ENGLISH

20 ފެބްރުއަރީ 2026

Advertisement

އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ދިޔަމިގިލީ ގައި

20 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ދިޔަމިގިލީ ގައި އޮންނާނެ. ފޮޓޯ؛ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތެރޭގައި ބޭއްވޭ ފުރަތަމަ ފޯރަމް މިރޭ ތ.ދިޔަމިގިލީ ގައި އޮންނާނެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. 

ދިޔަމިގިލި ފުޓްސަލް ގްރައުންޑުގައި މިރޭ 21:30 ފެށޭ ފޯރަމްގެ މަޢުޟޫއަކީ "ރަމަޟާން މަހުގެ މާތްކަން" މިއެވެ. މިރޭގެ ފޯރަމްގައި ތަގުރީރުކުރައްވާނީ އައްޝައިޚް ޢާޒިމް ޚާލިދެވެ. 

މި އަހަރުގެ ރަމަޟާން މަހުގެ އިޙްޔާ ފޯރަމްތައް ފެށީ ރޭގައެވެ. އެގޮތުން ރޭ ބޭއްވި ފުރަތަމަ ފޯރަމްގައި ތަގްރީރު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. 

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި އަހަރު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. 

މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލް ކޮށްފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތް ކުރުމަށްފަހުގަ އެވެ.

އެގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައެވެ.

މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު