ENGLISH

09 މާރިޗު 2026

Advertisement

ވައިގެ ދަތުރުފަތުރުގެ ބުރޫއެރުން ކުޑަކުރުމަށް ވިޒިޓް މޯލްޑިވްސް އިން ޚާއްޞަ މަސައްކަތްތަކެއް ފަށައިފި

08 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވާ ގޮންޖެހުން ކުޑަކުރުމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައި.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުރުފަތުރަށް ދިމާވެފައިވާ ބުރޫއެރުންތަކާ ގުޅިގެން ވިސިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އިން ކަމާގުޅޭ ވުޒާރާތަކާއި ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ވީ.އެމް.ސީ އިން އިއްޔެ ނެރުނު ބަޔާނެއްގައެވެ. 

އެ ބަޔާނުގައި ވަނީ، މި މަސައްކަތްތަކަކީ ދަތުރުތައް މެދުކެނޑުމުގެ ސަބަބުން ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ވީ.އެމް.ސީ އިން އިސްކަންދެނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެސް އެބަޔާނުގައިވެއެވެ.

އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ވީ.އެމް.ސީގެ އެހީތެރިކަމާއެކު ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހިމެނޭހެން ޖުމްލަ 8 ރިޕެޓްރިއޭޝަން ފްލައިޓް ވަނީ ބާއްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ އެހީތެރިކަމާއެކު، ދަތުރުވެރިންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ހެލްޕް ޑެސްކެއް ވެސް ގާއިމުކޮށްފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. 

ކުރިމަތިވެފައިވާ މި ހާލަތުން އަރައިގަތުމަށް ވީ.އެމް.ސީ އިން ވަނީ އެކި އެއާލައިންތަކާއެކު މަޝްވަރާކޮށްފައި ކަމަށާއި، އިތުރު ފްލައިޓްތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް އެ ބަޔާނުގައިވެއެވެ.

ޓުއާ އޮޕަރޭޓަރުންނާއިި އެޖެންޓުން ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެމެހެއްޓުމަށްޓަކައި، ދަތުރުފަތުރަށް މާބޮޑު ބުރޫއެއް އަރާފައިނުވާ އިންޑިއާ، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކަށް އަމާޒުކޮށްގެން ޚާއްޞަ ކެމްޕޭންތަކެއް ހިންގުމަށް ފަށާފައިވާ ހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވީ.އެމް.ސީ އިން ވަނީ ފާހަގަކޮށްފައެވެ.

ވީ.އެމް.ސީ އިން ބުނީ، މުސްތަގުބަލަށް ރޭވުުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަ "ކްރައިސިސް ރެސްޕޮންސް ސްޓްރެޓެޖީ" އެކުލަވާލަމުންދާކަމަށެވެ. 

މެދުއިރުމަތީގެ ހަމަނުޖެހުން ކުރިއަށްދާ މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަނީ ލޮޅުންއަރާފައެވެ. އެހެންނަމަވެސް، އެ ގޮންޖެހުންތައް ހައްލުކުރުމަށް އަވަސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު