ENGLISH

16 ފެބްރުއަރީ 2026

Advertisement

ޓީއެމްއޭއަށް ތާރީހީ ރެކޯޑެއް؛ އެއް ދުވަހުން 7،000 ފަސިންޖަރުން އުފުލައި, 800 އަށްވުރެ ގިނަ ދަތުރުކޮށްފި

16 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ޓީއެމްއޭގެ ޓީމުން 15 ވަނަ ދުވަހު ހެދި ރެކޯޑު އިހުތިފާލުކުރަނީ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭން އޮޕަރޭޓުކުރާ ކުންފުނި ކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން އިއްޔެ ރެކޯޑު އަދަދަކަށް ފަސިންޖަރުން އުފުލައިފިއެވެ. 

އެ ކުންފުނިން ހާމަކުރި ގޮތުގައި އިއްޔެ އެ ކުންފުނިންވަނީ ޖުމްލަ 800 އަށްވުރެ ގިނަ ދަތުރުކޮށްފައެވެ. އެ ދަތުރުތަކުގައި 7،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ މިއީ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފުލީޓު އޮޕަރޭޓުކުރާ ކުންފުނީގެ ތާރީހުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަސިންޖަރުން އުފުލި އުފުލުމެވެ. 

އެ ކުންފުނިން ފާހަގަކުރި ގޮތުގައި އެއް ދުވަހުން މިހާ ގިނަ ދަތުރުކޮށް، 7،000 އަށްވުރެ ގިނަ ފަސިންޖަރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުފުލި އުފުލުމުން ފެނިގެންދަނީ އެ ކުންފުނީގެ އޮޕަރޭޝަންގެ ހަރުދަނާކަމާއި، މިދުވަސްވަރު އަންނަ ފަތުރުވެރިން ގިނަވުުމާއެކު ޑިމާންޑަށް އައި އިތުރުވުމަށް ހޭނި ފެންވަރު ރަނގަޅު އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކެވެ. 

ޓީއެމްއޭއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ރިސޯޓުތަކަށް އުފުލުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް ހައްސާސް މުހިއްމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. 

ހިނގަމުންދާ ފެބްރުއަރީ މަހުގެ ފުރަތަމަ 15 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ އެ މުހުލަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 13 އިންސައްތަ އިތުރުވެފައިވެއެވެ. 

ފެބްރުއަރީ މަހުގެ ފުރަތަމަ ފަނަރަ ދުވަހު އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް 9،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު 15 ވަނަ ދުވަހު 10،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. 

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވަމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މަތީ ފަންތީގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގައި ޓީއެމްއޭއިން އަދާކުރަމުންދާ ދައުރު ހަރުދަނާ ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރިއަށްގެންދެވޭ ސަބަބަކީ ޓީމެއްގެ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު