންނަ ކޮންމެ ނަތީޖާއެއްގެ ޒިންމާ އުފުލަންޖެހޭނީ ސަރުކާރުން،" ޚާން ވިދާޅުވިއެވެ.