ENGLISH

04 މޭ 2026

Advertisement

އެސްޓީއޯ ހެލްތް ކެއާއިން "ބޭޔާ" ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖެއަށް

03 މޭ 2026

|

ހަނާން އަހުމަދު ނައީމް

އެސް.ޓީ.އޯ ހެލްތުކެއާ އިން ބޭޔަރ ފާމަސޫޓިކަލްސްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކޮށްދިނުމުގެ ރަސްމިއްޔާތު ތެރެއިން - ފޮޓޯ: އެސްޓީއޯ

ރާއްޖޭގެ ސިއްހީ ދާއިރާ، އާ އުސްމިންތަކަކަށް ގެންދިއުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޖަރުމަނުގެ ”ބޭޔާ“ ފާމަސޫޓިކަލް އުފެއްދުންތައް އެސްޓީއޯ ހެލްތްކެއާ އިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ބޭޔާއަކީ ޖަރުމަނުގެ މަލްޓިނޭޝަނަލް ފާމަސޫޓިކަލް އަދި ބަޔޯޓެކްނޮލޮޖީ ކުންފުންޏެކެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް އަދި ބަޔޯމެޑިކަލް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

ބޭޔާ ފާމަސޫޓިކަލްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޮޓަލް ޖެންގައެވެ.

މި ރަސްމިއްޔާތުގައި ސިއްހީ ދާއިރާގެ މާހިރުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ހޯމޯންގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ސިއްހަތާ ގުޅުންހުރި އާ ފަރުވާތަކާ ގުޅޭގޮތުން މި ތަމްރީން ޕްރޮގްރާމުގައި މައުލޫމާތު ދީފައިވެއެވެ.

އެސްޓީއޯ އިން ބުނީ، ބޭޔާގެ އުފެއްދުންތަކަކީ ސައިންޓިފިކް ދިރާސާތަކުން ކާމިޔާބުކަން ސާބިތުވެފައިވާ އުފެއްދުންތަކެއް ކަމަށާއި އަދި އެ ކުންފުނީގެ ބޭސްތައް ރާއްޖެއަށް ތައާރަފުކުރީ އެމްއެފްޑީއޭގެ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީކޮށްގެން ކަމަށެވެ.

މީގެ އިތުރުން، އެސްޓީއޯ ހެލްތުކެއާ އާއި ބޭޔާ ކުންފުނީގެ މި ގުޅުމަކީ ރާއްޖޭގެ ގައުމީ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ލިބުނު ބޮޑު ބާރެއް ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު