ENGLISH
01 މާރިޗު 2026
ދީނަށް ފުރައްސާރަކުރުން ކުށްވެރިކުރަން، ތުހުމަތުވާ މީހާއާ ރަސްމީ ގުޅުމެއް ނެތް: ޕީއެންސީ
01 މާރިޗު 2026
|
ދީނަސް ފުރައްސާރަކުރާ މީހާ. އޭނާ އާ ގުޅުމެއް ނެތްކަމަށް ޕީއެންސީން ވަނީ ބުނެފައި.
އެންމެ މަޤްބޫލު
އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހާއާ އެ ޕާޓީއާ ރަސްމީ އެެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ކޮންގްރެސް ޕާޓީން ބުނެފި އެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކަމުން ދަނީ ހ. ފިލިކުރިގެ, އަޙްމަދު ޢާމިރު (51އ) އެވެ. ފުލުހުން ވަނީ އެ މީހާގެ ވަނަވަރާއި ފޮޓޯ އާންމުކޮށް ފުލުހަށް ހާޒިރުވާން މިހާރު އަންގާފަ އެވެ.
ފުލުހަށް ހާޒިރުވާން އެންގި ފަހުން ޕީއެންސީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ކުރިމަތިލާފައި ތިއްބެވި ބައެއް ކެންޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި އޭނާ ވަނީ ވާހަކަ ދައްކާފަ އެވެ.
މި މީހާއާއި ޕީއެންސީއާ ގުޅުމެއް ވާކަމަށް ދޭހަވާ މޭރުމަކުން ދެެކެވޭ ވާހަތަކުގެ ހަގީގަތް ބަޔާންކޮށްދީ ޕީއެންސީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހަކު، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވުމަކީ، އެ ޕާޓީއާ އެއްވެސް ރަސްމީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
އަދި އިސްލާމްދީނަށް ފުރައްސާރަކުރުން ފަދަ އަމަލުތަކަކީ ޕީއެންސީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންކަން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އޭނާ ފުލުހަށް ހާޒިރުވުމަށް އަންގައި މިދިޔަ މަހުގެ 24 ވަނަދުވަހު އާއްމުކުރި ބަޔާނުގައި ފުލުހުން ބުނެފައި ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އާމިރު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެން ކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ. އޭނާއަށް ފުލުހަށް ހާޒިރުވާން އަންގާފައިވަީ މާރޗް މަހުގެ 10 ވަނަ ދުވަހު އެވެ.
މި މީހާ އިސްލާމްދީނާއި އެ ދީނުގެ ބައެއް ޝިއާރުތަކާއި ދީނުގެ ޙުކުމްތަކަށް ގޮންޖަހާ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި މި ފަހުން އޭނާ ގެންދަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށާއި ޚިތާނު ކުރުން ފަދަ ކަންކަމާއި ދެކޮޅަށްވެސް ވާހަކަ ދައްކަމުން ނެވެ.
އޭނާ އެ ވާހަކަތައް ދައްކަމުން ދަނީ ރާއްޖެއިން ބޭރުގައި ހުރެގެންނެވެ.