ENGLISH
01 މާރިޗު 2026
މާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމުގެ މަސައްކަތް މި ސަރުކާރުންދަނީ ކުރަމުން: ރިފާއު
01 މާރިޗު 2026
|
މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްްދުﷲ ރިފާއު
އެންމެ މަޤްބޫލު
މާލޭ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި އެންމެ ބޮޑެތި މައްސަލަތައް ހައްލުކޮށް، ޝަކުވާތަކަށް ތަސައްލީ ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންދާކަމަށް މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ރިފާއު މިފަދައިން ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގައި ކޮންގްރެސް ޕާޓީން މިއަދު ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގަައެވެ.
ރިފާއު ފާހަގަކުރެއްވި ގޮތުގައި މިފަހުން މާލޭ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދިޔަ އެންމެ ބޮޑު ލުޔަކީ މާލޭގެ ދެކުނު ފަރާތުގައި ބާޒާރު މަތީ ސަރަހައްދުގެ ބޭރު މަގު ފުޅާކޮށް ބޮޑުކުރުމަށްފަހު އަލުން ހުޅުވުމެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން މުޅި މާލެއަށް އަދި ހާއްސަކޮށް މާލޭގެ އެންމެ ތޮއްޖެހުން ބޮޑު އެއް ސަރަހައްދަށް ކުރިން ހިޔާލަށްވެސް ގެނެވިފައި ނެތް މިންވަރުގެ ލުޔެއް ލިބިއްޖެކަމަށެވެ.
އިތުރަށް ބޮޗޭ ވިދާޅުވީ މާލޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝިކާޔަތުކަމުގައިވާ މާލޭ މަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ޗައިނާ ސަރުކާރާ މަޝްވަރާކުރެވި މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެއްބަސްވެވިފައިވާއިރު، ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭ އެ މަޝްރޫއުގެ އަމަލީ މަސައްކަަތް ފެށިގެންދާނެ ކަމަަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ މަޝްރޫއު ނިމުމުން މާލޭގެ މަގުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ޝަކުވާތަކަށް ނިމުމެއް އަންނާނެއެވެ.
މާލޭ ސަރަހައްދުގައި އޮތް އެންމެ ބޮޑި ދައްޗަކީ ގެދޮރުވެރިިކަމުގެ މައްސަލަކަން ފާހަގަކުރައްވަމުން ރިފާއު ވިދާޅުވީ މަޝްރޫއުތައް ފެއްޓެވި ރައީސަކީ ނުވަތަ ސަރުކާރަކީ ކޮބައިތޯ ނުބައްލަވައި އާއްމު މަންފާއަށް އިސްކަންދެއްވައިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރައްވައި ގޯތި ދޫކުރަން ކުރީ ސަރުކާރުން ކަނޑައެޅި ސަރަހައްދުތައް ހިއްކެވުމުގެ މަސައްކަތް ރައީސް ޑރ.މުޢިއްޒު ކުރިއަށްގެންދަވާ ކަމަށެވެ.
މިއަދު ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހަލުއިކުރެވި ގުޅިފަޅުގެ މަސައްކަަތްވެސް ނިމުމަކާ ގާތަށް ގެނެވިފައިވާއިރު، ރަސްމާލެ ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ރިފާއު ވިދާޅުވީ މި ހުރިހާ މަސައްކަތްތަކެއް ނިމިގެންދިއުމުން މާލޭ ސަރަހައްދަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
އޭގެ އިތުރަށް ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލެއާއި ވިލިމާލޭގައި އަޅަމުންދާ 3،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު، އެ މަސައްކަތުގެ ބޮޑު ބައެއް ޗައިނާ ކުންފުނިތަކާ ކޮންޓްރެކްޓުކޮށްފައި އޮތުމުން އަވަހަށް މަސައްކަތް ނިމި، ރައީސްގެ މި ދައުރުގައި އެ ތަންތަނަށް ރައްޔިތުންނަށް ވަދެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ރިފާއު ވިދާޅުވިއެވެ.
ރިފާއު ވިދާޅުވި ގޮތުގައި މި ސަރުކާރުން އަންނަނީ މާލޭ ސަރަހައްދުގައި ހުރި ބޮޑެތި ހުރިހާ މައްސަލަތަކެއް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރަމުންނެވެ.