ENGLISH
16 ފެބްރުއަރީ 2026
މުލަ ރޯދައިގެ ބަހުސް؛ ފަލަކީ ހިސާބުގެ އަލީގައި ބައެއް އިސްލާމީ ގައުމުތަކަށް ރޯދަ ފެށޭ ދުވަސް
16 ފެބްރުއަރީ 2026
|
ގިނަ އިސްލާމީ ގައުމުތަކަށް ރޯދަ ފެށޭނެކަމަށް ލަފާކުރެވެނީ ފެބްރުއަރީ 19 ވަނައަށްވާ ބުރާސްފަތި ދުވަހު
އެންމެ މަޤްބޫލު
ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ނުވަތަ މުލަ ރޯދައާމެދު ފަލަކީ ހިސާބުގެ އަލީގައި ބަހުސްކުރެވެމުންދަނިކޮށް އިސްލާމީ ބައެއް ގައުމުތަކަށް ރޯދަ ފެށޭނެ ދުވަސް އެ ގައުމުތަކުން ކަނޑައަޅައި އިއުލާނުކޮށްފިއެވެ.
އަމަލީ ގޮތުން ރޯދަ ފެށެން ހަފުތާއެއްހައި ދުވަސް ބާކީ އޮއްވައި ފުރަތަމަ ރޯދަ ފެށޭނެ ތާރީހު އިއުލާނުކުރި އަރަބި ގައުމަކީ އޮމާނެވެ. ފަލަކީ ހިސާބާއި، އިތުރު ދިރާސާތަކުގެ އަލީގައި އޮމާނުން ނިންމާފައިވަނީ އެ ގައުމަށް ރަމަޟާން މަސް ފެށޭނެ ދުވަަހަކީ ހިނގަމުންދާ ފެބްރުއަރީ މަހުގެ 19 ވަނައަށްވާ ބުރާސްފަތި ދުވަސް ކަމަށެވެ.
އެގޮތަށް ނިންމީ ފަލަކީ ހިސާބުން ފެންނަ ގޮތުން، އޮމާނުގެ ހުރިހާ ސަރަހައްދެއްގައި، 17 ފެބްރުއަރީއަށްވާ އަންގާރަދުވަހު އިރު އޮއްސުމުގެ ކުރިން ނުވަތަ އިރު އޮއްސުމާއެކު ހަނދު އޮއްސޭނަކަމަށް ފެންނާތީކަމަށް އެ ގައުމުގައި ހިޖުރީ މަސްތަކުގެ ހަނދު ސާބިތުކުރުން މަތިކޮށްފައިވާ ކޮމިޓީން ބުނެފައިވެއެވެ. އެ ކޮމިޓީން ބުނެފައިވާ ގޮތުން އިރުއޮއްސުމަށްފަހު އެ ގައުމުގެ އެއްވެސް ހިސާބަކަށް ހަނދު ފެނުމަކީ މުސްތަހީލު ކަމެކެވެ.
އޮމާނުން މިފަދައިން ނިންމާފައިވާއިރު، ބައެއް އެހެން އިސްލާމީ ގައުމުތަކުންވެސް ލަފާކުރަނީ އެ ގައުމުތަކަށް 17 ވަނަ ދުވަހުގެ ރޭ ހަނދު ނުފެންނާނެ ކަމަށެވެ. އެގޮތުން އެކުވެރި ޢަރަބި އިމާރާތުގެ ފަލަކީ އިލްމާ ބެހޭ ޖަމްއިއްޔާގެ ރައީސް އިބްރާހީމް އަލްޖަރްވާން ވިދާޅުވެފައިވަނީ އެ ގައުމަށްވެސް ރޯދަ ފެށޭނީ ފެބްރުއަރީ 19 ވަނަ ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަމަޟާން މަހުގެ ހަނދު ފެބްރުއަރީ 17، 2026 ވާ އަންގާރަދުވަހު އުފަންވާނެކަމަށް ބެލެވެނީ އިމާރާތަށް އިރުއޮއްސޭތާ އެއް މިނިޓު ފަހުންނެވެ. ނަމަވެސް އެރޭ ހަނދު ފެނުމަކީ މުސްތަހީލު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި 17 ވަނަ ދުވަހު ރަމަޟާން މަހުގެ ހަނދު އުފަންވިޔަސް އެ ހަނދު ފެންނަން ފަށާނީ ފެބްރުއަރީ 18 ވަނައަށްވާ ބުދަދުވަހުގެ އިރުއޮއްސުމުންނެވެ.
އަރަބި ގައުމުތަކުގެ ތެރެއިން މިސްރަށް ބަލާއިރު އެ ގައުމަށްވެސް ރޯދަ ފެށޭނީ ބުރާސްފަތި ދުވަހުކަމަށް އެ ގައުމުގެ ސެންޓަރ ފޯ އެސްޓްރޮފިޒިކްސްއިން ބުނެފައިވެއެވެ. އެ ސެންޓަރުން ބުނި ގޮތުގައި 17 ވަނަ ދުވަހުގެ މެންދުރެއްހައިއިރު ރަމަޟާން މަހުގެ ހަނދު އުފަންވި ނަމަވެސް އިރުއޮއްސޭތާ މިނިޓުކޮޅެއް ތެރޭ ހަނދުވެސް އޮއްސޭނެއެވެ. އެއާއެކު އެ ދުވަހު ހަނދު ފެނުމަަށްވުރެ ނުފެނުން އެކަށީގެންވީ ނަމަވެސް ބައެއް ސަރަހައްދުތަކުން ހަނދު ފެނުމުގެ ފުރުސަތު އޮތުމާއެކު، އެ ގައުމުގައި ހަނދު ފެނުނުކަން އިއުލާނުކުރާނީ ދާރުލް އިފްތިއުލް މިސްރިއްޔާއިން ހަނދު ބެލުމަށްފަހުއެވެ.
ބުދަދުވަހު ރޯދަ ފެށޭނެކަމަށް ލަފާކުރާ އެއް ގައުމަކީ ޤަޠަރެވެ. އެ ގައުމުގެ ތަގުވީމާ ބެހޭ އިދާރާއިން ބުނެފައިވަނީ އެންމެ ފަހުގެ ނިންމުން ހަނދު ބަލާ ކޮމިޓީން ނިންމި ނަމަވެސް ފަލަކީ ހިސާބަށް ބަލާއިރު 17 ވަނަ ދަވަހު ހަނދު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެހެން ގައުމުތަކަށް ބަލާއިރު ސިންގަޕޫރުންވެސް ބުނެފައިވަނީ އެ ގައުމުގައި ރޯދަ ފެށޭނީ 19 ފެބްރުއަރީއަށްވާ ބުރާސްފަތި ދުވަހުއެވެ. އެ ގައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ބުނެފައިވަނީ އަންގާރަދުވަހުގެ ހަވީރު އަދި އިރާކޮޅު ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތު ނެތުމާއެކު އެ ގައުމުގައި ރޯދަ ފަށާނީ ބުރާސްފަތި ދުވަހު ކަމަށެވެ.
ރާއްޖޭގައި މުލަ ރޯދަ ކަނޑައެޅުމަށް ބާއްވާ މަޖިލިސް އޮންނާނީ މާދަން ރެއެވެ. ބައެއް ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މާލޭ ސަރަހައްދާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކަށް މާދަން ރޭ ހަނދު ނުފެންނާނެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށް އައްޑޫ ސިޓީއަށް ހަނދު ފެނުމުގެ ފުރުސަތު އޮތްކަން އެ ބޭފުޅުން ފާހަގަކުރައްވައެވެ.