ENGLISH
24 ފެބްރުއަރީ 2026
ދިއްދޫއަށް އުފާވެރިކަން؛ ބާރު ދުވެލީގައި މަސައްކަތްކޮށް 50 ދުވަހުން 112 ހެކްޓަރު ހިއްކައި ނިންމައިފި
23 ފެބްރުއަރީ 2026
|
މިއަދު ހިއްކައި ނިންމި ބިމާއެކު ހއ.ދިއްދޫއަށް އައިސްފައިވާ ބޮޑު ބަދަލު ފެންނަ ފޮޓޯއެއް، އެކްސް
އެންމެ މަޤްބޫލު
ހއ.ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށްޓަކައި ފެށި ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައި އެ ރަށުގެ ބިމަށް 112 ހެކްޓަރުގެ ބިން އިތުރުކޮށްފިއެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ތަފުސީލުތައް މީސްމީޑިޔާގައި ހިއްސާކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ޝާއިއުކުރެއްވި ޕޯސްޓުގައި އެމަނިކުފާނުވަަނީ ބިން ހިއްކުމުގެ އެ މަޝްރޫއު ނިމިފައިވާކަން އިއުލާނުކުރައްވާފައެވެ.
ދިއްދޫ ބިން ހިއްކުމަށް ގެނެސްފައިވާ ލެއިވް އެރިކްޝަން ޓެރެއިން ސަކްޝަން ހޮޕާއަކީ 46،000 ކިއުބިކް މީޓަރުގެ ވެލި އެޅުމުގެ ގާބިލުކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.
ދިއްދޫގައި އެއާޕޯޓެއް ގާއިމުކޮށްދެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެ ރަށުގައި ބިން ހިއްކަނީ އެ އެއާޕޯޓު ތަރައްގީކުރުމަށާއި، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރު އެ ރަށަށް ވާސިލުވީ ފާއިތުވި ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އަދި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދިޔައީ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ.
އެ ރަށުގެ ބިމަށް އިތުރުކުރާ 112 ހެކްޓަރުގެ ބޮޑު ބިން ހިއްކައި ނިމުނީ މިއަދު 23 ފެބްރުއަރީ 2026 ވަނަ ދުވަހުއެވެ. އެހެންކަމުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސް ނިމުމަކާ ހަމައަށް ގެނައުމަށް ނެގީ ޖުމްލަ 50 ދުވަސްކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރިއެވެ.
ދިއްދޫގެ މިހާރުގެ ބިމުގެ ޖާގައަށްވުރެ ބޮޑު ސަރަހައްދެއް އެ ރަށުގެ ބިމަށް އިތުރުކުރުމުގެ މަޝްރޫއުގައި 5،492،089 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ދިއްދޫއަކީ ހއ.އަތޮޅުގައި ބޮޑު އާބާދީއެއް އޮންނަ އިގުތިސާދީ ހަރަކާތްތައް ގިނަ ރަށކަށްވާތީ އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމާއެކު، ތަރައްގީއާއި އާބާދީ އެއްފަސްކުރެވޭނެހެން އެ ރަށުގެ ތަރައްގީ ތަރުތީބުކުރަން ބޭނުންވާ ބިމުގެ ޖާގަ ލިބިގެން ދިއުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.