ENGLISH
20 ފެބްރުއަރީ 2026
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ މިފަހަރު ރާއްޖޭގައި
16 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" ޑަބްލިއުޓީއޭގެ އިންޑިއަން އޯޝަން ގާލާ ހަފްލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މީގެ ކުރިން މި ހަފްލާ ރާއްޖޭގައި ބާއްވާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ. މި ތާރީޚީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ 27 ސެޕްޓެމްބަރު ގައެވެ.
1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފާހަގަކޮށްދޭ އެންމެ އިތުބާރު ހުރި އެވޯޑެވެ. މިހާރު 3 ވަނަ އަހަރަށް ގުނަމުންދާ މި އެވޯޑަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއަރލައިންތަކާއި، ހޮޓެލް އަދި ރިސޯޓްތަކުގެ އިތުރުން ކްރޫޒް އޮޕަރޭޓަރުން ހިމެނޭހެން މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކޮށް ދެވޭ އެވޯޑެކެވެ. މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅަނީ ދާއިރާގެ މާހިރުންނާއި، އިސްވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ވޯޓުންނެވެ.
ކޮންމެ އަހަރަކުވެސް ޑަބްލިއުޓީއޭއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާލާ ހަފްލާ ބާއްވައ،ި އެ ސަރަހައްދުތަކުން އެންމެ ރަނގަޅު ޚިދުމަތްތެރިން ހޮވައެވެ. މިގޮތުން ބާއްވާ ސަރަޙައްދީ ހަފުލާތަކަށްފަހު، މި އަހަރު ނިމޭއިރު ބާއްވަނީ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާ ގްރޭންޑް ފައިނަލެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދިވެހިރާއްޖެއިން ވަނީ މެދުނުކެނޑި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ވިދިވިދިގެން 6 ފަހަރު "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ އެވޯޑު ކާމިޔާބު ކުރުމުގެ އިތުރުން، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބުވެސް ރާއްޖެއިން ވަނީ ތަކުރާރުކޮށް ހޯދާފައެވެ. މި ހަފުލާ ރާއްޖޭގައި ބޭއްވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން "ވިޒިޓް މޯލްޑިވްސް ވީކް" ގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. މި ހަރަކާތުގައި ސިނާއަތުގެ އިސް ފަރާތްތަކުގެ ފޯރަމްތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އައު އީޖާދުތަކާ ބެހޭ މަޝްވަރާތަކުގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.