ENGLISH

01 މާރިޗު 2026

Advertisement

އެމްޑީޕީން ހަމަނުޖެހުން ހިންގި މުޒާހާރާ: އަށް މީހަކަށް ދަޢުވާ އުފުލައިފި

01 މާރިޗު 2026

|

އަޙުމަދު ޙަމީދު

މުޒާހަރާގައި އެމްޑީޕީން ހަމަނުޖެހުން ހިންގަނީ --

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގުމާއި ގުޅިގެން ބައެއްގެ މައްޗަށް ދަޢުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ތިންވަނަ ދުވަހުގެ ރޭ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

* ޢަބްދުއްސަލާމް

* މުޙައްމަދު ޙަމާއިދު ޢަބްދުލްޣަނީ

* ޢަލީ ނައުފަލް

* މަޢުރޫފް ޛާކިރު

* ޢާއިޝަތު ނަޖުދާ ޢަލީ

* ޢަލީ މުޢައްވަޒް

* ފާޠިމަތު ޒަހިއްޔާ

ޙުސައިން ރަޝީދު

މި މީހުންގެ ތެރެއިން މަޢުރޫފް ޛާކިރަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އެ ރޭގެ މުޒާހަރާގައި އޭނާ ވަނީ ފުލުހުންގެ ބެރިކޭޑް ފަޅާލާ އަދި ބެރިކޭޑް އުކާލާވެސް ހަދާފަ އެވެ.

ޕީޖީ އޮފީހުން ބުނީ މި މީހުންގެ މައްޗަށް ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި އިތުރު ހަތް މީހަކަށް ތުހުމަތުކުރެވޭ ކަމަށާ ނަމަވެސް އެ މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައި ނުވާތީ އާއި، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު ނެތުމުން އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މުޒާހަރާއާ ގުޅުންހުރި މައްސަލަތަކުގައި ދަޢުވާކުރުމުގައި ޕީޖީ އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ޙާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު އޮތް ކަމަށް ބަލައި ދަޢުވާ ކުރުން ކަމުގައި ޕީޖީ އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު