ENGLISH

11 ފެބްރުއަރީ 2026

Advertisement

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

11 ފެބްރުއަރީ 2026

|

ފާތުމަތު އަދާ

ކްރިމިނަލް ކޯޓް:ޕީއެސްއެމް

ޕާކިސްތާނު މީހަކު ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުން އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. 

މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ 2024 ވަނަ އަހަރު ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އަބްދުއްލަތީފް ބަލޮޗްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މާރިޗް މަހުގެ 12 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަންލް އެއާޕޯޓް އިން ހުއްޓުވައި އޭނަގެ ނަންމަތީ އޮތް ދަބަހެއް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިގެންނެވެ.

އަބްދުއްލަތީފް ބަލޮޗް އައިސްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއްގައެވެ. އަދި ލަގެޖް ހިފައިގެން އަމިއްލަޔަށް އޭނާ ގޮސް ކަސްޓަމްގެ ރެޑް ޗެނަލަށް ވަނެވެ. ކަސްޓަމްގެ އޮފިސަރުން ސުވާލުކޮށް އޭނަގެ ބޯޑިން ޕާސް ބެލިއިރު، އިތުރު ލަގެޖެއް އޭނަގެ ނަމުގައި ޗެކިން ކޮށްފައިވާކަން ވަނީ އެނގިފައެވެ. އެގޮތުން އެ ލަގެޖް ހޯދުމަށް ކަސްޓަމްސް އޮފިސަރުން ވަނީ ބެލްޓް ކައިރިއަށް ގޮސްފައެވެ.

އޭނަގެ މައުލޫމާތާ ދިމާވާ ކަޅު ދަބަހެއް ކަސްޓަމްގެ އޮފިސަރުން ބެލްޓްއިން ވަނީ ނަގާފައިއެވެ. އަދި އެ ކަޅު ދަބަސް އަބްދުއްލަތީފް ބަލޮޗްގެ ހާޒިރުގައި އެކްސްރޭ ކުރުމުން ސުވާލު އުފެދޭ ކަންކަން ފާހަގަކުރެވިފައިވާތީ އެ ދަބަސް ފާސްކުރަނިކޮށް ޓްރާންސްޕޭރެންޓް ރަބަރު ގަނޑަކަށްލައި އޮޅާލާފައިވާ ކަޅުކުލައިގެ ރަބަރު ޕެކިނެއްގައި ބަންދުކޮށްފައި އޮތް 2 ޕެކޭޖެއްގައި 5200.1 ގްރާމް ޑައިމޯފިން ހުރިކަމަށް ތަހުލީލު ރިޕޯޓުތަކުން ވަނީ ދައްކާފައެވެ.

އޭނާ ވަނީ އެ މައްސަލައިގެ ޝަރީއަތުގައި ދައުވާތަކަށް އިންކާރުކޮށްފައެވެ. އެ ކަޅު ދަބަހަކީ އޭނަގެ އެއްޗެއް ނޫން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ކޯޓުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައެވެ.

އަބްދުއްލަތީފް ބަލޮޗް އެކަން ކުރުމުގައި ކުށުގެ ނިޔަތެއް އޮތްކަން ފާހަގަކޮށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނަގެ މައްޗަށް ވަނީ އިއްވާފައެވެ.

މި މައްސަލާގައި އޭނަ ބަންދުގައި 1 އަހަރާއި 11 މަހާއި 10 ދުވަސް ހޭދަކޮށްފައިވާތީ ޖަލުގައި އޭނާ ހޭދަކުރަން ޖެހޭނީ 23 އަހަރެވެ. މީގެއިތުރުން އޭނާ ވަނީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު