ENGLISH
11 މާރިޗު 2026
ދިރާސާތަކުގެ އަލީގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން؛ ސިޔާސީ ސުލޫކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ
08 މާރިޗު 2026
|
އިންތިހާބެއްގައި ވޯޓު ގުނަން ފެށުން، ފޮޓޯ: ނުކުތާ
އެންމެ މަޤްބޫލު
އިންތިހާބުތައް ހިންގުމުގައި އެންމެ މުހިއްމު ނަމަވެސް އެކަށީގެންވާ ގޮތެއްގަައި ބަހުސްނުކުރެވޭ އެއް މައުޟޫއަކީ އިންތިހާބުތަކުގެ ތާވަލެވެ. ނުވަތަ އިންތިިހާބުތައް ބާއްވާ ތާރީހެވެ. އިންތިހާބުތައް ބާއްވާ ތާރީހު މުހިއްމުވަނީ އެކަމުގެ ސަބަބުން އިންތިހާބުގައި ވޯޓުލާ މީހުންނާއި، އިންތިހާބުތަކުގައި ވާދަކުރާ ޕާޓީތަކާއި ކެންޑިޑޭޓުންގެ ސިޔާސީ ސުލޫކު (ޕޮލިޓިކަލް ބިހޭވިއަރ)އަށް އެކަމުން އަސަރުކުރާތީއެވެ. މި ސަބަބަށްްޓަކައި މި މައުޟޫއުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައި ގިނަގުނަ އިލްމީ ދިރާސާތައް ހެދިފައިވެއެވެ.
މި ބަހުސްގެ ތެރެއިން އުފަންވި އެއް މަފުހޫމަކީ އެއް ދުވަހެއްގައި ގިނަ އިންތިހާބުތަކެއް އެކުއެކީ ބޭއްވުމެވެ. ސިޔާސީ އިލްމުގައި މި މަފުހޫމަށް ކިޔަނީ "ކޮންކަރެންޓް އިލްކެޝަންސް"އެވެ. ސިޔާސީ އިލްމުވެރިން ކުރެ ވަރަށް ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އިންތިހާބުތައް ވަކިން ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަަތް މަދުވެ، އިންތިހާބުތަކަށް ހިނގާ ހަރުތައް ބޮޑުވެ، ރައްޔިތުންގެ ނިންމުންތަކުގައި މުޅި އާބާދީ ތަމްސީލުވާ މިންވަރު ދަށްވެއެވެ. އެއް ދުވަހެއްގައި އިންތިހާބުތައް ބޭއްވުމުން މިދެންނެވި ގިނަ މައްސަލަކަށް ހައްލު ލިބެއެވެ.
ސިޔާސީ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އިންތިހާބުތައް ދެ ބައަކަށް ބެހެއެވެ. "ކްރައުޑެޑް އައުޓް: ދި އެފެކްޓްސް އޮފް ކޮންކަރެންޓް އިލެކްޝަންސް އޮން ޕޮލިޓިކަލް އެންގޭޖްމެންޓު"ގެ ނަމުގައި ޑީ.އެންޑަރސަން 2023 ވަނަ އަހަރު ރިޕްރެޒެންޓޭޝަން މަޖައްލާގައި ޝާއިއުކުރެއްވި ކަރުދާހުގައި އޭނާ ބަޔާންކުރެއްވި ގޮތުގައި ހުރިހާ އިންތިހާބުތަކެއް މައިގަނޑުކޮށް ބަހަލައިލެވެނީ ރައްޔިތުންގެ ޝައުގުވެރިކަން ބޮޑު އިންތިހާބުތަކާއި ޝައުގުވެރިކަން ކުޑަ އިންތިހާބުތަކަށެވެ. އިންތިހާބަކާމެދު ޝައުގުވެރިކަން ބޮޑުވުމުގައި އެ އިންތިހާބެއްގެ ނަތީޖާގެ މައްޗަށް ނިމިގެންދާ ކަންކަމުގެ ހައްސާސް މިންވަރާމެދު ރައްޔިތުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ދައުރު ބޮޑެވެ.
މި ނަޒަރުން، އެމެރިކަން ނޭޝަނަަލް އިލެކްޝަން ސްޓަޑީގެ 20 އަހަރުގެ ޑާޓާ ދިރާސާކުރެއްވުމަށްފަހު އެންޑަރސަން ލިޔުއްވާފައިވަނީ މި ދެ ބާވަތުގެ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ޝައުގުވެރިކަން ކުޑަ އިންތިހާބުތަކުގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިންތިހާބުވާ ކެންޑިޑޭޓުންނަށް ލިބޭ ޝަރުއިއްޔަތު ނުވަތަ ލެޖިޓިމެސީ އިތުރަށް ވަރުގަދަވާކަމަށްވެސް އެންޑަސަން ލިޔުއްވަައެވެ.
މި މައުޟޫޢުގައި ޔުނިވަސިޓީ އޮފް ޗިކާގޯގެ ދި ސެންޓަރ ފޯ އެފެކްޓިވް ގަވަނެންސްގެ ކްރިސްޓަފާ އާރް ބެރީ ލިޔުއްވި ދިރާސާގައި އޭނާ ފާހަގަކުރެއްވީ ޝައުގުވެރިކަން ބޮޑު އިންތިހާބުތަކާއި ލޯކަލް އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ލޯކަލް އިންތިހާބުތަކުގައި ވޯޓުލާ ރައްޔިތުންގެ އަދަދު ދެގުނަ އިތުރުވާ ކަމަށެވެ.
"ވޯޓުލުމަކީ ދުސްތޫރީ ގޮތުން ލާޒިމު ކަމެއް ކަމުގައި ކަނޑައެޅުން ފިޔަވައި، ވޯޓުލާ މީހުންގެ ނިސްބަތަށް މިހައި ބޮޑު ބަދަލެއް ގެނުވާ މުއައްސަސީ އެހެން އިސްލާހެއް އަހަރުންނަށް ފެންނާކަށް ނެތް،" އެއް ދުވަހެއްގައި ދެ އިންތިހާބެއްގެ ވޯޓުލުން ބޭއްވުމުން ނިކުންނަ ނަތީޖާއަށް އިޝާރާތްކުރައްވަައި އެ ކަރުދާހުގެ ހުލާސާގައި އޭނާ ލިޔުއްވިއެވެ.
އިޓަލީވިލާތުގައި ހެދުނު ދިރާސާއަކުންވެސް ފާހަގަކުރެވުނު ގޮތުގައި ރައްޔިތުންގެ ޝައުގުވެރިކަން ބޮޑު އިންތިހާބަކާއި ޝައުގުވެރިކަން ނިސްބަަތުން ކުޑަ އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވުމުން ޝައުގުވެރިކަން ކުޑަ އިންތިހާބުގައި ވޯޓުލާން ނިކުންނަ އާބާދީގެ ނިސްބަތް އިތުރުވެއެވެެ.
ކެލިފޯނިއާގެ އިންތިހާބީ ތަފާސްހިސާބުތަކުންް މިދެންނެވުނު ނަތީޖާއަށް އިތުރަށް ބާރު ލިބެއެވެ. ރައިސް ޔުނިވަސިޓީން ޝާއިއުކޮށްފައިވާ ދިރާސީ ކަރުދާހެއްގައި ފާހަގަކުރި ގޮތުން އެ ސްޓޭޓުގައި ރިޔާސީ އިންތިހަބާއެކު ބޭއްވި މޭޔަރަލް އިންތިހާބުތަކުގައި ވޯޓުލާން ނިކުތް މީހުންގެ ނިސްބަތް އެވެރެޖުކޮށް 36 އިންސައްތައިގަ ހުރިއިރު ވަކިން ދެ ދުވަހެއްގައި އެ އިންތިހާބުތައް ބޭއްވުމުން މޭޔަރަލް އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ ނިސަބަތް އުޅެނީ އެވެރެޖުކޮށް 17.5 އިންސައްތައިގައެވެ. އެއީ 22 އިންސައްތައިގެ ފަރަގެކެވެ.
މި ހުރިހާ ދިރާސާތަކުން ފެންނަ ހުލާސާއަކީ ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވާނެ ކަމުގައި އެ އިސްލާހަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވާ ވިދާޅުވުމަކީ ހިޔާލީ ވަހުމީ ވާހަކަފުޅެއް ނޫންކަމެވެ. އެއީ ދުނިޔޭގެ ގައުމުތަކުގައި ކުރެވިފައިވާ ތަޖުރިބާތަކާއި މި މައުޟޫއުގައި ހެދިފައި ހުރި ދިރާސާތަކުން ފެންނަ ރެކޯޑުކުރެވިފައިވާ ހަގީގަތަކެއް ކަމެވެ.
ވަކިން އިންތިހާބުތައް ބޭއްވުމުން ދިމާވާ އެއް މައްސަލައިގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މަދުން ވޯޓުލާން މީހުން ނުކުންނަަ އިންތިހާބުތަކުގައި އާބާދީގެ ބައެއް ބައިތަކުގެ ޝާމިލުވުން ދަށްވުމެވެ. އަދި ހާއްސަ މަސްލަހަތުތަކުގެ ވެރި ގުރޫޕުތަކުން އެ ގުރޫޕުތަކުގެ މަސްލަހަތާ ގުޅުންހުރި ވޯޓުތަކުގައި އާބާދީގެ އެހެން ބައިތަކަށްވުރެ އިތުރަށް ބައިވެރިވެ ނަތީޖާއަށް އަސަރުކުރުވުމެވެ.
އެމެރިކަން ޕޮލިޓިކަލް ސައިންސް ރިވީއުގައި 2021 ވަނަ އަހަރު ޝާއިއުކުރި ދިރާސާއެއްގައި ކެލިފޯނިއާގެ އަށް އަހަރުގެ ލޯކަލް އިންތިހާބުތަކުގެ ނަތީޖާތައް އެއްކުރުމަށްފަހު އަޅައިބެލި ބެލުމުން މިދެންނެވުނު ކަންކަން ފާހަގަކުރެވުނެވެ. އެގައުމަކީ ނަސްލުގެ ގޮތުން ވޯޓުލާ އާބާދީ ބައިކޮށްގެން ބަލާ ގައުމަކަށްވާތީ މި ދިރާސާގައި ބަލާފައިވަނީ އިންތިހާބުތައް ވަކިން ބޭއްވުމުން އެކި ނަސްލުތަކުގެ މީހުން ވޯޓުލުމުގައި ބައިވެރިވާ މިންވަރަށް ކުރާ އަސަރަށެވެ.
އެ އިންތިހާބުގެ ނަތީޖާއިން ފެންނަ ގޮތުގައި ވަކިން ބާއްވާ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ 67 އިންސައްތައަކީ ދޮން ނަސްލުގެ މީހުންނެވެ. ނަމަވެސް އެ ނިސްބަތް ގައުމީ އިންތިހާބުތަކުގައި އެވެރެޖުކޮށް 57 އިންސައްތައާ ހަމައަށް ދަށްވެއެވެ. އެއީ އެފަދަ އިންތިހާބުތަކުގެ ވޯޓުލުމުގައި އެހެނިހެން ނަސްލުތަކުގެ މީހުން ބައިވެރިވާ ނިސްބަތް އިތުރުވާތީއެވެ.
ހަމައެހެންމެ ވަކިން ބާއްވާ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ހިއްސާަ އޮންނަ މިންވަރު ބޮޑުވި ނަމަވެސް އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ޒުވާނުން ވޯޓުލާ ނިސްބަތް އިތުރުވެ، ދުވަސްވީ މީހުންގެ ހިއްސާ ދަށަށް ދެއެވެ.
ކުރިން ދެންނެވި ދިރާސީ ކަރުދާހުގައި ފާހަގަކުރި ގޮތުން ކެލިފޯނިއާގައި އެއް ދުވަހެއްގައި ބޭއްވި އިންތިހާބުތަކުގައި ނަސްލުތަކާއި އުމުރުފުރާތަކާއި އަދި ނިސްބަތްވާ ޕާޓީތަކަށް ބަލާއިރު ޖުމްލަކޮށް އާބާދީގެ ބައިތައް ޝާމިލުވި މިންވަރު އިތުރުވެއެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބާ އެއް ދުވަހެއްގައި ބޭއްވި ލޯކަލް އިންތިހާބުތަކުގައި މިދެންނެވި ނަތީޖާ ފެނުނު މިންވަރު އިތުރުވިއެވެ.
ސިޔާސީ އިލްމުގެ ބަހުރުވާގައި ކޯޓެއިލް އެފެކްޓްްގެ ނަން ދެވިފައިވާ މުސްތަލަހުގެ މުރާދަކީ މަގުބޫލު މަތީ ފަންތީގެ ކެންޑިޑޭޓުންގެ މަގުބޫލުކަމުގެ ފައިދާ، އެ ކެންޑިޑޭޓެއް ނިސްބަތްވާ ޕާޓީގެ އެއަށްވުރެ ދަށް ފަންތީގެ ކެންްޑިޑޭޓުންނަށް ކުރުމެވެ. މިސާލަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މަގުބޫލު ކެންޑިޑޭޓަށް އޮންނަ ތާއީދު ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަށްެވެސް ލިބިގެންދިއުމެވެ.
އިސްވެ އިޝާރާތްކުރި އެންޑަސަންގެ ދިރާސަގައި ޖަރުމަންވިލާތުގައި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުތަކާއި ލޯކަލް އިދާރީ ހިންގުންތެރިންގެ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން މިދެންނެވި ގޮތަށް މަގުބޫލު ކެންޑިޑޭޓުންނަށް އޮންނަ ތާއީދުގެ ސަބަބުން އެ ކެންޑިޑޭޓުންނާ އެއް ޕާޓީއެއްގެ ކެންޑިޑޭޓުން ލޯކަލް ފެންވަރުގައި އިންތިހާބުވުމަށް މަގުފަހިވާކަންް ފާހަގަކޮށްފައިވެއެވެ. އެންޑަސަން ލިޔުއްވި ގޮތުގައި މީގެ ސަބަބުން ގައުމީ ފެންވަރުގައި އެކަށެއެޅޭ ސަރުކާރާ އެއް އަމާޒަކަށް އެއް މިސްރާބަކަށް ލޯކަލް ހިންގުން ބައްޓަންކުރުމަށް މަގުފަހިވެއެވެ.
އޭގެ އިތުރަށްް އިންތިހާބުތަކުގެ ތެރެއިން ސިޔާސީން ޖަވާބުދާރީކުރެވޭ މިންވަރު އިތުރުވުމަކީވެސް މުޅި ދައުލަތް އެއް މިސްރާބަކަށް ބަދަލުވުމަށް ބާރުއަޅައިދޭ ކަމެއްގެ ގޮތުގައި ސިޔާސީ އިލްމުވެރިން ފާހަގަކުރައްވައެވެ. އިޓަލީގައި މަގުބޫލުކަން ބޮޑު މުނިސިޕަލް އިންތިހާބުތަކާ އެއް ދުވަހެއްގައި މަގުބޫލުކަން ކުޑަ ޕްރޮވިންޝަލް އިންތިހާބުތއް ބޭއްވުމުން މޭޔަރުންގެ ނިންމުންތަކާއި ކާމިޔާބުތަކުން ޕްރޮވިންޝަލް އިންތިހާބުތަކަށް އަސަރުކުރާ މިންވަރު ބޮޑުވާކަމަށް ދިރާސާއިން ފެނެއެވެ.
އޭގެ މުރާދަކީ ރާއްޖޭގައިނަމަ، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތަކާއި، ތަންފީޒުކުރައްވާ ސިޔާސަތުތަކުގެ މައްޗަށް ދާއިރާތަކުގެ މަޖިލިސް މެންބަރުން އިންތިހާބުވުމާއި ނުވުން ބިނާވުމެވެ. އެހެންކަމުން ޕާޓީތައް އެކަތިގަނޑެއްގެ ގޮތުގައި ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިތުރުވެއެވެ.
ސިޔާސީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ވެރިކަމުގެ ދައުރެއްގެ މެދު ތެރެއިން އިންތިހާބުތަކާ ކުރިމަތިލާންޖެހުމުން ނިކުންނަ އެއް ނަތީޖާއަކީ "ދި ލޭމް-ޑަކް އެފެކްޓް"އެވެ. އެއީ ކުރިއަށް އޮންނަ އިންތިހާބުގައި ކުރިމަތިވެދާނެ ނާކާމިޔާބީއަކަށް ވިސްނައި ސަރުކާރުތަކުން އަދި ގާނޫނު ހަދާ މަޖިލީސްތަކުން ނިންމަންޖެހޭ އުދަގޫ ނިންމުންތައް ނިންމުމަށް ފަސްޖެހުމެވެ. ދިރާސާތަކުން މި ނަތީޖާ އެންމެ ސާފުކޮށް ފެންނަ އެއް ގައުމަކީ އެމެރިކާއެވެ. އެގޮތުން އެ ގައުމުގައި ދައުރުގެ މެދުން ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށް 12 މަސްދުވަހަށްވުމުން ރައްޔިތުންގެ މެދުގައި އެކަމަކާމެދު ދެބަސްވުން އުފެދިދާނެ ގާނޫނުތައް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ފާސްކުރަން އުދަގޫވެއެވެ. ސަރުކާރު ހިންގާ ޕާޓީއަށް އަޣުލަބިއްޔަތު އޮތަސް މި ހާލަތު އިންތިހާބު ކައިރިވުމުން ކުރިމަތިވެއެވެ.
ދައުރުގެ ތެރެއިން އިންތިހާބުތައް ބޭއްވުގެ އަނެއް ނަތީޖާގެ ގޮތުގައި ސިޔާސީ އިލްމުވެރިން ފާހަގަކުރައްވަނީ "ޝޯޓް-ޓާމިނިޒަމް" ނުވަތަ ކުރު ރާސްތާގެ ނަތީޖާތަކަށް އިސްކަންދީގެން ސިޔާސަތުތައް ތަންފީޒުކުރަންޖެހުމެވެ. ސަރުކާރެއްގެ ސުލޫކުގެ ވަރަށް ބޮޑު ބައެއް ބައްޓަންވަނީ އިންތިހާބުތައް ކާމިޔާބުކުރުމުގެ މައްޗަށެވެ. ދައުރުގެ މެދުތެރެއިން މަޖިލީހުގެ އިންތިހާބު ފަދަ މުހިއްމު އިންތިހާބެއް އޮންނަނަމަ އެ އިންތިހާބު ކާމިޔާބުކުރެވޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަކީ ތަބީއީ ކަމެއްގެ ގޮތުގައި ސިޔާސީ އިލްމުވެރިން ފާހަގަކުރައްވައެވެ.
ހަމައެހެންމެ އިންތިހާބުތަކުގެ ވަށްބުރާއެކު ސިޔާސީ އިގުތިސާދީ އިލްމުގެ މުސްތަލަހުގައި ބަޔާންކުރާ "ޕޮލިޓިކަލް ބަޖެޓް ސައިކަލް"އެއް އުފެދެއެވެ. މި މުސްތަލަހުގެ މުރާދަކީ އިންތިހާބުތައް ކައިރިވުމުން ސަރުކާރުތަކުގެ މާލީ ޑިސިޕްލިން ނުވަތަ ހިފަހެއްޓުންތައް ވަރަށް ބޮޑަށް ދޫކޮށްލައި، އިންތިހާބީ ކާމިޔާބަށްޓަކައި މާލީ ގޮތުން އެންމެ އެކަށީގެންނުވާ ކަންކަން ކުރުމެވެ. މިގޮތަށް އިންތިހާބުތަކާ ވިދިގެން ސަރުކާރުތަކުގެ މާލީ ހިފަހެއްޓުންތައް ދޫކޮށްލުމުން ނިކުންނަ ނޭދެވޭ އަސަރުތައް އިންތިހާބަށްފަހު އަންނަ މުއްދަތުގައި އެންމެ އެކަށޭނެ ގޮތަށް ފޫނުބެއްދޭކަން ދިރާސާތަކުން ފާހަގަކުރެއެވެ.
އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުގެ ނަތީޖާއަކަށްވަނީ މިދެންނެވުނު ހުރިހާ ކަމެއް ބަދަލުވެ، އިންތިހާބީ ވަށްބުރުތަކާ ގުޅިގެން ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމަށް އަންނަ ބަދަލުތަކުގެ ވަށްބުރަށްވެސް ނިމުމެއް އައުމެވެ. ދައުރުގެ ތެރޭގައި ސަރުކާރުގެ މާލީ ހިންގުން "ފިސްކަލް ވާޗޫ" ނުވަތަ މާލީ ރަނގަޅު ސުލޫކުގެ ތެރޭގައި ހިފަހެއްޓުމަށް ބާރުއެޅިގެން ދިއުމެވެ. ކުރު ރާސްތާގެ ސިޔާސީ މަންފާ ދޫކޮށް، ދުރު ރާސްތާގެ ގައުމީ މަސްލަހަތުތަކަށް އިސްކަންދީގެން ސިޔާސަތުތައް އެކުލަަވައިލާ ތަންފީޒުކުރަން ފެށުމެވެ.
އިންސާނީ ޖަމާއަތްތަކުގައި ހިނގާ އެހެނިހެން މުއާމަލާތްތަކޭ އެއްގޮތަށް ސިޔާސީ ކަންކަންވެސް ބިނާވަނީ "އިންސެންޓިވްސް" ނުވަަތަ ވަކި ގޮތަކަށް ސުލޫކު ބެހެއްޓުމަށް ބާރުއަޅާ ކަންކަމުގެ މައްޗަށެވެ. އިންތިހާބީ ނިޒާމުގައި އިންތިހާބުތައް ތާވަލުކުރެވިފައި އޮންނަ ގޮތަކީވެސް މިދެންނެވި ބާވަތުގެ "އިންސެންޓިވް"އެކެވެ. އެއީ ސިޔާސީ ޕާޓީތަކާއި، ސަރުކާރާއި، ކެންޑިޑޭޓުންގެ ސުލޫކު ބައްޓަންކުރާ އެއަށް ނުހަނު ބޮޑަށް އަސަރު ފޯރުވާ ކަމެކެވެ.
އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން، ވަކިން އިންތިހާބުތައް ބާއްވާއިރު ރައްޔިތުންގެ ޝައުގުވެރިކަން ނެތުމުން ވޯޓުލާ މީހުންގެ ނިސްބަތް މަދު އިންތިހާބުތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވެއެވެ. އަދި އެފަދަ އިންތިހާބުތަކުގައި އާބާދީގެ އެކި ބައިތައް (ޑެމޮގްރަފީސް) ތަމްސީލުވާ މިންވަރު އިތުރުވެ، އިންތިހާބުވާ ކެންޑިޑޭޓުންގެ ލެޖިޓިމަސީއާއި އިންތިހާބުތަކުގައި މުޅި އާބާދީ ތަމްސީލުވާ މިންވަރު އިތުރުވެއެވެ. އިންތިހާބުތަކުގައި ޖަވާބުދާރީކުރެެވޭ މިންވަރު އިތުރުވުމާއެކު، ސިޔާސީ ޕާޓީތަކުން ނަތީޖާ ނެރުމަށް ދޭ އިސްކަންވެސް އިތުރުވެއެވެ. ސަރުކާރުތަކުން ކުރު ރާސްތާ މަސްލަހަތުތައް ހޯދުމަށް ނިންމުންތައް ނިންމުމުގެ ބަދަލުގައި ދުރު ރާސްތާ އާއްމު މަންފާއަށް އިސްކަންދޭން ފުރުސަތު ލިބި، އިންތިހާބީ ވަށްބުރުގައި އުފެދޭ ޣައިރު ޒިންމާދާރު މާލީ ހިންގުން ދޫކޮށް، މާލީ ކަންކަން ޒިންމާދާރުކަމާއެކު ކުރިއަށްގެންދިއުމަށް އެހީއަަކަަށްވެއެވެ.
މިކަންކަމަކީ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ މަންފާތަކުގެ ގޮތުގައި އިލްމުވެރިން ދިރާސާތަކުގައި ފާހަގަކުރައްވާ ކަންކަމުގެ ތެރެއިން އެންމެ މުހިއްމު ބައެއް ކަންކަމެވެ. ހުލާސާކޮށް އެ ބޭފުޅުން ވިދާޅުވަނީ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ނިޒާމުގައި ހުރި ގޯސް ނުރަނގަޅު ސުލޫކަށް ބާރުދެނެވި ކަންކަން ބަދަލުވެ، ސިޔާސީ ސުލޫކު އިސްލާހުވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.