ENGLISH
10 ފެބްރުއަރީ 2026
ބޮޑެތި ކުށްވެރިން ދޫކޮށްލަން ރައީސްގެ އަރިހުގަ އެދޭކަށް މިހާރަކު ނުކެރޭނެ: އިހުސާން
10 ފެބްރުއަރީ 2026
|
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން. ފޮޓޯ: ދާހިލީ ވުޒާރާ
އެންމެ މަޤްބޫލު
ބޮޑެތި ކުށްވެރިން ދޫކޮށްލަން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދެވޭގޮތަށް މީގެ ކުރިން އޮތް ނަމަވެސް އަދުގެ ސަރުކާރުން އެކަން ބަދަލުކުރައްވާފައިވާކަމަށާއި މިހާރު ބޮޑެތި ކުށްވެރިން ދޫކޮށްލަން ރައީސްގެ އަރިހުގައި އެދޭކަށް ނުކެރޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން، އެ ތަކެތީގައި ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި، ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ޙުކުމްކުރާ ހާލަތުގައި މަރުގެ އަދަބު ދިނުން ހިމެނޭހެން ބޮޑެތި އަދަބުތައް މިހާރު ކަނޑައެޅިފައިވާކަން ފާހަގަކުރައްވާފައެެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މުހިންމު ބޮޑެތި އިޞްލާޙުތަކެއް ގެނެސްފަވާއިރު މި އިސްލާހުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ މުޅި ދައުލަތް ހިމެނޭހެން މަސައްކަތް ކޮށްގެން ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތުގައި ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޑްރަގުގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނަށް އަފްއާމް ދިނުމުގެ ކަންކަން އުނިކޮށްފަ އޮތްއޮތުމުން ހާމަވަނީ މި މައްސަލަ ހައްލުކުރުމަށް ރައީސް ބޭނުންފުޅުވާ މިންވަރު ކަމަށެވެ.
"ރައީސްގެ އަތްޕުޅުގަ އޮންނަ ބޮޑެތި ބާރުތައްވެސް ދޫކޮށްލައްވައިގެން ދިވެހި ރައްޔިތުންނަށްޓަކައި މިކަން ހައްލުކޮށްދެއްވުމަށް ބޭނުންފުޅުވާ ރައީސް އެއް އަދުގެ ރައީސް ޑރ. މުޢިއްޒަކީ. އަޅުގަނޑުމެންނަށް މިއަދު އޮތް ޔަގީން ކަމަކީ މިކަން ހައްލުކުރެވިދާނެކަން. ކުރީ ސަރުކާރުގަ ނެތް އެ ކޮމިޓްމެންޓެއްވެސް. މިހާރަކު އެއްވެސް މީހަކަށް ނުކެރޭނެ ޖަލުގަ އޮންނަ މީހެއް ދޫކޮށްލަން ރައީސްގެ އަރިހުގަ އެދޭކަށް. އަދި އަޅުގަނޑަށާ ސީޕީއަށްވެސް އެ ކޯލު ނާންނާނެ ކަމުގެ ޔަގީކަން މިއަދު އޮވޭ. " - ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން
މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް މިހާރު ވަނީ ދީފައެވެ.
އަދި ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި، އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލުވެސް، މި އިޞްލާޙުގެ ތެރެއިން މުރާޖަޢާކޮށްފައިވެއެވެ.
ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިއަހަރުގެ ތެރޭގައި މަސްތުވާތެކީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންޑީއޭއަށް ހުޅުމާލެއިން ލިބިފައިވާ ބިމުގެ އިތުރުން ގްރީންގެވެސް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.