ENGLISH

10 އޭޕްރީލު 2025

Advertisement

ދެކުނު ކޮރެއާގެ ރައީސް ޔޫންގެ ޕާސްޕޯޓު ހިފަހައްޓައި، ރަށު ބަންދުކޮށްފި

10 ޑިސެމްބަރު 2024

|

އެމް އެމް

ދެކުނު ކޮރެޔާގެ ރައީސް ޔޫން އާ ދެކޮޅަށް އާންމުންގެ ބަޔަކު މުޒާހަރާ ކުރަނީ. --

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ޤައުމުން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް، އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް އެ ޤައުމުގެ ޖަސްޓިސް މިނިސްޓްރީން ބުނެފިއެވެ. 

މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މުޅި ދުނިޔެ ސިއްސުވާލައި، ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، މަޤާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިން ސަލާމަތްވިޔަސް، ރައީސްކަމުގައި ދެމިހުންނަވަން ޔޫން އަށް ވަނީ ގޮންޖެހުން ބޮޑުވެފައެވެ.

އެގޮތުން، ޔޫންއާ ގުޅޭ އެތައް ތަހުޤީޤުތަކެއް ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ހިންގަމުންނެވެ. އޭގެތެރޭގައި ޤައުމުގެ މަސްލަޙަތު ނަގާލައި، ފިތުނަ އުފެއްދުމުގެ ތުހުމަތު ވެސް ހިމެނެއެވެ. 

ދެކުނު ކޮރެއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ޖަސްޓިސް މިނިސްޓްރީން ވަނީ ޔަޤީންކޮށްދީފައެވެ. 

ޔޫންގެ އިތުރުން، ކުއްލި ޙާލަތު އިޢުލާނު ކުރި އިރު ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ކިމް ޔޮންގް ހޫން އާއި، ކުރީގެ އިންޓީރިއާ މިނިސްޓަރު ލީ ސަންގް މިން އަދި ކުއްލި ޙާލަތުގައި ހިންގި އަސްކަރީ އޮޕަރޭޝަންގައި އިސްކޮށް ހުންނެވި ޕާކް އަން ސޫގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ. 

ޔޫން މަޤާމުން ދުރުކުރަން އިދިކޮޅު ޕާޓީތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްވީ، ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)ގެ މެންބަރުން އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ނެގި ވޯޓު ބޮއިކޮޓްކޮށް، މަޖިލީހުގެ ތަޅުމުން ނުކުތުމުންނެވެ.

ޕީޕީޕީން ބުނީ، އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއީދުނުކުރީ، ޔޫން އިސްތިޢުފާ ދެއްވަން އެއްބަސްވެވަޑައިގެންފައިވާތީ ކަމަށެވެ. 

"ރައީސް އިސްތިޢުފާ ދެއްވަން ދެން، މަޤާމުގެ މަސްޢޫލިއްޔަތުތަކުން ވަނީ އެކަހެރިކުރެވިފައި،" އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު