ENGLISH

01 މާރިޗު 2026

Advertisement

މިއަދު 19 ފްލައިޓެއް ކެންސަލް، އެއަރޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކޮށް ޚިދުމަތް ދެނީ

01 މާރިޗު 2026

|

އަޙުމަދު ޙަމީދު

ވީއައިއޭ --

މެދުއިރުމަތީގެ ވައިގެ ބޮޑު ސަރަހައްދެއް ބަންދުކުރުމާއި ގުޅިގެން 19 ފްލައިޓެއް ކެންސަލްވެ، 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީެލް) އިން ބުނެފި އެވެ.

އެމެރިކާއާ އިޒްރޭލުން އިސްވެ އިރާނަށް ހަމަލާދީ އެ ޤައުމުގެ އެންމެ އިސް ލީޑަރު އަވަހާރަކޮށްލާ އެތައް ގެއްލުމެއް ދިނުމާއި ގުޅިގެން ބޮޑު ހަނގުރާމައެއް ވަނީ ފެށިފަ އެވެ. އެކަމާއި ގުޅިގެން މެދުއިރުމަތީގެ ވައިގެ ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފަ އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން 28 މާރިޗު ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކުރެވި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި މި މަސައްކަތުގެ ތެރެއިން ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަކައި ޑޮމެސްޓިކް ޓަރމިނަލް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.

މި މަސައްކަތުގައި ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު، ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

އެމްއޭސީއެލްއިން ބުނީ އިއްޔެ 9 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 1,716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިއަދު 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ވިޒިޓް މޯލްޑިވްސްއާއި އެއަރލައިންތަކުގެ އިތުރުން ޓުއަރ އޮޕަރޭޓަރުންނާއި ގުޅިގެން، ފަސިންޖަރުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން އަންނަނީ ކުރަމުންނެވެ.

ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއަރލައިންތަކަށް ޚާއްސަ ސަރވިސް ކައުންޓަރުތައް ޑޮމެސްޓިކް ޓާމިނަލްގައި ވަނީ ގާއިމު ކޮށްފަ އެވެ. އަދި ފަސިންޖަރުންނަށް އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެއަރލައިންތަކުގެ މަންދޫބުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންނަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު