ENGLISH
20 ފެބްރުއަރީ 2026
ޗެނަލް ޕާކު ބޮކިފަތިން ޒީނަތްތެރިކޮށްލައިފި, އެޗްޑީސީން ރައްޔިތުންނަށް ދިން ހަދިޔާއެއް
20 ފެބްރުއަރީ 2026
|
ރޯދަމަހަށް ޒީނަތްތެރިކުރެވިފައިވާ ޗެނަކް ޕާކު ސަރަހައްދު-- ފޮޓޯ: އެޗްޑީސީ
އެންމެ މަޤްބޫލު
ގްރޭޓަރ މާލެ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި މަގްބޫލު ޗެނަލް ޕާކު ޒީނަތްތެރިކޮށް، އާއްމު ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ޗެނަލް ޕާކަކީ އާއިލާ އާއި ރައްޓެހިންނާއެކު ރޯދަ ވީއްލުމަށާއި، ތަރާވީހްތަކަށް ގިނަ ބަޔަކު ގޮސް އުޅޭ ސަރަޙައްދެކެވެ. އެހެން ކަމުން މިހާރު އެ ސަރަޙައްދު ސާފުކޮށް، ބޮކިފަތިން ޒީނަތްތެރިކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެ ސަރަހައްދުގައި ކުނި އެޅުމަށް ބޭނުންވާ ޑަސްބިން ވެސް ވަނީ ބަހައްޓާފަ އެވެ.
ޗެނަލް ޕާކް ސަރަޙައްދަކީ، މާލެ ސިޓީގެ ގިނަ ރައްޔިތުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ގޮސް އުޅޭ ސަރަޙައްދެެކެވެ. އެގޮތުން އާއިލާއާ އެކު ޕިކްނިކް ދިއުމާއި، މޫދަށް ދިއުމާއި، އެ ނޫންވެސް އެކި ބޭނުންތަކުގައި އެ ސަރަޙައްދަށް ގޮސް ވަގުތު ހޭދަކުރާ މީހުން ވަރަށް ގިނަ އެވެ.
ހުޅުމާލެ ޗެނަލް ޕާކްއަކީ ހުޅުމާލެ ފޭސް އެކަކާއި ހުޅުމާލެ ފޭސް ދޭއް ގުޅާލާފައިވާ ބްރިޖްތައް ހިމެނޭ ސަރަހައްދެވެ. މި ސަރަޙައްދަށް ރޯދަ ވީއްލަން ދާ މީހުން ފަހަކަށް އައިސް އަންނަނީ ގިނަ ވަމުންނެވެ. އެހެންކަމުން އެޗްޑީސީއިން މި ސަރަހައްދު ޒީނަތްތެރިކޮށް ރައްޔިތުންނަށް ހުޅުވާލުމަކީ ރޯދަ މަހަށް ރައްޔިތުންނަށް ލިބުނު ހަދިޔާއެކެވެ.
އެޗްޑީސީން ވަނީ ހުރިހާ ރައްޔިތުން ވެސް އެ ސަރަހައްދު ޒީނަތްތެރިކޮށް ބޭއްވުމަށްޓަކައި މަސައްކަތް ކޮށްދޭން އެދިފަ އެވެ. އަދި މޫދަށް ކުނި ނޭޅުމަށާއި އެ ސަރަޙައްދަށް ގެންދާ ތަކެތި ދޫކޮށްނުލާ ގެންދިއުމަށް އެދިފައިވެ އެވެ.