ENGLISH
01 މާރިޗު 2026
އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން ވަރަށް ގިނަ ރަނގަޅު ކަންކަމަަށް މަގުފަހިވާނެ: ޝިޔާމު
01 މާރިޗު 2026
|
ކޮންގްރެސް ޕާޓީގެ ނައިބުރައީސް އަދި މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ގިނަގުނަ ރަނގަޅު ކަންކަން ހާސިލުކުރެވޭނެ ކަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ނައިބުރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މިއަދު ކޮންގްރެސް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ޝިޔާމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ކަމަށެވެ. ކުރިން ގާނޫނުއަސާސީ އޮތީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ ބަހެއް ހޯދުމަކާ ނުލައި މުޅި ގާނޫނުއަސާސީ ބަދަލުކުރުމަށް މަގުފަހިކުރެވިދާނެ ގޮތަށްކަން ޝިޔާމު ފާހަގަކުރެއްވިއެވެ.
ޝިޔާމު އިޝާރާތްކުރެއްވީ ގާނޫނުއަސާސީގައި ރައްޔިތުންގެ ބަަހެއް ހޯދައިގެން ނޫނީ ބަދަލުނުގެނެވޭނެ މާއްދާތައް ބަޔާންކޮށްފައި އޮތް މާއްދާ އޮތީ ރައްޔިތުންގެ ބަހަކާ ނުލައި ބަދަލުކުރެވޭ ގޮތަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަންކުރާ ޕީއެންސީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން އެ މާއްދާއަށް ބަދަލެއް ގެންނަނަމަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން ލާޒިމުކުރިއެވެ.
އެކަމަށް އިޝާރާތްކުރައްވައި ޝިޔާމު ވިދާޅުވީ ގާނޫނުއަސާސީގައި ހުރި މާއްދާތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަންކަމުގައި އެ ހިޔާލު ހޯދުން ލާޒިމުވާ ގޮތަށް އެ މާއްދާތައް ހިމާޔަތްވާނެހެން ގާނޫނުއަސާސީ ބަދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ކަމަަށެވެ.
އެހެންކަމުން ކޮންގްރެސް ޕާޓީން ބޭނުންވަނީ ގާނޫނުއަސާސީ އިސްލާހުކޮށް ރިޔާސީ އިންތިހާބާއި މަޖިިލިސް އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމަށް ނިންމާ ނިންމުމާމެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ކަމަަށާއި، ނަމަވެސް އެ ބަދަލު ގެނައުމުން ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.
ތަފާސްހިސާބުތަކުން ޝިޔާމު ފާހަގަކުރެއްވީ ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތާ އަޅާބަލާއިރު މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާ ކަމަަށެވެ. އެހެންކަމުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގައި ރައްޔިތުން ބައިވެރިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ޑިމޮކްރަސީ ހަރުދަނާވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކުރީގެ ރައީސުންވެސް މި ބަދަލުގެނައުމަށް ތާއީދުކުރެއްވީ މިފަދަ ރަނގަޅު ނަތީޖާތަކެއް މި ބަދަލުގެ ސަބަބުން ނިކުންނާނެކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ. ނަމަވެސް ސިޔާސީ ސަބަބުތަކަށްޓަކައި ކުރިން މިކަމުގައި ދެއްކެވި ވާހަކަތައް ބަދަލުކުރައްވައި މިހާރު އެ ބަދަލުގެނައުމާ ދެކޮޅު ހައްދަވަމުންދާ ކަމަަށެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނުވަތަ ދައުލަތުން ކުރާ ހަރަދުތައް ކުޑަވުމުގެ އިތުރަށް ކެމްޕެއިންތަކާ ގުޅިގެން އާއްމުން ކުރަމުންދާ ހަރަދުތައްވެސް ކުޑަވާނެ ކަމަަށެވެ. އެގޮތުން އެންމެ ފަހުން ބޭއްވި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ކެމްޕެއިނުގައި އެވެރެޖުކޮށް ކޮންމެ ކެންޑިޑޭޓަކު 3 މިލިއަން ރުފިޔަ ހަރަދުކުރިނަމަ އެއީ 1.1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމުން މިފަދަ ހަރަދުތައްވެސް ކުޑަވެގެންދާނެ ކަމަަށެވެ.
އޭގެ އިތުރަށް އިންތިހާބުތަކުގެ ވަށްބުރަށް ނިމުމެއް ނައިސް ދިގުލައިގެންދިއުމުގެ ސަބަބުން އިޖުތިމާއީ ހަމަޖެހުމަށް ބޮޑެތި ލޮޅުންތައް އައިސް، ދޭދޭ ފަރުދުންނާއި އާއިލާތަކުގެ މެދުގައި އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރަމުންދާކަން ފާހަގަކުރެއްވޭކަމަށާއި، އެފަދަ ކަންކަންވެސް އިންތިހާބުތައް އެއް ދުވަހެއްގަައި ބޭއްވުމުން ވަރަށް ބޮޑަށް ހައްލުކުރެވިގެންދާނެ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.