ENGLISH
10 ފެބްރުއަރީ 2026
އަމާޒަކީ އެމެރިކާ އަދި މެދުއިރުމަތިން އަންނަ ފަތުރުވެރިން އިތުރުކުރުން: ނަސްރުﷲ
10 ފެބްރުއަރީ 2026
|
އެމެރިކާ އަދި މެދުއިރުމަތިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ހާއްސަ އިސްކަމެއް މި އަހަރު ދޭން ވަނީ ނިންމާފައި. ފޮޓޯ؛މޯލްޑިވިއަން
އެންމެ މަޤްބޫލު
މި ފެށުނު އައު އަހަރާއެކު އެންމެ ބޮޑު އިސްކަމެއްދޭނީ އެމެރިކާ އަދި މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރުކުރުމަށް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ޗީފް ކޮމާޝަލް އޮފިސަރ ނަސްރުﷲ އާދަމް ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ފަތުރުވެރިކަމުގެ ދާއިރާއިން މި އަހަރު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
މިކަންކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން "އެމްއެމްޓީވީ"ގެ ރިޔާސީ ބަޔާން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނަސްރުﷲ ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށާއި، ފަތުރުވެރިންގެ ނިސްބަތް އިތުރުކުރުމަށް ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތަކީ ތަފާތު މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްކަމަށެވެ.
މިވަގުތަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއްވަނަ މާކެޓެއްގެ ގޮތުގައި އޮތީ ޔޫރަޕްގެ މާކެޓުކަމަށް ނަސްރުﷲ ވިދާޅުވިއެވެ. އެގޮތުން ރާއްޖެ ޒިޔާރަތްކުރާ 59 އިންސައްތަ ފަތުރުވެރިން އަންނަނީ ޔޫރަޕް މާކެޓުންކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
އައު މާކެޓެއްގެ ގޮތުގައި އެމެރިކާ އަދި މެދު އިރުމަތީގައި ރާއްޖެ ޕްރޮމޯޓުކޮށް އެ ދެ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުކުރުމަށް މި އަހަރު ބޮޑު އިސްކަމެއް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެމެރިކާއިން ވެސް ރާއްޖެ އާދޭ ފަތުރުވެރިން. ނަމަވެސް މި އަހަރު އަދި ކުރިއަށް އޮތްތާ އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސް ކުރާނަން އެމެރިކާއަށް. އަދި މި އަހަރު ހާއްސަ ސަމާލުކަމެއް ދޭނަން މެދުއިރުމައްޗަށް. އަރަބި ގައުމުތަކަކީ ޕްރައިވެސީ ބޭނުންވާ ބައެއް. ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ބައްޓަންކުރެވޭނަމަ މެދުއިރުމަތީގެ ފަތުރުވެރިން ލިބޭނެ އަޅުގަނޑުމެންނަށް. " - ޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ޗީފް ކޮމާޝަލް އޮފިސަރ ނަސްރުﷲ އާދަމް
ނަސްރުﷲ ވިދާޅުވީ މިކަންކަމަށް ވިސްނައިގެން މި ދެ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް މި އަހަރު މުހިންމު ކަންކަން ރާވާލެވިފައިވާނޭކަމަށެވެ.
އެމެރިކާ އަދި މެދުއިރުމަތިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް އަމާޒު ހިފާފައިވާއިރު އަހަރުގެ މިހާތަނަށް އެމެރިކާއިން 8،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
އައު އަހަރުގެ އަމާޒަކީ ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނެސް، 11.3 އިންސައްތައިގެ ކުރިއެރުމެއް ހޯދުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އަމާޒަށް ވާސިލުވުމަށް 2027 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސްގެ އަހަރުގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ނިމުނު އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ. އެގޮތުން ނިމިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.