ENGLISH
24 ފެބްރުއަރީ 2026
އެމްޑީޕީއެއް ދެން ނުދިރޭނެ، އެންމެ ރަނގަޅީ ލީޑަރުން އައު ޕާޓީއެއް ހެއްދެވުން: ފަލާހު
23 ފެބްރުއަރީ 2026
|
ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
މިއަދުގެ ސިޔާސީ ހަގީގަތްތަކަށް ބަލާއިރު އިދިކޮޅު އެމްޑީޕީއަށް ދިރުން ގެނައުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އެ ޕާޓީގައި ތިއްބެވި ސިޔާސީ މުސްތަގުބަލު ބިނާކުރެއްވުމަށް އެދިވަޑައިގަންނަވާ ލީޑަރުންނަށް އެންމެ ރަނގަޅު ގޮތަކީ އައު ޕާޓީއެއް އުފެއްދެވުންކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލުގެ އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް ހުޅުވުމުގެ ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ފަލާހު ވިދާޅުވީ އެމްޑީޕީއަށް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ހުޅުވައިލި މަގާމުތަކުގެ ތެރެއިން 450 އެއްހައި މަގާމަށް އެމްޑީޕީއަށް ކެންޑިޑޭޓުން ނެރެވިފައި ނުވާ ކަމަށެވެ. 30 އިންސައްތައެއްހައި ގޮނޑިއަށް އެމްޑީޕީން ކެންޑިޑޭޓުން ނުނެރުވުމަކީ އެ ޕާޓީއަށް އޮތް ތާއީދު ދަށްވެފައިވާ މިންވަރުގެ މައްޗަށް ދަލީލުކުރާ އަލިގަދަ ހެއްކެއް ކަމުގައި ފަލާހު ވިދާޅުވިއެވެ.
"އެމްޑީޕީއަށް މިހާރު ދިމާވެފައިވާ ހާލަތަކީ 2008 ވަނަ އަހަރުން ފެށިގެން މިރާއްޖޭގެ އިޖުތިމާއީ ފޭރާމާއި އިގުތިސާދާއި ރާއްޖޭގެ މުޖުތަމައާއި ދައުލަތަށް ދީފައި ހުރި ގެއްލުންތަކާއި އެބޭފުޅުންގެ ދޮގުތަކުގެ ސަބަބުން އެމްޑީޕީއަށް މިވަނީ މުޅި ރައްޔިތުންގެ ތާއީދު ގެއްލިފައި،" ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދެން އެމްޑީޕީ ކޮޅަށްނުޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ހަރަކާތް ކުރިއަށްގެންދަވަން ބޭނުންފުޅުވާ އެމްޑީޕީގެ ލީޑަރުންނަށް ފަލާހު އިލްތިމާސްކުރެއްވީ އައު ޕާޓީއެއް އުފައްދަވައިގެން އެ މަސައްކަތް އަލުންބަލުން ފެއްޓެވުމަށެވެ.
ރަމަޟާން މަހުގައި އަޅުކަންކުރެއްވުމަށްފަހު ދުވާލު މާލޭގައި ދޮރުން ދޮރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހިންގަވަމުންދާއިރު، އަދި އެމަނިކުފާނުގެ އަނބިކަނބަލުން ރޭ އަޅުކަމަށްފަހު ގައުމީ ސިޔާސީ މަސައްކަތުގެ ކުރީ ސަފުގައި ހުންނަވާއިރު، މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމު ކެމްޕެއިނުގައި އުޅުއްވަނީ ގިނިކަންޏާކަން ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ކޮންގްރެސް ޕާޓީ ފިޔަވައި ދައުލަތުން އެންމެ ގިނަ ފައިސާ ލިބޭ ޕާޓީއަށްވާއިރު، އެ ޕާޓީގެ ކެންޑިޑޭޓުންނަށް އެންމެ ޒަރޫރީ ކަންކަމުގައި ޕާޓީގެ ފަރާތުން މާލީ އެހީތެރިކަން ނުލިބޭ ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި ޕާޓީތަކަށް ދައުލަތުން ދޭ ފައިސާއަކީ ޕާޓީގެ ވެރިން ބޮޑެތި މުސާރަ ނެގުމަށް ދޭ ފައިސާއެއް ނޫންކަމަށާއި، އެއީ ޕާޓީގެ ހަރަކާތްތަކަށް ހަރަދުކުރަން ދޭ ފައިސާ ކަމަށެވެ.
"އެހެންވީމާ ކެންޑިޑޭޓުންނަށް ދިން ނުވަ މިލިއަނެއްހައި ރުފިޔާ ކާލަަނީ ޕާޓީގެ ބޮޑުންނޭ. ކެންޑިޑޭޓުންނަށް ދިއްކޮށްލަން ބައި ރުފިޔާއެއްވެސް އެބޭފުޅުންނަށް ނުލިބުނޭ. މިވަރުގެ އިހުލާސްތެރިކަމެއް ނެތް ޕާޓީއަކުން ކުރިމަތިލައްވަައިގެން ކެންޑިޑޭޓުން މިއުޅުއްވަނީ ކީއްވެތޯ؟،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ސިފަކުރެއްވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެންޑިޑޭޓުން ނެރެގެން އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ރާއްޖެއަށް ގެއްލުންދީ ގައުމު ހަލާކުކުރުމުގެ މަސައްކަތެވެ.