ENGLISH
02 މާރިޗު 2026
މިދިޔަ އަހަރު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި: ވަޒީރު
02 މާރިޗު 2026
|
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު --
އެންމެ މަޤްބޫލު
މިދިޔަ އަހަރު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ.
މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު
އެގޮތުން މިދިޔަ އަހަރު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މިއީ މިއިން ޒަމާނަކު އެކަމަށް ކޮށްފައި ނެތް ޚަރަދެއް ކަމުގައި ވިދާޅުވި އެވެ.
"ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމުގެ ދާއިރާއަށް ވަރަށް މުހިއްމު އިސްކަމެއް ދެއްވި. ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމުތައް މަތިކުރެއްވި. ޙާފިޡުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރެއްވި. 2025 ވަނަ އަހަރު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކުރެވިފައި," ވަޒީރު ވިދާޅުވި އެވެ.
މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު
ވަޒީރު ވިދާޅުވީ، ކީރިތި ޤުރުއާނަށް ޚިދުމަތް ކުރުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ކަންތައްތައް މުޅި ރާއްޖެއަށް ފެތުރުމުގައި ދިވެހިރާއްޖެ ދެކެމުން މި ދަނީ ވަރަށް ހެޔޮ ދުވަސްތަކެއް ކަމަށެވެ.
މިރޭ އޮތް ރަސްމިއްޔާތު ގައި ވަނީ 31 ހާފިޒަކު ދަސްވެނިވެފަ އެވެ. މިއީ އެއް އަހަރުތެރޭ އެންމެ ގިނަ ހާފިޒުން އުފެދުނު އަހަރެވެ.
ވަޒީރު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޡުން ދަސްވެނިވާ އަހަރު ކަމަށާއި ދިވެހިރާއްޖޭގައި ޙާފިޡުންގެ އަދަދު މިހާރު 301 އަށް އަރާފައިވާ ކަމަށެވެ. އަދި އަމާޒަކީ މި 5 އަހަރުގެ ތެރޭގައި ޙާފިޡުންގެ އަދަދު 500 އާއި ހަމައަށް ގެންދިއުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.
އަދި އެ ވުޒާރާގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުންގެ ޢަދަދު އެންމެ ގިނަ ޤައުމަށް ދިވެހިރާއްޖެ ހެދުން ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި މިގޮތުން 2026 ވަނަ އަހަރުގައި 50 ގޮފި އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވަޒީރު ވިދާޅުވި އެވެ.
މީގެ ތެރެއިން 6 ގޮފި ރަޖިސްޓްރީކުރެވިފައިވާއިރު، 34 ގޮފި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންދާކަމަށް ވަޒީރު ވިދާޅުވި އެވެ.
މިރޭ އޮތް ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު
ވަޒީރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ޖީލުތަކަށް އިސްލާމީ ރިސާލަތު ވާޞިލްކޮށްދިނުމަށްޓަކައި އަދުގެ ޒުވާން ޖީލު ޙާފިޡުންގެ ގޮތުގައި އަދި އިމާމުންގެ ގޮތުގައި، ތެދުވަން ޖެހޭކަމަށް ވިދާޅުވެ ޒުވާނުންނަށް އެކަމަށް އިލްތިމާސް ކުރެއްވި އެވެ. އަދި އުއްމަތް ބިނާކުރުމުގައި އަދި ޤައުމު ބިނާކުރުމުގައި އަދި އަޅުގަނޑުމެންގެ ޤައުމު ތާއަބަދަށް އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މިފަދަ ޙާފިޡުން ބިނާ ކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވި އެވެ.