ENGLISH

11 މާރިޗު 2026

Advertisement

ރައީސް ސޯލިހުގެ ދޫފުޅުން؛ އެއިރުވެސް މިހާރުވެސް އެމްޑީޕީން އިސްކުރަނީ ސިޔާސީ މަސްލަހަތު

08 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމުގައިވާ އެމްޑީޕީން ދެކޮޅެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާއާއި މި މައްސަލާގައި ހެދިފައި ހުރި އިލްމީ ދިރާސާތަކުން މި އިސްލާހުން ލިބޭ ފައިދާތައް އެނގޭއިރު، އެމްޑީޕީން އެ އިސްލާހު ގެނައުމާ ދެކޮޅުވާ ސަބަބު ސާފުކޮށް މިހާތަނަށް ބަޔާންކޮށްނުދެވެއެވެ. ނަމަވެސް މާފުށީގައި އެ ޕާޓީން ކުރިއަށްގެންދިޔަ ޖަލްސާއެއްގަައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި އެ ސަބަބަށް އިޝާރަތެއް ކުރައްވައި، ބުއްދީގެ ތަރާދުން ކިރައިލުމުން އެމްޑީޕީން އެކަމުގައި އިސްކުރަނީ ކޮން ވިސްނުމެއްކަން ދެނެގަންނަން ފަސޭހަކޮށްދޭ ވާހަކަފުޅެއްވަނީ ދައްކަވާފައެވެ.

އެއީ ގާނޫނުއަސާސީ އެކުލަވައިލިއިރު، އެ ގާނޫނުއަސާސީގައި ބާރުތަކުގެ މެދުގައި އޮތް ގުޅުން ތަރުތީބުކުރުމުގައި އެ ޕާޓީން ގެންގުޅެފައިވާ ވިސްނުމެވެ. ގާނޫނުއަސާސީ އެކުލަވައިލުމުގައި ސީދާ ރައްޔިތުންގެ ބަހެއް ހޯދައިގެން ނިންމާފައި އޮތް ހަމައެކަނި ނިންމުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ނިންމުމެވެ. ނަމަވެސް ގާނޫނުއަސާސީ އެކުލަވައިލައި ނިމުނުއިރު، ބާރުތައް ތަރުތީބުކުރެވިފައި އޮތީ ރިޔާސީ ނިޒާމެއްގައި ބާރުތައް ތަރުތީބުކުރެވޭ ގޮތަށްވުރެ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ މެދުގައި މަސްހުނިކުރެވިފައި އޮންނަ ހައިބްރިޑް ނިޒާމެއްގައި ބާރުތައް އޮންނަ ގޮތާ ކައިރިކުރާ ގޮތަށެވެ.

ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތް ނިންމައި، ރާއްޖޭގައި އޮންނަންވީ ރިޔާސީ ނިޒާމެއް ކަމުގައި ރައްޔިތުން ކަނޑައެޅި ނަމަވެސް ގާނޫނުއަސާސީ ފަރުމާކޮށް ނިމުނުއިރު ރައްޔިތުންގެ ނިންމުން ރިވެލިނުވާ ގޮތަށް ގާނޫނުއަސާސީ އޮތް ސަބަބާމެދު ގިނަ ސުވާލުތަކެއް އުފެދުނު ނަމަވެސް އެ ސުވާލަށް ސަރީހަ ޖަވާބެއް އޮތީ ނުލިބިއެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުން އެ ސުވާލަށް ސާފު ޖަވާބެއް ލިބިއްޖެއެވެ.

ރައީސް މައުމޫނަށް ވެރިކަން ލިބިދާނެތީ ނިންމި ނިންމުންތަކެއް

ގާނޫނުއަސާސީ އެކުލަވައިލިއިރު ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކުގެ ތެރެއިން ރިޔާސީ ނިޒާމުގެ ސިފަތަައް ފަހަނައަޅައި، މަސްހުނި ނިޒާމެއް އުފެދުމަށް މަގުފަހިވި މައިގަނޑު ސަބަބަކީ ކޮބައިކަން ރައީސް ސޯލިހުވަނީ ވަރަށް ސާފުކޮށް ސަރީހަކޮށް ބަޔާންކޮށްދެއްވާފައެވެ. ގާނޫނުއަސާސީ އެކުލަވައިލިއިރު ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވަރަށް ބޮޑަށް ފުޅާކޮށް, ގާނޫނު ހަދާ ބާރަކީ ގާނޫނުއަސާސީގައި ހިމެނޭ ބާރުތަކުގެ ތެރެއިން އެންމެ ބާރުގަދަ ބާރުކަމުގައި ހެދި ސަބަބަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުނުކުރެވިދާނެކަމަށް އެމްޑީޕީއަށް ވިސްނުމެވެ. އެއިރުވެސް އެގޮތަށް މަޖިލީހަށް ބާރުތައް ޖަމާކޮށްފިނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ ވެރިކަން ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެކަން ވިސްނިވަޑައިގެންނެވި އެއް ބޭފުޅަކީ ރައީސް ސޯލިހެވެ.

މާފުށީގައި ދެއްކެވި ވާހަަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ އެއިރު ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް ބާރުތައް ޖަމާކުރުމުގައި އެކުލެވޭ ނުރައްކާ އެމަނިކުފާނަށް ވިސްނިވަޑައިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ސީނިއާ ބޭފުޅުންނާ އެ ވާހަކަފުޅު ދެއްކެވި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ވަރަށް ސަރީހަކޮށް ވިދާޅުވީ އެ ބޭފުޅާގެ ރައްދަކަށްވީ ރައީސް މައުމޫނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭ ހާލަތުގައި ޖެހިގެން އަންނަ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކަމުގެ ވިސްނުމެވެ. ނަމަވެސް އެއަހަރު ގިނަ ޕާޓީތައް އެކުވެގެން އެކުލަވައިލި އިއްތިހާދާއި އެ އިއްތިހާދުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންގެ ތާއީދާއެކު ރިޔާސީ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދެވެ. އަދި 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރީ ރައީސް މައުމޫނުގެ ޑީއާރްޕީންނެވެ.

"ކިހިނެއްހޭ ވެރިއަކު ވެރިކަން ކުރާނީ، އަޅުގަނޑަށް އެއިރު ވިސްނުނު ގޮތް،  އަޅުގަނޑު އެ ވާހަކަ އައިސް އަޅުގަނޑުމެންގެ ސީނިއާ އެމްޕީއެއް ކައިރީގައި  އެ ވާހަކަދެއްކެވިން، ކިހިނެއްހޭ ރާއްޖޭގައި ވެރިކަމެއް ކުރާނީ، ރިޔާސީ  ނިޒާމެއްގެ ވާހަކަައޭ މި ދައްކަނީ، ބާރުތައް މި އޮތީ ރައްޔިތުންގެ  މަޖިލީހަށް ގަނޑުކޮށް ޖަމާކޮށްފައޭ، ވިދާޅުވީ، އިބޫއޭ ތި ވާހަކަ އެހާ  ބޮޑަށް ނުދައްކައްޗޭ، ތިމަަންނަމެންނަށް ފެންނަ ގޮތުގައި 2008 ވަނަ  އަހަރުވެސް ރާއްޖޭގެ ވެރިކަމަށް އަދި އަންނާނީ ރައީސް މައުމޫނޭ، ރައީސް  މައުމޫން ބަލި ކުރެވޭ ތަނެއް ތިމަންނަމެންނަށް ނުފެނެއޭ، އެކަމަކު  ރައްޔިތުންގެ މަޖިލީސް ތިމަންނަމެން ނަގާނަމޭ، އެހެންވީމަ އެތާ ނޫންހޭ  ބާރުތައް އޮންނަން ވާނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅަށް ބަލައިލުމުން ސާފުވަނީ ގާނޫނުއަސާސީ އެކުލަވައިލި މަރުހަލާގައި ރައްޔިތުން ނިންމި ނިންމުން އެއްފަރާތްކުރުމަށްފަހު އެމްޑީޕީން މަސައްކަތްކުރީ އެ ޕާޓީގެ ސިޔާސީ މަސްލަހަތުތައް ކަށަވަރުކޮށް، އެ ޕާޓީގެ ސިޔާސީ މުސްްތަގުބަލު ކަށަވަރުކުރުމަށެވެ. އެހެންކަަމުން ގާނޫނުއަސާސީގައި މިހާރު ފެންނަންހުރި ގިނަ މައްސަލަތަކަކީ އެ ޕާޓީގެ އަމިއްލަ މަސްލަހަތުތައް އިސްކޮށްގެން ކުރި މަސައްކަތްތަކުގެ ސަބަބުން އުފެދިފައި ހުރި މައްސަލަތަކެވެ.

އެމްޑީޕީގެ މަންޒޫރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅުވާންޖެހޭ ސަބަބު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނިކުންނަ ނަތީޖާތަކަށް ބަލާއިރު ސިޔާސީ އިލްމުވެރިން ފާހަގަކުރައްވާ އެންމެ މުހިއްމު ދެ ފައިދާއަކީ، ދާއިރާތަކުގެ ނިންމުން ވެރިކަންކުރާ ޕާޓީތަކުން ވެފައިވާ ވައުދުތައް ފުއްދުނު މިންވަރާ ގުޅުމެވެ. ދާއިރާއަކަށް ރައީސަކު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިފިނަމަ އެ ދާއިރާއަކުން މަޖިލީހަށް އެ ރައީސެއްގެ ވިސްނުންފުޅަށް ތާއީދުކުރައްވާ މަޖިލިސް މެންބަރެއް އިންތިހާބުކުރުމާއެކު، އެ ދާއިރާއެއްގެ އަޣުލަބިއްޔަތު ވޯޓު އެ ރައީސަކަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ވައުދުފުޅުތައް ނުފުއްދަވާނަމަ ނުކުންނާނީ އިދިކޮޅު ނަތީޖާއެވެ. އެހެންކަމުން ރައީސެއް ދެވަނަ ދައުރަށް އިންތިހާބުވެވަޑައިގަތުން ބިނާވަނީ އަދި އެ ބޭފުޅަކަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިންތިހާބުވުން ބިނާވަނީ އެ ރައީސެއްގެ ޒައާމަތުގައި ރައްޔިތުންނަށް ވައުދުތައް ހާސިލުވީ މިންވަރެއްގެ މައްޗަށެވެ.

ދެވަނަ ފައިދާއަކީ ގަަވަމެންޓް ކޮހަރެންސް ނުވަތަ ދައުލަތުގެ ހިންގުން އެއްކީލިވުމެވެ. ދައުލަތުގެ ހިންގުމުގައި އެންމެ މުހިއްމު ދެ ބާރު އަދި ސިޔާސީ ދެ ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހަދާ ބާރު އެއް މިސްރާބަކަށް ހިނގައި ސިޔާސީ ގޮތުން ކުރިމަތިވާ މައްސަލަތައް މަދުވުމެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ނުވަތަ ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތަކަށް މަގުފަހިވާ ގޮތަށް ފާސްކުރަަން ބޭނުންވާ އައު ގާނޫނުތަކާއި، މިހާރ ހުރި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވުމެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުން ދެކަމެއް ސާފުވެއެވެ. އެއްކަމަކީ އެމްޑީޕީން މިދެންނެވުނު ފަދަ ކޮހަރެންސް ނުވަތަ އެއްކީލިވުން ބޭނުންނުވާ ކަމެވެ. ގާނޫނުއަސާސީ އެކުލަވައިލިއިރުވެސް ގެންގުޅުނު ވިސްނުމަކީ އެމްޑީޕީއަށް ވެރިކަން ނުލިބޭ ހާލަތުގައި މަޖިލިސް ކާމިޔާބުކޮށް ރައީސް މައުމޫނަށް ދަތިކުރުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުވުމުންވެސް އެއިރު އެމްޑީޕީއަށް މަޖިލީހުގައި އޮތް އަޣުލަބިއްޔަތު ބޭނުންކުރީ މިދެންނެވުނު ގޮތަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ސާފުވަނީ އެއިރުވެސް މިހާރުވެސް އެމްޑީޕީން ގެންގުޅޭ މައިގަނޑު ސިޔާސީ ވިސްނުމެވެ. އަބަދުވެސް އެ ޕާޓީގެ ސިޔާސީ މަސްލަހަތުތައް ރައްޔިތުންގެ ނިންމުމާއި، ރައްޔިތުންގެ ބޭނުންތަކަށްވުރެ އިސްކުރުމެވެ. ރިޔާސީ ނިޒާމެއް ގާއިމުކުރަން ރައްޔިތުން ނިންމުމުން، އެ ނިންމުމާ ހިލާފަށް ހައިބްރިޑް ނިޒާމެއް ގާނޫނުއަސާސީގައި ތަރުތީބުކުރީ އެ ޕާޓީގެ މަސްލަހަތުތަކަށް އެ ނިންމުމުގެ މައްޗަށް އިސްކަންދީގެންނެވެ. ހަމައެހެންމެ 2023 ވަނަ އަހަރު ރައީސް ޑރ.މުޢިއްޒު ވެރިކަމަށް އިންތިހާބުކުރުމުން އެމަނިކުފާނު އަޒުލުކުރުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ މަސް ތެރޭ ފެށީވެސް މިދެންނެވި ވިސްނުމުގައެވެ.

މިހާރު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ އެމްޑީޕީން ދެކޮޅުހަދަނީ މިދެންނެވި ދެ ސަބަބުގެ މައްޗަށެވެ. ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެކަމަަށާއި، އެކަމުގެ ސަބަބުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވިސްނުންފުޅަށް ތާއީދުކުރައްވާ މަޖިލިސް ކެނޑިޑޭޓުންނަށް އެކުއެކީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގައި އެ ޕާޓީއަށް ފެންނަނީއެވެ. ސަރުކާރާއި މަޖިލިސް ފުރަތަމަ ދުވަހުން ފެށިގެން އެެއް މިސްރާބަށް މަސައްކަތްކުރަން ފަށައިފިނަމަ މުޅި ދައުލަތް އެއް މިސްރާބަށް ދަތުރުކުރާނެ ކަމުގައި ގަބޫލުކުރެވި ސިޔާސީ މައްސަލަތައް އުފެއްދުމުގެ ފުރުސަތު ނުލިބޭނެކަން ވިސްނެނީއެވެ. އެ ޕާޓީގެ ސިޔާސީ މަސްލަހަތު އޮތީ ރައްޔިތުންނަށް ފައިދާހުރި ދައުލަތުގެ ހިންގުން ހަރުދަނާވެ އާއްމު މަސްލަހަތު ހާސިލުވާ ސިޔާސަތުގައި ކަމަށްނުވާތީ އެ ވިސްނުމާ ދެކޮޅުހަދަނީއެވެ.

ކިޔުންތެރިންގެ ހިޔާލު