ENGLISH

09 މާރިޗު 2026

Advertisement

މި ރޯދަ މަހު ވެސް މަގުމަތީގެ އެކްސިޑެންޓުތައް އެންމެ ގިނައީ ހުޅުމާލެ ފޭސް އެކެއްގައި

08 މާރިޗު 2026

|

ފާތުމަތު އަދާ

ހުޅުމާލެ ފޭސް އެކެއްގައި ފުލުހުން ހަރަކާތްތެރިވަނީ. މި ރަމަޟާން މަހު ވެސް މަގުމަތީގެ އެކްސިޑެންޓުތައް އެންމެ ގިނައީ ފޭސް އެކެއްގައި.

މިދިޔަ އަހަރެކޭ އެއްގޮތަށް މި ރަމަޟާން މަހު ވެސް މަގުމަތީގެ އެކްސިޑެންޓުތައް އެންމެ ގިނައީ ހުޅުމާލޭ ފޭސް އެކަކުންކަން ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ. 

މި ރަމަޟާން މަހުގެ ދެ ވަނަ ހަފްތާގައި މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަފްސީލް ފުލުހުން ހާމަކުރީ މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ. 

ތަފާސްހިސާބުގައި ވަނީ އާއްމުކޮށް މަގުމަތީގެ އެކްސިޑެންޓުތައް ރިޕޯޓްކުރާ ސަރަޙައްދުތަކުގެ މަޢުލޫމާތު ހާމަކޮށްފައެވެ. އެގޮތުން މާލޭގެ ބޮޑެތި ބައެއް މަގުމަތަކާއި ހުޅުމާލެ ހިމެނެއެވެ. 

ފުލުހުންގެ ތަފާސްހިސާބުގައި އާއްމުކޮށްފައިވާ ގޮތުން، މިދިޔަ އަހަރު އަދި މިއަހަރު ވެސް މަގުމަތީގެ އެކްސިޑެންޓްތައް އެންމެ ގިނައީ ހުޅުމާލެ ފޭސް އެކެއްގައެވެ. އެގޮތުން ފުލުހުން ހާމަކޮށްފައިވަނީ، މިދިޔަ އަހަރުގެ މާރިޗު މަހުގެ 8 އިން 14 ވަނަ ދުވަހުގެ ތަފާސްހިސާބުތަކާއި މިއަހަރުގެ ފެބްރުއަރީ މަހުގެ 25 އިން ފެށިގެން މާރިޗު މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ތަފާސްހިސާބުތަކެވެ. 

މިދިޔަ އަހަރު ހުޅުމާލެ ފޭސް އެކަކުން މަގުމަތީގެ އެކްސިޑެންޓްތަކުގެ 37 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު މި އަހަރު އެ މުއްދަތުގައި 35 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. 

މާލޭގެ އިތުރު ސަރަހައްދުތަކަށް ބަލާއިރު، ބޮޑުތަކުރުފާނުމަގު، މަޖީދީމަގު، ސިނަމާލެ ބްރިޖު އަދި ހައިވޭގެ އިތުރުން ލޯކަލް މާރުކޭޓު ސަރަހައްދުގައި އެކްސިޑެންޓު ހިނގައިގެން މައްސަލަތައް ރިޕޯޓްކުރާ މިންވަރަށް ބަލާއިރު މަދުކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުގައި ވާގޮތުން، މިދިޔަ އަހަރާ އަޅާބަލައިރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓުތައް ވަނީ މަދުކުރެވިފައެވެ. އެގޮތުން މިދިޔަ އަހަރު އެ މުއްދަތުގައި އެ މަގުގައި އެކްސިޑެންޓް ވެގެން 18 މައްސަލައެއް ރިޕޯޓްވީއިރު މިއަހަރު ރިޕޯޓުވީ 12 މައްސަލައެވެ. 

އެކްސިޑެންޓުތައް ގިނަވަމުން އަންނަ ސިނަމާލެ ބުރިޖު ސަރަޙައްދުގައި ހިނގި އެކްސިޑެންޓުތައް މިއަހަރު ވަނީ އިތުރުވެފައެވެ. މިގޮތުން، އެ ސަރަޙައްދުގައި މިދިޔަ އަހަރު ރަމަޟާން މަހުގެ ފުރަތަމަ ދެ ހަފްތާ 10 އެކްސިޑެންޓް ހިނގިއިރު، މިއަހަރު ވަނީ 19 އެކްސިޑެންޓް ހިނގައިފައެވެ. 

ފުލުހުން ބުނީ، ލޯކަލް މާރުކޭޓު ސަރަޙައްދުގެ ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަޙައްދުގައި ހިނގި އެކްސިޑެންޓުތައް މިދިޔަ އަހަރަށް ވުރެ 50 އިންސައްތަ ދަށްކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު