ENGLISH
12 ފެބްރުއަރީ 2026
ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވަން ގެނައި ބޮޑީ ސްކޭނަރު އޭޕްރީލް މަހު ބޭނުންކުރަން ފަށަނީ
11 ފެބްރުއަރީ 2026
|
މާފުށި ޖަލު. ފޮޓޯ؛ ސަން
އެންމެ މަޤްބޫލު
ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން މާލެ އަތޮޅު މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި އަމާޒަކީ އަންނަނީ އޭޕްރީލް މަހުގެ ތެރޭގައި ބޮޑީ ސްކޭނަރުގެ ބޭނުން ކުރަން ފެށުންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު ވާނީ މާފުށީ ޖަލަށް ގެންދެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން އިޢުލާން ކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށާނެ ކަމަށެވެ.
މި ސްކޭނަރުގެ ބޭނުންކުރަން ފެށުމާއެކު ޖަލަށް ވައްދަން ނުޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް ނުވެއްދޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
"މީގެ ސަބަބުން، ޖަލުން ސްކޭމް ކޯލް ކުރުމާއި، މި ބާވަތުގެ އެހެނިހެން ކަންކަން އިރާދަކުރެއްވިއްޔާ ހުއްޓުމަކަށް ގެނެވޭނެ. " - ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން
ޖަލަށް ދިމާވެފައިވާ މައްސަލަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޖަލު ތޮއްޖެހުމާއި ގައިދީންނަށް ރިހެބިލިޓޭޝަން ފަރުވާ ރަނގަޅަށް ހިންގުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.
"މިއޮތް ހާލަތަކީ ވަރަށް ކޮންޑިއުސިވް މާހައުލެއް އޭގެ ތެރެއިން އިތުރު ކްރައިމް އައުމަށް. އެ ހާލަތު އެގޮތަށް ދެމިއޮންނާތީ ކަމަށް ބޮޑަށް އަޅުގަނޑަށް ލަފާވަނީ ސްކޭމް ކުރުމުގެ ފުރުސަތުވެސް މި ލިބިގެން މިއައީ. ހަމައެއާއެކު ޖަލުގެ ސަލާމަތާއި ރައްކާތެރިކަން، ޖަލަށް ވަދެ ނިކުމެ ހަދާ ހެދުމުގަ ބެލެހެއްޓެން ޖެހޭ ވަރަށް ނުބެލެހެއްޓުން. ނުބެލެހެއްޓިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ އެންމެ އެކަށޭނަ ވަސީލަތްތައް ނެތުން. ޖަލުތަކުގަ ތިބި އޮފިސަރުންނަކީވެސް ހަމަ އިންސާނުން. ބައެއް ކުދިން އަތުން ގޯސްތައްވެސް ހެދިފަ އެބަހުރި. ސްކޭމް މައްސަލަތައްވެސް އިތުރުވާތީ ކުރި ދިރާސާއެއްގަ ނަތީޖާއަކަށްވީ ބޮޑީ ސްކޭނަރެއް ހުރެގެން ޖަލަށް އެއްވެސް އެއްޗެއް ނުވެއްދޭނެ ކަމުގެ ޔަގީންކަން ނިޒާމެއްގެ ތެރެއިން އައުމާއެކީގަ ކަންކަން ރަނގަޅުވާނެ." - ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން
ކުށްކޮށްގެން ޖަލަށް ޙުކުމްކުރާ ފަރާތްތައް ޖަލުގައި ބަންދުކޮށްފައި ތިބޭއިރު، އިންސާނީ ކަރާމާތާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިންތިޒާމުތައް ހުރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ސަރުކާރު ވެރިކަމަށް އައިއިރު ދިވެހިރާއްޖޭގައި ހުރި ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކުށްވެރިން އުޅެމުންދިޔައީ ކަރަންޓުގެ ޚިދުމަތްނެތިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް މިހާރު ވާނީ ކަރަންޓު ފޯރުކޮށްދީފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޖަލަކީ ހަމައެކަނި އަދަބު ދިނުމަށް ގެންދެވޭ ތަނަކަށް ވުމުގެ ބަދަލުގައި، އެ ތަނަކީ، ޙުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ހެދުމަށް އިސްލާޙީ ރިހެބިލިޓޭޝަންގެ ފުރުސަތު ދެވޭ ތަނަކަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެކެވެ. މިގޮތުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގަވާއިދުން ބައިވެރިވެ، ވަކި މިންގަނޑެއްގައި އަޚްލާޤު ހިފެހެއްޓުމުން، ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލު ޙުކުމުން އިތުރު ދުވަހެއް ކެނޑޭގޮތަށް މިހާރު ވަނީ ސިޔާސަތު ބަދަލުކޮށްފައެވެ.
އަދި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓްގައި، މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތްތައް ކުރެވޭގޮތަށް، ރިހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްޤީކުރުމަށް ނިންމައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
މިޖަލު ޤާއިމުކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތް، މި އަހަރުގެ މެދުތެރޭގައި ފަށައި، މި އަހަރުގެ ނިޔަލަށް އެ ތަނަށް ގައިދީން ލުމަށް ވެސް ސަރުކާރުން ވަނީ ޕްލޭންކޮށްފައެވެ.