ENGLISH

16 ފެބްރުއަރީ 2026

Advertisement

ރޯދައިގެ ކުރީން ބޮޑު ފަސޭހައެއް: އެތެރޭގެ ހުރިހާ ދަތުރެއް ކުރީގެ ޓާމިނަލަށް ބަދަލުކުރަނީ

16 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ވީއައިއޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބައެއް ބޯޓްތައް

އަތޮޅުތެރެއަށް ވައިގެ މަގުން ކުރަމުންދިޔަ ހުރިހާ ދަތުރެއްގެ ޓާމިނަލް ދެއަކުން ކުރިއަށް ގެންދަން ނިންމާ އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވީއައިއޭގެ ޚިދުމަތް ފުޅާކޮށް ފަސޭހަކުރުމަށް އާ ޓާމިނަލްގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު މަސައްކަތް ނިންމަވާ ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މިނިވަން ދުވަހު އާ ޓާމިނަލް ހުޅުއްވާފަ އެވެ. އެއާއެކު އިންޓަނޭޝަނަލް ހުރިހާ އެއާލައިންތަކުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލު ކުރެވުނެވެ.

އޭގެ ފަހުން އެމްއޭސީއެލް އިން ވަނީ ޓާމިނަލް ދޭއް މަރާމާތުކޮށް އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަރާމާތު ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ކުންފުނިން މިއަދު ބުނީ އެ މަސައްކަތް މިހާރު މުޅިން ނިންމާލާފައިވާ ކަމަށެވެ.

އަދި ދަތުރުކުރާ މީހުންގެ ފަސޭހައަށްޓަކައި ޑޮމޮސްޓިކް ހުރިހާ ދަތުރުތަކެއް ޓާމިނަލް ދެއަކަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. މާދަމާ އެ ބަދަލު ގެންނާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

މިއީ ރޯދައިގެ ކުރީން ދަތުރުވެރީންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ އެވެ. އެތެރޭގެ ދަތުރުތަކަށް އޮންނަ ޑިމާންޑް ބޮޑުވެ އެތެރޭގެ ދަތުރުތައް އިތުރުކުރަމުންދާއިރު ޖާގައިގެ ދަތިކަން އޮތީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ނަމަވެސް ޓާމިނަލް ދެއަކަށް ދަތުރުތައް ބަދަލުކުރުމުން އެ ދަތިކަން މުޅީން ފިލާނެ އެވެ. ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު