ENGLISH
12 އޭޕްރީލު 2025
ނަތަންޔާހޫގެ ޚިޔާނާތުގެ ޝަރީޢަތް އަލުން ފަށަނީ
10 ޑިސެމްބަރު 2024
|
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ. --
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާގެ ޝަރީއަތް އަލުން ފަށަން ތާވަލުކޮށްފިއެވެ.
ރިޝްވަތު ދިނުމާއި، މަކަރު ހެދުމާއި، އިތުބާރު ގެއްލުވައިލި ކަމުގެ ތަފާތު ތިން ދަޢުވާއެއް ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާއިރު، އޭނާ ވަނީ އެކި ފަހަރު މަތިން ޝަރީއަތް ލަސްކުރަން މަސައްކަތްކޮށްފައެވެ.
އެކަމަކު މިއަދު އޮންނަ އަޑުއެހުމުގައި، މި ދަޢުވާތަކާ ގުޅިގެން އޭނާ ހެކިބަސް ދޭން ވަނީ ތާވަލުކޮށްފައެވެ.
"އަހަރެން ހެކިބަސް ދޭނަން. އަހަރެން ނުފިލާނަން،" ނަތަންހާޔޫ ބުންޏެވެ.
"މި ދުވަހަށް އިންތިޒާރު ކުރިތާ އަށް އަހަރު ވެއްޖެ. ހަގީގަތް ހާމަކޮށްދޭން ބޭނުންވި އަށް އަހަރު. އަހަރެންގެ މައްޗަށް ކުރާ މި އަސާސެއް ނެތް ތުހުމަތުތައް މުޅިން ފުނޑުފުނޑުކޮށްލުމަށް އިންތިޒާރު ކުރަމުން އަންނަތާ އަށް އަހަރު."
ނަތަންޔާހޫ ވަނީ މިއީ ސިޔާސީ މަޤުސަދެއްގައި އުފުލާފައިވާ ދަޢުވާތަކެއް ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ލުބްނާން އާއި ފަލަސްތީނުގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ނިވަލުގައި އެކި ފަހަރުމަތިން އަޑުއެހުންތައް ފަސްކުރަން ނަތަންޔާހޫ އެދިފައިވާތީ، 2020 ވަނަ އަހަރު ފެށި ޝަރީއަތް ވަނީ އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައެވެ.
ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި، އޭނާ އާއި އަނބިމީހާ އާ ބެހޭ ޕޮޒިޓިވް ކަވަރޭޖު ގެނެސްދިނުމަށް، އިޒްރޭލުގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް ބޮޑެތި ފައިދާތައް ވާ ގޮތަށް ޤަވާޢިދުތައް ބަދަލުކޮށްފައިވާ މައްސަލައެއް ހިމެނެއެވެ.