ENGLISH
10 އޭޕްރީލު 2025
ބައްޝާރުގެ ވެއްޓުން: މުޅި މެދުއިރުމަތީގެ ތަރުތީބު އެފުށްމިފުށަށް!
11 ޑިސެމްބަރު 2024
|
ސޫރިޔާގެ ރައީސް ބައްޝާރުގެ ފޮޓޯފުޅަކަށް ގެއްލުންދީފައި. --
މީގެ ހަފްތާއެއްހާ ދުވަސްކުރިން ސޫރިޔާގައި ހަރަކާތްތެރިވި ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން، އެ ޤައުމުގެ އަސްކަރިއްޔާ އާ ދެކޮޅަށް ދޭން ފެށި ޙަމަލާތައް އަމާޒުވާނީ، ރައީސް ބައްޝާރު އަލް އަސަދުގެ ދިގު ވެރިކަމުގެ ބިންގަލަށް ކަމެއް ގިނަ ބަޔެއްގެ ވިސްނުމަށް ގެންނަން ވެސް ދަތިވާނެއެވެ.
އަސަދު ވެރިކަމާ ޙަވާލުވެވަޑައިގަތީ 2000 ވަނަ އަހަރުގެ ތެރޭގައި، 29 އަހަރު ސޫރިޔާގެ ވެރިކަން ކުރެއްވި އޭނާގެ ބައްޕާފުޅު ޙާފިޒް އަލް-އަސަދު އަވަހާރަވުމުންނެވެ.
ބައްޕާފުޅުގެ ފަރާތުން އަސަދު އަށް ވާރުތަވީ، ހުރިހާ ކޮޅަކުން ވާންކޮށް، އިދިކޮޅުގެ އަޑުތައް ނީވޭ، މަތި ޖަހައި ބަންދުކޮށްފައިވާ ސިޔާސީ އޮނިގަނޑެކެވެ.
އަސަދުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު، ބައްޕާފުޅާ ތަފާތުކޮށް، އެހާ ހަރުކަށި ނުވާނެ ކަމަށް އުއްމީދު ކުރެވުނެވެ. ނަމަވެސް، ކަން ހިނގީ އެހެނެއް ނޫނެވެ.
ސޫރިޔާގެ ތާރީޚުން އަސަދުގެ ޞަފްޙާގައި ފަވާފައިވަނީ، ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު އާންމުން ކުރި ސުލްޙަވެރި މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ހުއްޓުވަން ކުރި މަސައްކަތް، އެތަކެއް އަހަރަކަށް ދިގުދެމިގެންދިޔަ ބޮޑު ދާޚިލީ ހަނގުރާމައަކަށް ބަދަލުވި ބަދަލުވުމުންނެވެ.
އެ ލޭއޮހުރުވުމުގެ ތެރޭގައި، ބައި މިލިއަނަށް ވުރެ ގިނަ މީހުން މަރުވެ، ހަ މިލިއަން މީހުންގެ ވަނީ ގެދޮރު ގެއްލިފައެވެ.
ހަތިޔާރުއެޅި އެޗްޓީސީގެ ހަނގުރާމަވެރިއަކު ފޮޓޯއަކަށް ހުއްޓިލައިގެން.
އޭރު، ހަނގުރާމަވެރިންގެ މައްޗަށް އަސަދު ކާމިޔާބު ހޯއްދަވައި، ވެރިކަން ދެމެހެއްޓެވީ، އެ މަނިކުފާނަށް އެންމެ ބޮޑަށް ވާގިވެރިވާ ރަޝިޔާ އާއި އީރާނުގެ އަސްކަރީ ބާރުގައެވެ.
ނަމަވެސް، މި ފަހަރު ކަން ހިނގައިދިޔައީ އެހެނެއް ނޫނެވެ. އަމިއްލަ ހަނގުރާމަތަކުގައި މަސްއޫލޫވެ ތިބި، ރަޝިޔާ އާއި އިރާނު ވެސް އަސަދުގެ އަމިއްލަ ހާލައިގެން ދޫކޮށްލީއެވެ.
އެއާ އެކު، އެޗްޓީއެސްގެ ހަނގުރާމަވެރިން، ސޫރިޔާގެ ސަހަރަކަށް ފަހު ސަހަރެއް ހިފަމުންދިޔަ އިރު، އަސަދުގެ ސިފައިންނަކަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.
ދިމިޝްޤަށް ވަދެގަތުމުގެ ކުރިން، އެޗްޓީއެސްގެ ހަނގުރާމަވެރިންގެ ޙަމަލާތައް ފުރަތަމަ އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ ހުޅަނގުއުތުރުގައި އޮތް ޙަލަބް ޕްރޮވިންސަށެވެ. ސިފައިންނާއި ހަތިޔާރު އެޅި އެހެން ޖަމާޢަތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދިނުމަށްފަހު، އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ އެ ޕުރޮވިންސުގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ.
އޭގެ ތެރޭގައި އެ ޕުރޮވިންސުގެ ވެރިރަށް ޙަލަބް ސިޓީ އާއި މައި ވައިގެ ބަނދަރު ވެސް ހިމެނެއެވެ. އެއަށް ފަހު، ހަނގުރާމަވެރިން ވަނީ ޙަމާއަށް ވެސް ވެރިވެގެންފައެވެ.
ޙުމްޞްގެ އިތުރުން، އުރުދުންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ދަރްޢާ ވެސް އެޗްޓީސީގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔައެވެ.
އަސަދު އާއިލާގެ، ބައި ގަރުނަށް ވުރެ ދިގު ވެރިކަން ނިމުމާ އެކު، މުޅި މެދުއިރުމަތީގެ ބާރުގެ ތަރުތީބު ބަދަލުވެއްޖެ ކަމުގެ މަލަމަތި މިހާރު ވެސް ވަނީ ފެންނަން ފަށައިފައެވެ.
އަސަދުގެ ވެއްޓުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އީރާނަށެވެ. ލުބްނާނުގައި ހަރަކާތްތެރިވާ، އީރާނުން ވާގިދޭ ހިޒްބުﷲ ޖަމާޢަތަށް ހަތިޔާރާއި އެހީ ފޯރުކޮށްދެމުން އައި ދޮރު ބަންދުވީމައެވެ. އިޒްރޭލާ އެކު މިހާރު ވެސް ހަނގުރާމަ ކުރަމުންދާ ހިޒްބުﷲ ޖަމާޢަތް ވެސް ވަރަށް ބޮޑަށް ބަލިކަށިވެ، އެ ޖަމާޢަތުގެ މުސްތަޤުބަލާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
އީރާނުން ތާއީދުކުރާ އަނެއް ޖަމާޢަތް ކަމަށްވާ ޔަމަނުގައި ތިބި ހޫތީންނަށް ވަނީ ވައިގެ ހަމަލާތައް ތަކުރާރުކޮށް އަމާޒުކޮށްފައެވެ. މި ދެ ޖަމާޢަތުގެ އިތުރުން އިރާޤުގެ ހަނގުރާމަވެރި ޖަމާޢަތްތަކާއި ޣައްޒާގެ ހަމާސް ޖަމާޢަތަކީ، އީރާނުން ސިފަކުރާ މެދުއިރުމަތީގެ ދިފާޢީ ފައުޖެވެ. އެކަމަކު މި ފައުޖަށް އެކި ގޮތްގޮތުން ވަނީ ވަރުގަދަ ޙަމަލާތައް ދިފާޢުކުރަން މަޖުބޫރުވެފައެވެ.
ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ސުންނާފަތިވެފައިވާ ސަރަޙައްދެއް. --
އީރާނު ވަށައިގެންވާ، ވާގިދޭ ބާރުތައް ބަލިކަށިވުމުގެ އުފާ އެންމެ ބޮޑަށް ފާޅުކުރަމުންދަނީ އިޒްރޭލުންނެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔަހޫދީ ފައުޖުން އިސްތިޢުމާރު ކުރި އާ ސަރަޙައްދުތައް ކައިރިއަށް ޒިޔާރަތްކޮށްފައެވެ. އޭނާ ވަނީ އަސަދުގެ ވެރިކަން ވެއްޓުމަކީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އަސަދުގެ ވެރިކަން ވެއްޓުނީ ޔަހޫދީ އިސްތިޢުމާރީ ފައުޖުން އީރާނާއި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތާ ދެކޮޅަށް ދިން ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ކަމަށް ނަތަންޔާހޫ ބުންޏެވެ. އޭނާ ވަނީ އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީންނަށް އިތުރު މަގުތަކެއް ފަހިވެފައިވާ ކަމަށް ބުނެފައެވެ.
އަސަދުގެ ވެރިކަން ވެއްޓުމުގެ ފައިދާ، ދަނޑިވަޅު ބަލާފައި، އިޒްރޭލުގެ ޔަހުދީ ފައުޖުން މިހާރު ވެސް ދަނީ ނަގަމުންނެވެ. މިގޮތުން، އިޒްރޭލުން ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ބޮން އަޅައިފައެވެ. އިތުބާރުހުރި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އެ ޙަމަލާތައް ޢަމާޒުކޮށްފައި ވަނީ ސޫރިޔާގެ އަސްކަރިއްޔާއިން ދޫކޮށްލާފައި މިސައިލުތަކާއި ރޮކެޓުތައް ހަނގުރާމަވެރި ޖަމާޢަތެއްގެ އަތްދަށަށް ދިޔުމުގެ ކުރިން ނައްތާލުމަށެވެ. އެ ބަހަނާގެ ނިވަލުގައި، އިޒްރޭލުން ސޫރިޔާގެ ބައެއް ސަރަޙައްދުތަކަށް ވެރިވެގަތުމުގެ ބިރު ވެސް ވަނީ ބޮޑުވެފައެވެ.
އަސަދުގެ ވެރިކަން ވެއްޓުމުގެ ފަހަތުގައި އޮތީ، މަޝްވަރާގެ ރިވެތި އުސޫލަށް ފާޅުގައި ނޫނެކޭ ބުނުމާއި، ހަމަނުޖެހުންތަކަށް ސުލްޙަވެރި ހައްލެއް ހޯދަން ދެކޮޅު ހެއްދެވުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
އެހެންކަމުން، އަސަދުގެ ނިމުން ފާހަގަކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސި ވިހައިލި ވެފައިތިބި ސޫރިޔާގެ އެތައް މިލިއަން މީހުން އުފާފާޅުކުރަމުންދާއިރު، ސޫރިޔާގެ ސަރުކާރު ހިންގުމުގެ ހުންގާނު އެޗްޓީސީގެ އަތްދަށުގައި އޮވެގެން، ސޫރިޔާގެ މުސްތަޤުބަލުގެ މިސްރާބާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އެޗްޓީއެސް އެންމެ ފުރަތަމަ ޤާއިމުކޮށްފައި ވަނީ ޖަބުހަތުލް ނުޞްރާގެ ނަމުގައި 2011 ވަނަ އަހަރެވެ. އޭރު އެ ޖަމާޢަތަކީ އަލް-ޤާޢިދާއާ ސީދާ ގުޅުން އޮތް ބައެކެވެ. އެ ޖަމާޢަތް އުފެއްދުމުގައި އައިއެސްގެ ވެރިޔާ އަބޫ ބަކުރު އަލް-ބަޣްދާދީ ވެސް ބައިވެރިވެފައި ވެއެވެ.
ނަމަވެސް އެޗްޓީއެސްއިން ވަނީ އަލް-ޤާޢިދާއާ އެކު އޮތް ގުޅުން ކަނޑާލައި ޖަބުހަތުލް ނުޞްރާ އުވާލައިފައެވެ. އޭގެ އަހަރެއް ފަހުން އެޗްޓީއެސް ނަމުގައި އަލުން އެ ޖަމާޢަތް އުފެއްދިއެވެ. ދެވަނަ ފަހަރަށް އެ ޖަމާޢަތް އުފެއްދީ އެއް ފިކުރެއްގެ ގިނަ ޖަމާޢަތްތަކާ ގުޅިގެންނެވެ. ނަމަވެސް އެޗްޓީއެސްއިން އަލް-ޤާޢިދާއާ އެކު އޮތް ގާތް ގުޅުން ހަޤީޤަތުގައި ވެސް ކަނޑާލައިފައިވާ ކަމާ މެދު އަދިވެސް ސުވާލުކުރެއެވެ.
އެ ތަސައްވަރު ބަދަލުކުރަން، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޖަމާޢަތުން ދައްކަމުންދާ މަންޒަރު ތަފާތެވެ. މިހާރު އެ ޖަމާޢަތް ފެނިގެން ދަނީ އެންމެންގެ ބައިވެރިވުމަށް މަރުޙަބާ ކިޔައި ބައެއްގެ ގޮތުގައެވެ. އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫޙު ދޫކޮށްލާފައިވާ ޖަމާޢަތެއްގެ ގޮތުގައެވެ.
ނަމަވެސް، އާޚިރުގައި ސޫރިޔާގެ ސިޔާސީ މުސްތަޤުބަލު އެންމެ ބޮޑަށް ބަރޯސާ ވަނީ އެޗްޓީއެސްގެ ނިޔަތާއި ޤާބިލިއްޔަތުގެ މައްޗަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި، ސޫރިޔާގެ މަސްރަޙު އެނބުރޭ ގޮތަކުން، އިސްތިޢުމާރީ ބާރުތަކުން ސޫރިޔާ އަތްދަށުކޮށް، މުޅި މެދުއިރުމަތީގައި ހަމަނުޖެހުމާއި ލޭއޮހޮރުވުމުގެ އާ ބާބެއް ފެށިދާނެކަމުގެ ފުރުޞަތު ބޮޑެވެ.