ENGLISH

12 ފެބްރުއަރީ 2026

Advertisement

ކަންކަން ނިންމުމުގައި އެއްބާރުލުންދީ، އިންސާފުވެރި ނަތީޖާއެއް ނެރުމަށް ރައީސް ގޮވާލައްވައިފި

12 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް

ކަންކަން ނިންމުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ، އިންސާފުވެރި ނަތީޖާއެއް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް އިއްޔެ ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި ދެއްވި ތަޤްރީރުގައެވެ. 

ދިވެހިރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު، ދުނިޔޭގެ ނިސްބަތުން މަދު ގައުމަކަށް ވީނަމަވެސް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ޤައުމަކީ ދިވެހިރާއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކަށް ހޭނި، އެކަމަށް އަހުލުވެރިވުމަކީ ދިވެހިރާއްޖެއަށް އިޚުތިޔާރީ ކަމެއް ނޫން ކަމަށާއި، ނަމަވެސް، އެއީ ޤައުމުގެ ދެމިއޮތުމާއި، ސަގާފަތާއި އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމީ ސައެންސްގެ އިލްމުގެ އަލީގައި، ޤައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ނުރައްކާތައް ހިމެނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކަށް ހޭނި، އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސްގެ ގާބިލުކަން އިތުރުކޮށްގެން، އެ މަސައްކަތްތަކަކީ މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ، އަދި ރައްޔިތުން އިސްވެ ތިބެ ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ ޤައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސިންގް ލިބުމަކީ، މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖެ ފަދަ ޤައުމުތަކަށް ދުރާލާ ކަށަވަރުކުރެވޭ، އެކަށީގެންވާ، އަދި ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.

ސައިންސްގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީ ފަދަ މުއައްސަސާތަކަކީ ސައިންސާއި ސިޔާސަތުތައް އެކައްޗެއްގެ ގޮތުގައި އެކުލަވާލުމުގައި، ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ އަޑު އުފުލައިދިނުމުގައާއި، މުސްތަގުބަލުގެ މާހިރުންނާއި ލީޑަރުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ޒިޔާރަތުގައި ހިމެނިގެން ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަންގައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ހިލާފު މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އިލްމީ މުއައްސަސާތަކުގެ ދައުރުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު