ENGLISH
24 ފެބްރުއަރީ 2026
ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ މާލޭ ކެމްޕެއިން އޮފީސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުވައިދެއްވައިފި
23 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ތިނަދޫ ސިޓީގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހުޅުވައިދެއްވައިފިއެވެ.
މިރޭ މާލޭގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އިތުރަށް ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެ ޕާޓީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފަައިވެއެވެ.
ކޮންގްރެސް ޕާޓީން އަންނަނީ ހަތަރެއް އޭޕްރީލުގައި ބާއްވަން ތާވަލުކޮށްފައި އޮތް އިންތިހާބަަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި ސިޓީތަކާއި ހުރިހާ ރަށްރަށެއްގައި ގިނަގުނަ ހަރަކާތްތަކެއް ފޯރީގައި ހިންގަމުންނެވެ. އެގޮތުން މާލޭގެ ދާއިރާތަކާއި އެހެނިހެން ސިޓީތަކާއި ރަށްރަށުގައި އެ ޕާޓީގެ ޖަގަހަތައް ގާއިމުކޮށް އެތަންތަނުގައި ހަރަކާތްތައް ހިންގަމުންދެއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން އެ ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގައި އެމަނިކުފާނު ގެންދަވަނީ ބައިވެރިވެވަޑައިގެން ރައްޔިތުންގެ އަރިހަށް ޒިޔާރަތްކުރައްވައި، ގާތުން ރައްޔިތުންގެ ހާލަތު އޮޅުންފިލުއްވަމުންނެވެ.
ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން އެ އިންތިހާބަށް ނެރުނު ޕާޓީއަކީ ކޮންގްރެސް ޕާޓީއެވެ. އެ ޕާޓީން މި އަހަރު ބާއްވާ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް 1،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ނެރެފައިވެއެވެ.