ENGLISH
12 ފެބްރުއަރީ 2026
ދިވެހިންގެ ކެންޑިޑޭޓު ޖަލީލަށް ހަތަރެއް، ރައީސް އެދިވަޑައިގެންނެވީ ހަތަރަކަށް ވޯޓު ދެއްވުމަށް
12 ފެބްރުއަރީ 2026
|
މޫސާ އަލީ ޖަލީލް، ފޮޓޯ؛ ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން މިއަދު 10:00 ގައި ވަނީ ފަށައިފައެވެ.
މި އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ފަސް ބޭފުޅަކު ވާދަކުރާއިރު ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަަށް ކުރިމަތިލައްވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތުގެ ވެރިޔާ ރިޓަޔަޑް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލެވެ. އަދި އިދިކޮޅު އެމްޑީޕީން މާލޭގެ މޭޔަރުކަމަަށް ކުރިމަތިލައްވަނީ މިހާރުގެ ވެސް މާލޭގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމެވެ. އަމިއްލަ ގޮތުން އިސްމާއީލް ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވި ނަމަވެސް ޒަރިޔަންދަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީއެންއެފުން ތާއީދުކުރެ އެވެ.
އަމިއްލަ ގޮތޮން ދެން ވާދަކުރައްވަނީ އަބްދުالله މަހުޒޫމް މާޖިދާއި އަހުމަދު އައިހަމް މުހައްމަދެވެ.
މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް:
އަމިއްލަގޮތުން: އަހުމަދު އައިހަމް މުހައްމަދު، ކެންޑިޑޭޓު ނަންބަރު 1
އަމިއްލަގޮތުން: އިސްމާއީލް ޒަރިޔަންދު، ކެންޑިޑޭޓު ނަންބަރު 2
އެމްޑީޕީ: އާދަމް އާޒިމް، ކެންޑިޑޭޓު ނަންބަރު 3
ޕީއެންސީ: މޫސާ އަލީ ޖަލީލު، ކެންޑިޑޭޓު ނަންބަރު 4
އަމިއްލަގޮތުން: އަބްދުالله މަހުޒޫމް މާޖިދު ، ކެންޑިޑޭޓު ނަންބަރު 5
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް މިއަދު ވަނީ ތަރުތީބުކޮށްފައެވެ. މި ގޮނޑިއަށް ތިން ބޭފުޅަކު ވާދަކުރެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް:
ޕީއެންސީ: އަލްއުސްތާޒާ އާޝިޔަތު އަލައިކާ އަދުނާން، ކެންޑިޑޭޓު ނަންބަރު 1
އަދާލަތު ޕާޓީ: މަރިޔަމް ޝިމާޒާ، ކެންޑިޑޭޓު ނަންބަރު 2
އެމްޑީޕީ: އާއިޝަތު ރީޝާ، ކެންޑިޑޭޓު ނަންބަރު 3
މާލޭގެ މޭޔަރުކަމުގެ ގޮނޑިއަކީ މައި ސިޔާސީ ދެ ޕާޓީގެ މެދުގައި ވާދަވެރިކަން ބޮޑު ގޮނޑިއަކަށް ވާ އިރު، މި ގޮނޑި ކާމިޔާބުކުރުމަށް މިހާރު ވެސް އަންނަނީ ކެމްޕެއިން ކުރަމުންނެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ކެންޑިޑޭޓް ނަންބަރު ހަތަރެއް ލިބިވަޑައިގަތުމާއެކު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މި އިންތިހާބުގައި މާލެ ސަރަހައްދަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުން މޫސާ އަލީ ޖަލީލަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.