ENGLISH
16 ފެބްރުއަރީ 2026
ބަންގުލަދޭޝަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި
16 ފެބްރުއަރީ 2026
|
ރައީސް ބަންގުލަދޭޝަށް ވަޑައިގަތީ އެ ގައުމުގެ އިންތިހާބީ ބޮޑުވަޒީރު މަގާމުގެ ހުވައިކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް
އެންމެ މަޤްބޫލު
ބަންގުލަދޭޝަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
އެ ގައުމުގައި ހިނގަމުން އައި ޝައިހް ހަސީނާގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނައި ޒުވާނުންގެ އިންގިލާބަށްފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބުކުރެއްވި އިންތިހާބީ ބޮޑުވަޒީރު ތާރިގު އިބްރާހީމް މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސަށް އެ ގައުމުންވަނީ ދައުވަތު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި ރައީސް މިރޭ އެ ގައުމަށް ފުރާވަޑައިގަތީ ބަންގުލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒާ ޕްރޮފެސާ މުޙައްމަދު ޔޫނުސް ދެއްވި ދައުވަތަކަށް، އިންތިހާބީ ބޮޑުވަޒީރު ތާރިގު އިބްރާހީމް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ރަސްމިއްޔާތު އޮންނާނީ ފެބްރުއަރީ 17، 2026 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅަކީ 16 ފެބްރުއަރީން 18 ފެބްރުއަރީއަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ރައީސް އޮފީހުން ބުންޏެވެ. އެ ދަތުރުފުޅުގައި އެ ގައުމުގެ އިންތިހާބީ ބޮޑުވަޒީރު ތާރިގު އިބްރާހީމްއާ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ބަންގުލަދޭޝާއި ރާއްޖޭގެ މެދުގައި ޒަމާންވީ ގުޅުމެއް އޮތްއިރު އެ ގައުމާއެކު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވިގެންދިޔައީ ސެޕްޓެންބަރު 12، 1978 ގައެވެ. އެގައުމުގެ ގިނަ ބަޔަކު ރާއްޖޭގައި މަސައްކަތްކުރަމުންދާއިރު، ރާއްޖޭގެ ވަރަށް ގިނަ ދަރިވަރުން އެ ގައުމުގައި ކިޔަވަމުންދެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑޮކްޓަރީކަން ކިޔަވާ ދިވެހިން އެ ގައުމުގައި އިންޓަރންޝިޕް ފުރިހަމަކުރެއެވެ.
އޭގެ އިތުރަށް ބަންގުލަދޭޝަކީ މިހާރު ދުނިޔޭގައި އެންމެ ގިނައިން އަންނައުނު އުފައްދާ އެއް ގައުމަށްވާއިރު ރާއްޖެއަށް ގިނަ އަދަދެއްގެ އަންނައުނު އެ ގައުމުން އެތެރެކުރެއެވެ. އަދި އެ ގައުމުގައި އުފައްދާ އަންނައުނު ޔޫރަޕަށް ބޭރުކުރުމުގައި ސީ-ޓު-އެއާ ކާގޯ ހަބެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރެއެވެ.