ENGLISH
20 ފެބްރުއަރީ 2026
ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް: ހުކުރު ޚުޠުބާ
20 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު!" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، މައްސަރުތަކުގެ ތެރެއިން ރަމަޟާންމަސް އެތައް ގޮތަކުން މާތް الله މާތްކުރައްވައި މަތިވެރިކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި ޚާއްޞަ އަޅުކަމެއް އެ މަހުގައި ފަރުޟުކުރައްވައިފައިވުން ހިމެނޭ ކަމަށާއި، އަދި އެ މައްސަރުގައި ކުރާ ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވުން ވެސް ހިމެނިފައިވާ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ދުޢާދެންނެވުން ކަމަށެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާ އެކުގައި، ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެ ކަމަށް ޙުޠުބާގައި ބުންޏެވެ.
"މި މައްސަރުގެ މަތިވެރިކަމާއި ދަރުމަ އެދޭކަމުގައިވާ ނަމަ މާތްނަބިއްޔާ صلى الله عليه وسلم މި މައްސަރުގައި ކަންކުރެއްވި ގޮތް ދަސްކުރާންޖެހެއެވެ. އެކަލޭގެފާނުގެ ސީރަތަށް ބަލާ އިރު ރަމަޟާންމަހުގައި އެހެން މައްސަރުތަކަށް ވުރެ އަޅުކަމުގައި ހޭދަކުރައްވާ ވަގުތު އިތުރެވެ. ހަމަ އެ ފަދައިން އެކަލޭގެފާނު ޖިބްރީލް ޢަލައިހިއްސަލާމުގެ އަރިހުގައި ވެސް ގިނަ ވަގުތު ކީރިތި ޤުރްއާން މުދާރަސާ ކުރެއްވުމުގައި ހޭދަކުރެއްވިއެވެ." ޙުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، މާތްނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުން ދޭހަވާ ގޮތުގައި ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއް ކަމަށާއި، ހިތްނިޔަތް ޚާލިޞްކުރުމަކީ ތަޤުވާވެރިވުމަށްޓަކައި ކުރާންޖެހޭނޭ ކަމެއްކަމަށެވެ. މާތް الله އަބަދުމެ ބައްލަވައިވޮޑިގެންވާކަން ހިތުގައި އޮންނާންޖެހޭނެ ކަމަށާއި، އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާނުކުރެވޭނޭކަން ދަންނާންޖެހޭނެކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
މި މަތިވެރި މައްސަރުގައި ލައްވައިފައިވާ ޚާއްޞަ އަޅުކަން ފަރުޟުކުރެއްވުނު ޙިކުމަތަކީ ވެސް ތަޤުވާވެރިވުންކަމަށްވީހިނދު، ރޯދައަށް ތިބޭ އިރު ތަޤުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ. ތަޤުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުން ކަމަށް ޚުޠުބާގައި ބުންޏެވެ.
"ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެކެވެ. މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެއެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހެއެވެ. މިގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭ ކަމެއް ނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މި ފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެއެވެ. ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ރަމަޟާންމަހަކީ ސުވަރުގެތަކުގެ ދޮރުކޮޅުތައް ހުޅުވިފައިވާ މައްސަރުކަން ހަނދާންކޮށްދެމުން އެއީ، ނަރަކައިގެ ދޮރުތައް ބަންދުވެފައިވާ މައްސަރު ކަމަށާއި، އެހެންކަމުން މާތް ﷲ މި މައްސަރުގައި ނަރަކައިން މިންޖުކުރައްވާ އަޅުންގެތެރެއިން ލެއްވުން އެދި ދުޢާކުރުމަށް ގޮވާލާފައިވެއެވެ. އަދި، މި މަތިވެރި މައްސަރުގައި ލިބިފައިވާ ފުރުޞަތުގެ ބޭނުންހިފައި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ވެސް ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.