ENGLISH
12 ފެބްރުއަރީ 2026
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލުން ފަށައިފި
12 ފެބްރުއަރީ 2026
|
މާލޭގެ މޭޔަރުންގެ ނަން ތަރުތީބުކުރުން. ފޮޓޯ؛ޕީއެސްއެމް
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނަގަން ފަށައިފިއެވެ.
ގުރުއަތު ނަގަން ފަށާފައިވަނީ މިއަދު 10:00ގައެވެ.
އިންތިހާބަށް ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ހުރިހާ ރަށެއްގައިވެސް އެއް ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މާލެ ސިޓީގައި ގުރުއަތު ނެގުން ކުރިއަށް ގެންދަޏީ އިންތިހާބާ ބެހޭ މައި މަރުކަޒުގައެވެ. އެއީ މާފަންނުގައި ހުންނަ ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތެވެ.
ސިޓީތަކާއި ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.
ކެންޑިޑޭޓުންގެ ގުރުއަތުލުން ފަށާފައިވާއިރު ގުރުއަތު ނަގަން ދާންވާނީ ކެންޑިޑޭޓު އަމިއްލައަށް ނުވަތަ ބަދަލުގައި މީހަކު ފޮނުވައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓުގެ ސިޓީއެއް ފޮނުވަންޖެހޭނެއެވެ. މި ސިޓީގައި ގުރުއަތުނަގަން ދާ މީހާގެ ނަމާއި، އައިޑީ ނަންބަރު އަދި އައިޑީ ކޮޕީ ހިމަންނަންވާނެއެވެ. އަދި ގުރުއަތު ނެގުމަށް އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ.
އެއްވެސް ކެންޑިޑޭޓަކަށް ހާޒިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ނުފޮނުވޭނަމަ އެ މީހެއްގެ ފަރާތުން ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމުލަ 2،993 ކެންޑިޑޭޓުން ވާދަކުރެއެެވެ.
އަދި މި އިންތިހާބުގައި ޖުމުލަ ހަ ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ އިތުރުން ޑަބުލިއުޑީސީތަކަށް ވެސް އެ އަދަދަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.
މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.