ENGLISH
01 މާރިޗު 2026
ފޮރިން މިނިސްޓަރުގެ އަރިހަށް ޔޫއޭއީގެ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
01 މާރިޗު 2026
|
ފޮރިން މިނިސްޓަރުގެ އަރިހަށް ޔޫއޭއީގެ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރެއްވުން --
އެންމެ މަޤްބޫލު
އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝައިޚް ރަޙްމާ ޢަބްދުއްރަޙްމާން އަލްޝަމްސީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި އެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްވަނީ، ސަފީރު އަލް ޝަމްސީ ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނު ކުރެއްވި މަސައްކަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލް އާއި ސަފީރު އަލްޝަމްސީ ވަނީ މެދުއިރުމަތީގެ މިހާރުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ސަރަޙައްދީ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
ޔޫއޭއީ ސަފީރުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރ ޑރ. ޚަލީލް ވަނީ ޔޫއޭއީ އާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ނުހަނު އިސްކަންދޭކަން ހާމަކުރައްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގާތް އަޚުވަންތަ ގުޅުން އިތުރަށް ކުރިއަރައި ފުޅާވެގެންދާނެކަމުގެ އިތުބާރު އޮތް ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، މިނިސްޓަރ ޑރ. ޚަލީލް ވަނީ، ޔޫއޭއީ ސަފީރު އެމަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ފާހަގަކުރައްވާފަ އެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރަށް ވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.