ENGLISH

23 ފެބްރުއަރީ 2026

Advertisement

އެމޭޒަން އަދި އަލީއެކްސްޕްރެސް ބްލޮކެއް ނުކުރޭ، ފެއިލްވަނީ މުޢާމަލާތްތައް އިތުރުވުމުން: ބީއެމްއެލް

23 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

އެމޭޒަން އަދި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު އާއްމުކުރި މައުލޫމާތުގައި ބުނީ، މި ސައިޓުތަކަށް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފެތުރޭ ރިޕޯޓްތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި، ކާޑުގެ މުއާމަލާތްތައް ފެއިލްވަނީ ކަސްޓަމަރުގެ ކާޑަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް މުއާމަލާތްކުރުމަށް މަސައްކަތްކުރުމުން ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އެގޮތުން، މައިގަނޑު ސަބަބެއް ގޮތުގައި ބީއެމްއެލްއިން ފާހަގަކޮށްފައިވަނީ، އާންމުގޮތެއްގައި ކަސްޓަމަރަށް މަހެއްގެ މައްޗަށް ދީފައިވާ ފޮރިން ޓްރާންސެކްޝަން ލިމިޓް ހަމަވެފައިވުމެވެ.

ބީއެމްއެލްއިން ވަނީ ޖަނަވަރީ 1 އިން ފެބްރުވަރީ 21 ވަނަ ދުވަހުގެ ނިޔަލަށް، އެމޭޒަން އަދި އަލީއެކްސްޕްރެސްގައި ބީއެމްއެލް ކާޑުން ކޮށްފައިވާ މުޢާމަލާތްތައް ވެސް އާއްމުކޮށްފައެވެ. 

އާއްމުކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، އެ މުއްދަތުގައި ހަމައެކަނި އެމޭޒަން އަދި އަލީއެކްސްޕްރެސްގައި 58،000 މުޢާމަލާތެއް ވަނީ ހިންގައިފައެވެ. އެ މުޢާމަލާތްތަކުން ވިޔަފާރިކޮށްފައިވާ ޖުމްލަ އަދަދަކީ 2.33 މިލިއަން ޑޮލަރެވެ. 

މުޢާމަލާތްތައް އިތުރުވާ ސަބަބުތަކުގެ ގޮތުގައި ބީއެމްއެލްއިން ފާހަގަކޮށްފައިވަނީ، އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން އިތުރުވުމެވެ. އަދި، ކަސްޓަމަރު ބަޔާށްކޮށްފައިވާ އާމްދަނީއަށްވުރެ ބޮޑު އަދަދުތަކެއްގެ މުއާމަލާތްތައް ކާޑުން ކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. 

ވިޔަފާރި ބޭނުންތަކަށް، މުދާ ގަތުމަށް ބީއެމްއެލްއިން އިލްތިމާސްކުރަނީ ބޭންކުގެ ބިޒްނަސް ބޭންކިންގ ސޮލިއުޝަންތައް ބޭނުންކުރުމަށެވެ. މި ޚިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި، ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެއްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. 

ބީއެމްއެލްއިން ބުނީ، ކަސްޓަމަރުންނަށް ބޭނުންވާ ރާއްޖޭން ބޭރުގެ މުޢާމަލާތްތަކަށް އެހީތެރިވުމުގައި ބީއެމްއެލް އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި، މިދިޔަ 3 އަހަރުގެ ތަފާސްހިސާބުތަކުން ވެސް އެކަން ޔަގީންވާކަން ބީއެމްއެލްއިން ބުނެފައިވެއެވެ. އެގޮތުން، ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޑޮލަރު ކާޑުން ކުރާ މުޢާމަލާތްތަކަށް ހަކަޖައްސައިދޭކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. 

އޭޓީއެމް، އީކޮމާސް އަދި ޕީއޯއެސް ބޭނުންކޮށްގެން ރާއްޖޭން ބޭރުންކޮށްފައިވާ މުޢާމަލާތުތަކުގެ އަދަދު 

  • 2023 - 311 މިލިއަން ޑޮލަރު 
  • 2024 - 389 މިލިއަން ޑޮލަރު 
  • 2025 - 524 މިލިއަން ޑޮލަރު 
  • 2026 ޖަނަވަރީގެ ނިޔަލަށް - 59 މިލިއަން ޑޮލަރު

މިދިޔަ އަހަރުތަކުގެ އަދަދުތަކުގެ ތެރެއިން ގާތްގަނޑަކަށް 66 އިންސައްތަ މުޢާމަލާތަކީ އީކޮމާސް ވެބްސައިޓްތަކުން ކޮށްފައިވާ މުޢާމަލާތްތައް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. 

ބީއެމްއެލް އިން ވަނީ 1 ފެބުރުވަރީ 2026 އިން ފެށިގެން ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދޭ ލިމިޓްތައް އިތުރުކޮށްފައެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތައް ކުރުމަށް މަހަކު 3,000 ޑޮލަރާ ހަމަޔަށް ލިމިޓް ދެމުންނެވެ. އަދި ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއް ވަނީ ދީފައެވެ. 

އާންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު، އެއާލައިން ޓިކެޓަށާއި ހޮޓަލަށާއި އަދި ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ބޭންކުން އަންނަނީ ޑޮލަރު ހަމަޖައްސައިދެމުންނެވެ. އެހެންނަމަވެސް، އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ކާޑުތަކުން ވިޔަފާރީގެ ބޮޑެތި މުޢާމަލާތުތައް ކުރާއިރު، ލިމިޓް ހަމަވެގެން ޓްރާންސެކްޝަން ފުރިހަމަ ނުކުރެވުމަކީ ދިމާވެދާނެ ކަމެއްކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު