ENGLISH

20 ފެބްރުއަރީ 2026

Advertisement

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

20 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ

ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ސަނޭ ޓަކައިޗީ، އަލުން އިންތިހާބުކުރުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފި އެވެ.

ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުން އެކަމަނާ އައު ދައުރަކަށް ހޮއްވެވުމަކީ ބޮޑުވަޒީރުކަމުގެ ލީޑަރޝިޕާއި ތަޖުރިބާއާއި ޤާބިލުކަމާއެކު، އެކަމަނާގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހޯއްދަވައި ދެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަން ދައްކުވައިދޭ ކަމެއްކަމުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުމަށް 2027 ވަނަ އަހަރު 60 އަހަރު ފުރޭކަން ފާހަގަކުރައްވައި، ޖަޕާނުން ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ދިވެހި ރައްޔިތުން އެކަމަކަށް، އިޚްލާޞްތެރިކަމާއެކީ ޝުކުރުވެރިވާ ކަމެއްކަމަށް ފާހަގަކުރައްވާފަ އެވެ.

އަދި، ބޮޑުވަޒީރުކަމުގެ އައު ދައުރުގައި ދެ ޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކާ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ޖަޕާނުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު