ENGLISH

11 ފެބްރުއަރީ 2026

Advertisement

ދެމަފިިރިންގެ ތެރެއިން އެކަކަށް ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް ލެވޭގޮތަށް މާޗުގައި ހުޅުވާލަނީ

11 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ދެމަފިިރިންގެ ތެރެއިން އެކަކަށް ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް ލެވޭގޮތަށް މާޗުގައި ހުޅުވާލަން ދަނީ ތައްޔާރުވަމުން. ފޮޓޯ؛ގެދޮރުވެރިކަމާ ބެހޭ ވުޒާރާ

ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތަސް އަދި ބިންވެރިޔާ ސްކީމުން ދޫކުރި ޖޮއިންޓް ގޯތިތައް ދޫކޮށްލާނަމަ، އޭގެ ތެރެއިން ކޮންމެ މީހަކަށް ވަކީން ގޯތި ލިބޭނެ ގޮތަށް އުސޫލު ބަދަލުކޮށް، އިތުރު ކުރި ކެޓަގަރީއަށް އަންނަ މާޗު މަހު ހުޅުވާލާނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްދަނީ މި ކެޓަގަރީތަކާއި ގުޅޭ އުސޫލުގައި ހިމަނާނެ ޝަތުރުތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅައި އުސޫލު ފައިނަލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

މިކަމުގެ ސަބަބުން ބިންވެރިކަމެއް ނެތް އާއިލާތަކަށް އެ ފުރުސަތު ހޯދައިދެވޭނެކަމަށާއި ޖޮއިންޓު ގޯތި ލިބުނު މީހުންގެ ކެޓަގަރީއިން ޝަރުތު ހަމަވާނީ އޭގައި ހިމެނޭ އެންމެން ބިން ދޫކޮށްލަން އެއްބަސްވާނަމަ ކަމަށާއި މިގޮތަށް މިކަން ކުރަނީ އިޖުތިމާއީ މައްސަލަތައް ކުޑަކުރުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތަސް އަދި ބިންވެރިޔާ ސްކީމުން ދޫކުރި ޖޮއިންޓް ގޯތިތައް ދޫކޮށްލާނަމަ، އޭގެ ތެރެއިން ކޮންމެ މީހަކަށް ވަކީން ގޯތި ލިބޭނެ ގޮތަށް އުސޫލު ބަދަލުކުރަން ނިންމި ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ބިންވެރިޔާ ސްކީމުން ބިން ލިބުނު އެތައް ބަޔަކު ޢާއިލީ އަދި އެހެނިހެން މައްސަލަތަކާހެދި ވަކިން ގޯތި ލިބުމަށް އެދެމުންދާ ކަމަށެވެ. އެހެން ކަމުން އެ މީހުންނަށް މިހާރު ލިބިފައިވާ ގޯތި އެންމެން ރުހި، އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ވަކި ވަކިން އެންމެނަށް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭނެ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިހާރު ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 15,000 ގޯތީގެ ތެރެއިން 1,000 ގޯތި އެކަމަށް ޚާއްސަ ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު