ENGLISH

11 ފެބްރުއަރީ 2026

Advertisement

މި ރަމަޟާން މަހު 31 ޙާފިޡުން ދަސްވެނިވާނެ

11 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ހާފިޒުންނާއެކު ރައީސް އަދި ވަޒީރު. ފޮޓޯ؛ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޙަފްލާގައި 31 ޙާފިޡުން ދަސްވެނިވާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޙާފިޡުންގެ ދަސްވެނިވުމުގެ ޙަފްލާގެ އެންމެހާ ކަންކަމެއް މިހާރު ފުރިހަމަ ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހަދާ ޙާފިޡުކަމުގެ އިމްތިހާނަކީ ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ އިމްތިޙާނެއްކަމަށާއި ޙާފިޒުން އިމްތިހާން ކުރާ ކޮމިޓީތަކުގައި މެންބަރުންނަށް ތިއްބަވަނީ ތަޖުރިބާކާރު ޙާފިޡުންކަމަށެވެ. އަދި ދަރިވަރުގެ އިމްތިޙާން ކުރިއަށްދާ ގޮތަކީ ކޮންމެ ދުވަހަކު މަދުވެގެން އެއް ފޮތް ހިތުން ކިޔައިދީ މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމުންކަމަށާއި ބައެއް ދަރިވަރުން ދެ ފޮތް ވެސް ކިޔައިދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވަވާކަމަށާއި ރާއްޖެ މިއަދު ދެކެމުން މިދަނީ ﷲ ގެ ހެޔޮ ރަޙުމަތުން މިދާއިރާއިން ހެޔޮ ދުވަސްތަކެއްކަމަށެވެ.

މި ރަމަޟާން މަހު 31 ޙާފިޡުން ދަސްވެނިވާނެކަން ވަޒީރު ހާމަކުރެއްވި އިރު، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީސް ނަމާދު ކުރުމަށް 37 ދިވެހި ހާފިޒުން ވަނީ  ހަމަޖައްސައިފައެވެ. މި ހާފިޒުންގެ ތެރޭގައި ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާ ހާފިޒުންނެވެ.

މިފަހަރުގެ ރަމަޟާން މަހުގެ ތަރާވީސް ނަމާދުގެ އިންތިޒާމުތަކަށް ބަލާލާއިރު، އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް އިމާމުވެ ތަރާވީސް ނަމާދު ކުރާނީ ދިވެހި ހާފިޒުންނެވެ. މީގެ އިތުރުން، މި ދެ މިސްކިތުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ހުކުރު ޚުޠުބާ ކިޔުމުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ.

މިސްކިތްތަކުގައި ނަމާދުކުރުމުގެ އިންތިޒާމުތަކަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު، ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދުކުރާ މިސްކިތްތައް ވަނީ އިތުރުކޮށްފައެވެ. އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ނަމާދުކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވަނީ، އެފަދަ ޖަމާޢަތްތަކަށް ގިނަ އަދަދެއްގެ މީހުން އެއްވާތީއެވެ.

މިގޮތުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތުގެ އިންތިޒާމެވެ. މީގެ ކުރިން ކުރުކޮށް ތަރާވީސް ކުރަމުން އައި މި މިސްކިތުގައި މިފަހަރު ކުރާނީ ދިގުކޮށް ހިފްޒުކޮށް ނަމާދުކުރުމަށެވެ. އަދި ބަރުބަރީ މިސްކިތުގައި މިފަހަރު ކުރުކޮށް ތަރާވީސް ކުރާނެއެވެ. މި ބަދަލު ގެނައީ ޢާދިލް މިސްކިތުގައި ކުރުކޮށް ނަމާދުކުރާއިރު ޖަމާޢަތް ބޮޑުވެ، މަޖީދީ މަގު ބްލޮކްވެ އާންމުންނަށާއި ދުއްވާ އެއްޗެއްސަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައެވެ.

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރު އަންނައިރު މާލެ ސަރަހައްދުގައި އިމާމުވެ ތަރާވީސްކުރާ ހުރިހާ ހާފިޒުންނަކީ ދިވެހިންނަށް ހެދުމެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މިފަހަރު ގިނަ އަދަދެއްގެ ދިވެހި ހާފިޒުން ތަރާވީސް ކުރާނެއެވެ.

މީގެ އިތުރުން، މިފަހަރުގެ ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރާ ބޭފުޅުންގެ ތެރޭގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުން ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު